ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ސަރވަރ ތަކަށް ދިން ރެންސަމްވެއަރ ހަމަލާގެ މައްސަލަ ބަލައި ތަހުގީގުކުރުމަށް ފުލުހުންގެ މުއައްސަސާ އަށް ހުށަހަޅާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނީ މާރޗް މަހުގެ 24 ވަނަ ދުވަހު އެ ހަމަލާ ދިނުމުގެ ސަބަބުން އެ ކުންފުނީގެ އައި.ޓީ ނެޓްވޯކް މެދުވެރިކޮށް ދެމުންގެންދާ ޚިދުމަތްތަކާއެކު ކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި އަދި، ޚިދުމަތްދޭ ކައުންޓަރުތަކުން ދެމުންދާ ޚިދުމަތްތަށް މެދުކެނޑިފައިވާ ކަމަށެވެ.

ހަމަލާގެ ސަބަބުން އެކުންފުނީގެ އައިޓީ ނެޓްވޯރކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ، އެކަމުގެ ސަބަބުން ދިމާވި މައްސަލަތައް އަދިވެސް އެއްކޮށް ރަނގަޅުކުރެވިފައި ނުވިނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ކުންފުނީގެ ހެޑް އޮފީހުން ފޯރުކޮށްދޭ ޚިދުމަތަށްއެދި ފޯމް ހުށަހެޅުމާއި، ބިލްދެއްކުމުގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.

ސްޓެލްކޯއިން ބުނީ އެންމެހާ މައްސަލަތައް ހައްލުކޮށް، މެދުކެނޑިފައިވާ ހުރިހާ ޚިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި، މައްސަލަތައް ވީހާވެސް އަވަހަށް ޙައްލުކުރުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކާއި މަޝްވަރާކުރެވި، އެފަރާތްތަކުގެ ލަފާއާއި އެހީތެރިކަމާއިއެކު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މީގެއިތުރުން، މައްސަލަ ހައްލުކޮށް، ސްޓެލްކޯއިން ދެމުންގެންދާ ޚިދުމަތް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފައެވެ. އަދި، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުންދާކަމަށް ސްޓެލްކޯއިން ބުނެއެވެ.