ޔޫކްރެއިންގެ ވެރިރަށް ކިޔޭވްގެ ވަށައިގެންވާ ސަރަހައްދުތަކުން ސިފައިން ފަހަތަށް ޖައްސާނޭ ކަމަށް ރަޝިޔާއިން ބުނި ނަމަވެސް، އެ ވާހަކަތަކަށް އިތުބާރު ނުކުރެވޭ ކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ކިޔޭވްގެ ވަށައިގެންވާ ސަރަހައްދުތަކުގައި ތިބި ސިފައިންގެ ފައުޖުތައް ފަހަތަށް ޖައްސަން ނިންމައި ރަޝިޔާއިން ބުނެފައިވަނީ، މިއީ ޔޫކްރެއިނާއެކު ބާއްވާ ސުލްހައިގެ ވާހަކަތަކުގައި "އިތުބާރު" އުފެއްދުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

އެހެން ނަމަވެސް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާއިން އެހެން ބުނި ނަމަވެސް، ކިޔޭވް ދިފާއު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ނުދެއްވާނޭ ކަމަށެވެ.

ޔޫކްރެއިނަށް ހަމަލާދީ ސުންނާފަތި ކުރަމުންދާ ގައުމެއްގެ މަންދޫބަކު އެގޮތަށް ދައްކަވާ ވާހަކައަކަށް އިތުބާރު ކުރަންވީ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިންގެ ރައްޔިތުންނަކީ މޮޔައިން ނޫން ކަމަށެވެ.

ރަޝިޔާ ސިފައިން ވޭތުވެދިޔަ 34 ދުވަހު ޔޫކްރެއިނަށް ދެމުންގެންދާ ހަމަލާތަކާއި، ފާއިތުވެދިޔަ 8 އަހަރުތެރޭ ޑޮންބަސްގައި ހިނގަމުންދާ ހަނގުރާމައިން، އާރުލާ ނަތީޖާއަކަށްނޫނީ އިތުބާރު ކޮށްގެން ނުވާނޭކަން ޔޫކްރެއިންގެ ރައްޔިތުންނަށް މިހާރު ދަސްވެފައިވާ ކަމަށްވެސް ޔޫކްރެއިންގެ ރައީސް ވިދާޅުވިއެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިންވެސް ބުނެފައިވަނީ، ކިޔޭވާއި، ޗެރްނިހީވުން ސިފައިން ފަހަތަށް ޖައްސަން ރަޝިޔާއިން ބުނި ބުނުމަށް އިތުބާރު ނުކުރާ ކަމަށެވެ. ރަޝިޔާގެ މަގްސަދަކީ ޔޫކްރެއިން ސިފައިންގެ ފައުޖުތަކަށް އޮޅުވާލުން ކަމަށެވެ.

ރަޝިޔާ ސިފައިންގެ ފައުޖުތައް އަލުން ރުކުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށާއި، އޭގެ ބޭނުމަކީ އިރުމަތީގައި ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކުރުން ކަމަށްވެސް އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަނުން ބުނެފައިވަނީ، ކިޔޭވްގެ ރަށްބޭރުގައި ތިބި ކުދިކުދި ފައުޖުތައް އެމީހުން ތިބި ތަންތަނުން ދުރަށް ޖައްސަން ފަށާފައިވާ ކަމަށާއި، އެކަމަކު އެއީ އަލުން ރުކުރުވާލަން ކުރާ ކަމެއް ކަމަށެވެ.