ޝަރުއީ ޒިނޭ އާއި ގާނޫނީ ޒިނޭ ކިޔައި ދެކުށެއް ނެތް ކަމަށާއި، ޒިނޭގެ މައްސަލަތަކުގައި ދެ ގާނޫނު މަސްހުނި ކޮށްގެން ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.
ގާނޫނުލްއުގޫބާތުގައްޔާއި ޖިންސީ ކުށުގެ ގާނޫނުގައިވެސް ޒިނޭގެ ކުށް ބަޔާންކޮށްފައިވެއެވެ. ދައުލަތުން ބުނާގޮތުގައި ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވަނީ "ގާނޫނީ ޒިނޭ" އެވެ. ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކޮށްފައި އޮތީ "ޝަރުއީ ޒިނޭ" އެވެ.
ޑީއެންއޭ އާއި ގަރީނާ ބޭނުންކޮށްގެން ގާނޫނުލްއުގޫބާތުގެ ދަށުން ޒިނޭ ސާބިތު ކުރެވޭއިރު، ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ޑީއެންއޭ އާއި ގަރީނާ ބޭނުން ނުކުރެވެއެވެ.
ޒިނޭގެ މައްސަލައެއްގައި ގާނޫނުލްއުގޫބާތުގެ ދަށުން ކުރި ދައުވާއެއް މެޖިސްޓްރޭޓްކޯޓަކުން ބޭރުކޯށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން، އެ މައްސަލާގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ބަޔާންވެދިޔަ އެއްވެސް ގާނޫނެއްގައި ޝަރުއީ ޒިނޭ އަދި ގާނޫނީ ޒިނޭ، މިފަދައިން ބަޔާންކުރާ ކުށެއް ނެތް ކަމަށެވެ.
އަދި، ދެ ގާނޫނުގައި ޒިނޭ ސާބިތުކުރާ ހެކީގެ މިންގަނޑަށް ބަލައިގެން ކުށް ތަފާތު ކުރުމުގެ ބާރެއް ނޯންނާނެ ކަމަށާއި، ޒިނޭގެ މައްސަލަތަކުގައި މިވަގުތު އިސްވެފައި އޮތީ ޖިންސީ ކުށުގެ ގާނޫނު ކަމަށް ވާތީ، ދެ ގާނޫނު މަސްހުނި ކޮށްގެން ދައުވާ ނުކުރެވޭނެ ކަމަށްވެސް ހައި ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.
އެގޮތުން، ޒިނޭގެ ކުށާ ގުޅިގެން އެއީ ގާނޫނީ ޒިނޭއެކޭ، މިއީ ޝަރުއީ ޒިނޭއެކޭ ބުނެ، ޒިނޭގެ ކުށުގެ މައްޗަށް ދެ ގާނޫނު މަސްހުނި ކޮށްގެން، ކުށުގެ އަމަލުގެ ތުހުމަތުގައިވާ މީހާއަށް އޭނާގެ މައްޗަށް އަންނާނީ ކޮން ބާވަތެއްގެ ޒިނޭއެއްގެ ކުށެއ ކަން އަންދާޒާ ނުކުރެވޭނެ ފަދަ ނިޒާމެއްގެ ދަށުން ދައުވާ ކުރެވިދާނެ ކަމަކަށް ނުދެކޭ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.
އަދި ގާނޫނުލްއުގޫބާތަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން، އެ ގާނޫނުގެ މައްޗަށް ޖިންސީ ކުށުގެ ގާނޫނު އިސްކޮށްފައިވާ ކަމަށާއި، ޖިންސީ ކުށުގެ ގާނޫނުގެ 68 ވަނަ މާއްދާ އާއި، ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާގެ (ރ) މިހާރު އޮތްގޮތަށް އޮތުމުން ދައުލަތުން އަމަލުކުރަންޖެހޭނީ ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކުރާ ގޮތަށް ކަމަށް ހުކުމްގައި ބުނެފައިވެއެވެ.
ގާނޫނުލްއުގޫބާތުގައި އޮތް ޒިނޭގެ ކުށުގެ އުސޫލު މިހާރު ހުއްޓުމަކަށް އައިސްފައިވާއިރު، އެއް ކުށެއް ދެ ގާނޫނުގައި އޮވެއްޖެ ނަމަ، އަބަދުވެސް ރައްޔިތުންގެ މަޖިލީހުން އަމަލުކުރާ ގޮތަކީ އޭގެ ތެރެއިން ކޮންމެވެސް އެއް ގާނޫނެއް އިސްކުރުމެވެ.
ޖިންސީ ކުށުގެ ގާނޫނުގައިވާގޮތުން، ޒިނޭގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ހައްދުގެ އަދަބުގެ އިތުރުން ތައުޒީރީ އަދަބު ވެސް ދެވިދާނެ ކަމަށް ހުކުމުގައިވެއެވެ.
މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒް، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.