ރަޝިޔާ – ޔޫކްރެއިން ސުލްހައިގެ މަޝްވަރާތައް ތުރުކީގައި މިއަދު ފަށައިފިއެވެ.
މިއީ، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ތުރުކީގެ އިސް ނެގުމުގެމަތިން ބައްވާ ވާހަކަތަކެވެ.
އިސްތަމްބޫލްގައި މަޝްވަރާތައް ފަށްޓަވައި ދެއްވީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއެވެ.
މަޝްވަރާތައް ފަށްޓަވައި ދެއްވަމުން އުރުދުޣާންވަނީ، ހަނގުރާމަ ހުއްޓާލުމަށް، ރަޝިޔާ އަދި ޔޫކްރެއިނުން މަޝްވަރާތަކުގައި ބައިވެރިވާ ވަފުދުތަކުގެ މައްޗަށް ތަރީޚީ ޒިންމާއެއް އޮތްކަން ހަނދާންކޮށް ދެއްވާފައެވެ.
ތުރުކީގެ ރައީސް ވިދާޅުވީ، އަދުލުވެރި ސުލްހައެއް ހޯދުމަށް ކުރެވޭ މަސައްކަތެއްގައި އެއްވެސް ބަޔަކީ ނާކާމިޔާބުވާނެ ބައެއް ނޫން ކަމަށެވެ.
ހަނގުރާމަ ދިގުލައި ދިއުމަކީ އެއްވެސް ބައެއްގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށާއި، ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ގެއްލުންބޮޑު ހަނގުރާމަ ހުއްޓާލުމުގެ އިޚްތިޔާރު އޮތީ ދެފަރާތުގެ އަތްމަތީގައި ކަމަށްވެސް ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވިއެވެ.
ހަނގުރާމައާ ގުޅިގެން ޔޫކްރެއިން އަދި ރަޝިޔާގެ ކަންބޮޑުވުމަކީވެސް ސައްހަ ކަންބޮޑުވުންތަކެއް ކަމަށާއި، ތުރުކީގައި ބާއްވާ ވާހަކަތަކުން އާރުލާ ނަތީޖާއެއް ނެރެންޖެހޭ ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ. އަދި ހަނގުރާމަ ވަގުތުން ހުއްޓާލަންވެސް އުރުދުޣާން ގޮވާލެއްވިއެވެ.
މަޝްވަރާތަކުގައި ރަޝިޔާ އަދި ޔޫކްރެއިންގެ ފަރާތުން ބައިވެރިވަނީ ކޮން ފެންވަރެއްގެ ބޭފުޅުންކަމެއް ސާފެއް ނުވެއެވެ.
ޔޫކްރެއިން ޓީވީން ބުނެފައިވަނީ، ވާހަކަތއް ފެށުނީ ވަރަށް ފިނިގޮތަކަށް ކަމަށެވެ. ދެގައުމުގެ ވަފުދު އެއްބަޔަކު އަނެއްބަޔަކަށް ސަލާންވެސް ނުކުރާ ކަމަށް ބުނެފައި ވެއެވެ.