މިއަދަކީ ދިވެހިންގެ ރައްކާތެރިކަމާއި ސަލާމަތް ކަށަވަރުކޮށްދިނުމުގައި އެންމެ އިސް ވާޖިބެއް އަދާކުރަމުން އަންނަ އެއް މުވައްސަސާ ކަމަށްވާ ދިވެހި ފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުން ފާހަގަކުރެވޭ ތާރީޚީ ދުވަހެކެވެ.
ފުލުހުންގެ ޚިދުމަތުގައި ނިމިގެން މިދިޔަ ދިގު މާޒީގެ ކޮންމެ ދުވަހަކީވެސް ނުހަނު މަތިވެރި ޚިދުމަތްތަކެއް، އެފަރާތްތަކުގެ ކިބައިން ޤައުމަށް ލިބިގެން ގޮސްފައިވާ ދުވަސްތަކެވެ. 89 އަހަރުގެ ތެރޭގައި ޤައުމަށް ދިމާވި ނުރައްކާތެރި ހާލަތްތަކާއި، ހިތާމަވެރި ހާލަތްތަކާއި، އުފާވެރި ހާލްތަތްތަކުގަައިވެސް އެންމެ ކުރީ ސަފުން ފެނިގެން ގޮސްފައިވަނީ ފުލުހުންނެވެ.
ކަނޑުމަތީގައި ވިޔަސް އަދި އެއްގަމުގައި ވިޔަސް ހުއްޓުމެއް ނެތި ފަސްޖެހުމެއް ނެތި ދިވެހި ފުލުހުން އެ މީހުންގެ ގައުމީ ވާޖިބު އަދާކުރިއެވެ. ގަދަވަޔާއި ވިއްސާރަ އާއި ހޫނު ދިލަގަދަ އަވީގައި ވަރުބަލިވިޔަސް އެ ބަލިކަން ނުދެއްކުމަށް ކުރި ހުވާގެ މަތީގައި ދެމި ތިބުމަށް ހިތްވަރުކުރިއެވެ. ގައުމަށް ކުރިމަތިވި ބޮޑެތި ގުދުރަތީ ކާރިސާތަކާއި އާލަމީ ވަބާތަކާއި ނުރައްކާގެ އެކިއެކި ދަނޑިވަޅުތަކުގައި ރައްޔިތުންގެ ހައްގުގައި ފުލުހުން އެތައް ގުރުބާނީއެއް ވެފައި ވެއެވެ.
ރާއްޖޭގެ 89 ވަނަ ފުލުހުންގެ ދުވަސް ފާހަގަކުރާ މި ދަނޑިވަޅުގައި، އެ މުވައްސަސާ އެ ވުޒާރާއެއްގެ ކުޑައިގެ ދަށުގައި އޮންނަ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އިސްވެރިޔާ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވީ، މި ދަނޑިވަޅަކީ މުޅި މުއައްސަސާ ރިފޯމްކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއް ކަމަށެވެ. މީގެ އިތުރުން، މިހާރު ފުލުހުންގެ ތަމްރީނަށް އިހުގައި ދެވިފައިނުވާ އިސްކަން ދޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ތަމްރީންތަކުގައި މިހާރު ބޭނުންކުރަނީ ޒަމާނީ ވަޞީލަތްތައް ކަމަށެވެ. މިއީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިހުނަށް ވުރެ ރަނގަޅުވެ، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް އޮތް ބާރަކަށް ވާނެކަން ގައިމެވެ.
ފުލުހުންގެ އެންމެ އިސް ވާޖިބަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތައް ނަގަހައްޓާ، ދިވެހި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށް އެންމެ މަތީ މަސްލަޙަތު ރައްކާތެރިކޮށް، އިންސާނީ ހައްޤުތައް ހިމާޔަތްކޮށް، އަމާންވެށްޓެއް އެންމެހާ ރައްޔިތުންނަށް ޤާއިމްކޮށްދިނުން ކަމުގައި ވީ ހިނދު އެ މުވައްސާސާގައި ހުރި ވަސީލަތްތަކާއި ފުލުހުންގެ ލަޔާގަތާއި ގާބިލިއްޔަތުކަން ތަންދިން މިންވަރަކުން ވާޖިބުތައް އަދާކުރުމުގައި ވަކިވަކި ފަރުދުންނާ ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއި އިންސާފުވެރިކަން އިސްކުރިއެވެ.
ދިވެހި ފުލުހުން ރެއާއި ދުވާލު ކުރަމުން އަންނަ ކަމަކީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ޖަމްޢިއްޔާތަކާއި އަދި ރައްޔިތުންނާއި ގުޅިގެން ކުށް ކުރުން ހުއްޓުވައި، ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްޓަކައި އަދި އަމާން ވެށްޓެއް ގާއިމުކުރުމަށް އެކިފެންވަރުގެ މަސައްކަތްތައް ކުރުމެވެ.
މި ތާރީޚީ ދުވަހު ފުލުހުންގެ އިސްވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވީ، ޤައުމުގެ ޞުލްޙަޔާ ހަމަޖެހުމަށް ފުލުހުން ކުރާ މަސައްކަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަން ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ 89 ވަނަ އަހަރީ ދުވަހު ލިބޭ އެންމެ ބޮޑު އުފަލަކީ ފުލުހުންގެ އައު ޤާނޫނެއް ވުޖޫދުވެފައި ވުމެވެ. މި ގާނޫނުގެ ސަބަބުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކާއި ކަރާމާތަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި އަދި ތަންފީޛުކުރުމާއި، އަމަންޢާންމާއި، ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ފުލުހުންނަށް ލިބިގެންދާނެއެވެ.
މިއާއެކު ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްގީވެ ފުޅާވެ، ރައްޔިތުންނަށް ލިބިގެންދާ ޚިދުމަުގެ ފެންވަރު އެތައް ގުނައަކަށް އިތުރުވެގެންދާ މަންޒަރު މިހާރު ވެސް އެބަ ފެނިގެން ދެއެވެ.