ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ޚާން ދުރުކުރާނެކަން ގާތްގަނޑަކަށް ކަށަވަރު ވެއްޖެއެވެ.

މިކަން ކަށަވަރުވީ، އިމްރާން ޚާން މަގާމުން ދުރުކުރުމަށްޓަކައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ މުއްތަހިދާ ޤައުމީ މޫވްމަންޓް ޕާކިސްތާން – އެމްކިޔުއެމް-ޕީ، ވެރިކަންކުރާ ކޯލިޝަނުން ވަކިވުމާ ގުޅިގެންނެވެ.

އެމްކިޔުއެމް ޕާޓީއަކީ ޕާކިސްތާނުގެ ސިންދް ޕްރޮވިންސްގެ ސިޔާސީ އެންމެ ވަރުގަދަ ބާރެވެ.

އިމްރާން ޚާންގެ ކޯލިޝަނުން ވަކިވެ އެމްކިޔުއެމް-ޕީން ވަނީ އިދިކޮޅު ކޯލިޝަނާ ގުޅިފައެވެ. އަދި މައި ސަރުކާރުގައި ހިމެނޭ އެ ޕާޓީގެ ހުރިހާ ވަޒީރުންވެސް މިއަދުވަނީ އިސްތިއުފާ ދެއްވާފައެވެ.

އެމްކިޔުއެމް ވަކިވުމުން، ޕާކިސްތާނުގެ ޕާލަމެންޓްގައި އިމްރާން ޚާންގެ ތަހްރީކޭ އިންސާފު ޕާޓީގެ ކޯލިޝަނަށް ލިބިފައިވަނީ 164 ގޮނޑިއެވެ.

ޕާލަމެންޓްގައި 342 ގޮނޑި ހިމެނޭއިރު، އިމްރާން ޚާންއާ ދެކޮޅަށް ހުށަހެޅިފައިވާ އިތުބާރުނެތްކަމުގެ މައްސަލަ ބަލިކުރުމަށްޓަކައި 172 ވޯޓު ބޭނުންވެއެވެ.

ޚުދު އިމްރާން ޚާންގެ ޕާޓީގެ ބައެއް މެމްބަރުންވެސް އިދިކޮޅާ ގުޅިފައިވާއިރު، ބޮޑުވަޒީރުގެ އިތުބާރުނެތް ކަމަށް ފާސްކުރަން 177 މެމްބަރުން އަތުގުޅާލާފައި ވެއެވެ.

ޕާކިސްތާނު ވުޖޫދުވީފަހުން މިވީ 75 އަހަރުގެ ތާރީޚްގައިވެސް ޕާކިސްތާނުގެ އެއްވެސް ބޮޑުވަޒީރަކަށް މަގާމުގެ ދައުރު ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ. އަސްކަރީން ބަޣާވާތްކޮށް ސަރުކާރުތައް ވައްޓާލުމަކީ އާންމު ކަމެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މިރޭގެ ވަގުތެއްގައި ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

ސިޔާސީ ޕްރެޝަރާހެދި މިރޭ ގައުމާ މުޚާތަބު ކުރެއްވުމަށްފަހު އިމްރާން ޚާން ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަފާނެ ކަމުގެ އަޑުތަކެއްވެސް އަރަމުން އެބަދެއެވެ.