މިއަހަރުގެ މިހާތަނަށް އައިއިރު އަދިވެސް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަނީ ރަޝިޔާއިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރު ފެށިގެން މިމަހުގެ 24 ވަަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 394،200 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އޭގެތެރެއިން ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާ އިންނެވެ.

ރަޝިޔާއިން ރާއްޖެއަށް 50،832 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު 44،597 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތުންއެވެ.

ތިންވަނަ ލިބެނީ އިންޑިޔާ އަށެވެ. އެގައުމުން 41،559 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަނީ ޖަރުމަނާއި އިޓަލީ އަދި ފްރާންސުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ފަތުރުވެރިންނަށް ހިދުމަތްދޭ 1،173 ތަނެއް މިހާރު ވަނީ އަލުން ހިދުމަތަށް ގެނެސްފައެވެ. މީގެތެރޭގައި ހިމެނެނީ، 168 ރިސޯޓާއި، 852 ގެސްޓްހައުސްގެ އިތުރުން 152 ސަފާރީއެވެ. މިއީ 54،478 ބެޑް ކެޕޭސިޓީއެވެ.

އަދި ހޯމްސްޓޭ ޓުއަރިޒަމްގެ ނަމުގައި ރަށްރަށުގައި މުޅިން ތަފާތު ވައްތަރެއްގެ ފަތުރުވެރިކަމެއް ވަނީ ތައާރަފުކޮށްފައެވެ.

ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމުގެގޮތުން، ޓުއަރިޒަމް މިނިސްޓްރީން ފެށި ވެކްސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 97.7 އިންސައްތަ ރިޒޯޓް މުވައްޒަފުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

ސަރުކާރުގެ މިއަހަރުގެ އަމާޒައަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމެވެ.