ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ކޯޓެއްގެ އިސް ގާޟީގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަންކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ފެމިލީ ކޯޓުގެ އިސް ގާޟީކަމަށް އަލްއުސްތާޛާ ހުޒައިފާ މުހައްމަދު އައްޔަންކުރައްވައި އެކަމަނާއަށް މަގާމުގެ ފަތްކޮޅު ވަނީ އަރުވާފައެވެ.

އެކަމަނާއަށް މަގާމުގެ ފަތްކޮޅު އެރުވީ ކޮމިޝަންގެ ރައީސް ހިސާން ހުސައިނެވެ.

ހުޒައިފާ މުހައްމަދަކީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރސް އޮފް ކޯޕަރޭޓިވް ލޯވ ހާސިލްކުރައްވާފައިވާ ކަނބަލެކެވެ. އެކަމަނާ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަނީ 2007 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

ފެމިލީ ކޯޓުގެ އިސް ގާޟީ ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވާލީ މާރޗް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ކޯޓުގެ އިސް ގާޟީގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ގާޟީ ހަސަން ސައީދެވެ. ނަމަވެސް، ސުލޫކީ މައްސަލައަކާއި ގުޅިގެން 2019 ވަނަ އަހަރު އޭނާ ކްރިމިނަލް ކޯޓަށް ބަދަލުކުރި ފަހުން، އެ މަގާމު އޮތީ ހުސްކޮށެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީ އަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 47،000 ރުފިޔާ ލިބޭ ކަމަށް ޖޭއެސްސީ ބުނެއެވެ.