ތުރުކީގައި މިއަދު ފެށުނު ރަޝިޔާ – ޔޫކްރެއިން ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ ޔޫކްރެއިން ވަފުދުގައި ހިމެނޭ އެއްވެސް ބޭފުޅަކު މަޝްވަރާ އޮންނަ ތަނުގައި އެއްވެސް އެއްޗެއް ކައިބޮއި ނުހެދުމަށް އަންގައިފިއެވެ.

މިކަމަށް އިލްތިމާސް ކުރެއްވީ ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ޑްމިޓްރޯ ކުލޭބާއެވެ.

މަޝްވަރާތައް އޮންނަ ތަނުގައި އެއްވެސް އެއްޗެއް ކައިބޮއި ނުހެދުމަށް އިލްތިމާސް ކުރެއްވުމުގެ އިތުރުން، ތަނެއްގައި އަތް ނުލުމަށްވެސް ކުލޭބާވަނީ އެދިވަޑައިގެންފައެވެ.

ޔޫކްރެއިންގެ ޚާރިޖީ ވަޒީރު މިކަންކަމަށް އެދިވަޑައި ގެންނެވީ ޔޫކްރެއިންގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ މިކަމަށް އިލްތިމާސް މިކުރެއްވީ، މިމަހުގެ ކުރީކޮޅު ރަޝިޔާ – ޔޫކްރެއިން އޮފިޝަލުންގެ މެދުގައި ބޭއްވި ވާހަތަކުގައި ބައިވެރިވެވަޑައި ގެންނެވި ރަޝިޔާގެ ބިލިއަނަރ އަބްރަމޮވިޗާއި، ޔޫކްރެއިން ވަފުދުގެ މެމްބަރުންގެ ކިބައިން، އެ ބޭފުޅުންނަށް ކެވުނު ނުވަތަ ބޮވުމުގެ އެއްޗެއްގެ ސަބަބުން ވިހައިގެ އަސަރުކޮށް އޭގެ އަލާމާތްތައް ފެނިފައިވާ ކަމަށް ފެތުރުނު ރިޕޯޓްތަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ތަފާތު ގޮތްގޮތަށް ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ.

ޖާސޫސީ ރިޕޯޓްތަކާ ހަވާލާދީ އެމެރިކާގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، ވާހަކަތަކުގައި ބައިވެރިވި ބޭފުޅުންނަށް ދިމާވި މައްސަލައަކީ މާހައުލު ތަފާތުވުމުގެ މައްސަލައެއް ކަމަށެވެ. އެއީ، ވިހައިގެ ކަމެއް ނޫން ކަމަށެވެ.

ވިހައިގެ އަސަރު ކުރިކަމަށް އަޑު ފެތުރުނު ބިލިއަނަރ އަބްރަމޮވިޗް މިއަދު ފެށުނު ތުރުކީ މަޝްވަރާތަކުގައިވެސް ބައިވެރިވެއެވެ. ރަޝިޔާގެ މީޑިއާއިން އާންމުކުރި ފޮޓޯތަކުން އަބްރަމޮވިޗް އިސްތަމްބޫލް ވާހަކަތަކުގައި ބައިވެރިވާކަން ހާމަވެފައި ވެއެވެ.

އިނގިރޭސި މަޝްހޫރު ފުޓްބޯޅަ ކްލަބް ޗެލްސީގެ ވެރިޔާ އަބްރަމޮވިޗް އިސްތަމްބޫލް ވާހަކަތަކުގައި އަދާކުރަނީ ކޮން ދައުރެއްކަން ސާފު ނުވާކަމަށް މީޑިއާއިން ރިޕޯޓް ކުރެއެވެ.

ބެލެވޭގޮތުގައި، މިއަދު ފެށުނު މަޝްވަރާތައް ބޭއްވޭގޮތް ހެދީ އަބްރަމޮވިޗް ކަމަށްވެސް މީޑިއާއިން ބުނެފައި ވެއެވެ.

ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، ސުލްހައިގެ ވާހަކަތަކުގައި އަބްރަމޮވިޗް ބައިވެރިވުން ރަޝިޔާ އަދި ޔޫކްރެއިނުންވެސް އެޕްރޫވް ކޮށްފައިވާ ކަމަށެވެ.

ރަޝިޔާ - ޔޫކްރެއިން ސުލްހައިގެ ވާހަކަތައް ކުރިއަށްދަނީ އިސްތަމްބޫލްގެ ޑޮލްމަބާޗޭ ޕެލަސްގައެވެ.