- ދުނިޔޭގެ ބައެއް ހިސާބުތަކުގައި ކޮވިޑްބަލި އިތުރުވަނީ
ކޮވިޑްގެ ބަލިމީހުންނަށް ދިނުމަށް ފައިޒަރ ކުންފުނިން އުފައްދާފައިވާ ބޭސް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ދީގެން ޓެސްޓްކުރަން ތައްޔާރުވަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިން ބުނެފިއެވެ.
މިއީ، ފައިޒަރ ކުންފުނިން އުފެއްދި ކޮވިޑްބޭސް ޓެސްޓްކުރުމަށް ދުނިޔޭގައި ހިންގާ އެންމެ ބޮޑު ޓެސްޓެވެ. މި ޓެސްޓަށް "ރިކަވަރީ" ގެ ނަމުންވެސް ނަންދީފައި ވެއެވެ.
ފައިޒަރ ކުންފުނިން އުފައްދާފައިވާ ކޮވިޑް ބޭހަށް ދީފައިވާ ނަމަކީ "ޕެކްސްލޮވިޑް" އެވެ.
މިބޭހަކީ ކޮވިޑްބަލީގެ ކުރީކޮޅު ބަލިމީހުންނަށް ދިނުމަށް އިނގިރޭސިވިލާތުން މިހާރުވެސް ވަގުތީ ހުއްދައެއް ދީފައިވާ ބޭހެކެވެ.
މި ބޭހުގެ ޓްރައިލްގެ ޖޮއިންޓް ޗީފް އިންވެސްޓިގޭޓަރ އަދި ޔުނިވަރސިޓީ އޮފް އޮކްސްފޯޑުގެ ޕްރޮފެސަރ ޕީޓަރ ހޯރބީ ވިދާޅުވީ، ޕެކްސްލޮވިޑަކީ ވަރަށް އުންމީދީ ކާބޭހެއް ކަމަށާއި، އެހެން ނަމަވެސް، މި ބޭސް ދީގެން ކޮވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރެވޭކަން އަދި އެނގިފައި ނުވާ ކަމަށެވެ.
އެހެންކަމުން، އިނގިރޭސިވިލާތުގައި ފަށާ ޓްރައިލްސްގެ އެންމެ މައިގަނޑު ބޭނުމަކީ، ކޮވިޑް ޖެހިގެން ބަލީގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައިވާ ބަލިމީހުންނަށް ފައިޒަރއިން އުފެއްދި ބޭސް ދީގެން މަރުވުމުގެ ރިސްކް ކުޑަކުރެވޭ މިންވަރު ދެނެގަތުން ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.
މީގެއިތުރުން، ބޭސްދީގެން ބަލިމީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ މުއްދަތު ކުޑަކުރެވޭ މިންވަރު ބަލާނެ ކަމަށްވެސް، މި ޓްރައިލްސް އިސްކޮށް ކުރިއަށްގެންދާ އޮކްސްފޯޑް ޔުނިވަރސިޓީން ބުނެފައި ވެއެވެ.
ބޭސް އުފައްދާ އެހެން ކުންފުންޏެއް ކަމަށްވާ މަރކް އެންޑް ރިޖްބެކް ބަޔޯތެރަޕިއުޓިކްސްއިން ތަރައްގީކޮށް އުފެއްދި ކޮވިޑްބޭސް "މޮލްނުފިރވިއަރ" ގެ ޓެސްޓުތައްވެސް އިނގިރޭސިވިލާތުގައި މިއަހަރުގެ ކުރީކޮޅު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީވެސް ކާ ބޭހެކެވެ.
އިނގިރޭސިވިލާތަކީ މި ބޭހަށް ހުއްދަދިން ދުނިޔޭގެ ފުރަތަމަ ގައުމުވެސް މެއެވެ.
ފައިޒަރ، މަރކް އެންޑް ރިޖްބެކް ބަޔޯތެރަޕިއުޓިކްސް، ސްވިސް ރޮޝޭ ހޯލްޑިންގ އޭޖީންވެސްވަނީ ކޮވިޑަށް ބޭހެއް ތަރައްގީކޮށް އަޖުމަ ބަލާފައެވެ. އަދި ދުނިޔޭގައި ބޭސް އުފައްދާ އެހެން ކުންފުނިތަކުންވެސް ގެންދަނީ ކޮވިޑަށް ބޭހެއް އުފައްދަން މަސައްކަތް ކުރަމުންނެވެ.
ކޮވިޑަށް ބޭސް އުފައްދަން ދުނިޔޭގައި ބޭސް އުފައްދާ ކުންފުނިތަކުން މަސައްކަތް ކުރަމުން ގެންދާއިރު، ކޮވިޑަށް އެތައް ވެކްސިނެއް އުފައްދައި ގެންދަނީ ބޭނުން ކުރަމުންނެވެ.
ވެކްސިން ޖަހައި އަދި ބޭސްތައްވެސް ބޭނުން ކުރަމުންދާއިރު، ދުނިޔޭގެ ބައެއް ހިސާބުތަކުގައި ކޮވިޑްގެ ކޭސްތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ޗައިނާގެ ބައެއް ރަށްތައް އިއްޔެއިން ފެށިގެން ވަނީ ފުލް ލޮކްޑައުން ކޮށްފައެވެ.