ޔޫކްރެއިންގައި ރަޝިޔާއިން އަމާން ނުދޭނޭ ކަމަށް، ރަޝިޔާގެ ބާރުގެ ދަށުގައި އޮންނަ، ޒާތީ ވެރިކަމެއްކުރާ އަދި ރަޝިޔާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޗެޗްނިއާގެ ނުފޫޒުގަދަ ލީޑަރު ރަމްޒާން ގަދީރޯވް ވިދާޅުވެއްޖެއެވެ.
ނަމަވެސް، ޔޫކްރެއިން ހަނގުރާމައާ ގުޅޭގޮތުން ރަމަޒާން ގަދީރޯވް ދެއްކެވި ވާހަކަތަކާއި، ހަނގުރާމައާ ގުޅޭގޮތުން ރަޝިޔާ ސަރުކާރުގެ އޮފިޝަލުންގެ ރަސްމީ ވާހަކަތަކާ ފުށުއެރުންތަކެއް ހުރިކަން މުހައްލިލުން ފާހަގަ ކުރައްވައެވެ.
ޔޫކްރެއިނާއެކު ބާއްވާ ސުލްހައިގެ ވާހަކަތަކުގައި ރަޝިޔާ ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ އެންމެ އިސް މަންދޫބު ވްލަޑިމީރް މެޑިންސްކީ އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ، ކުރިމަތިލުންތައް ކުޑަކުރުމަށްޓަކައި ރަޝިޔާ ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.
އެގޮތުން، ޔޫކްރެއިންގެ ވެރިރަށް ކިޔޭވް ވަށާލައިގެން ތިބި ރަޝިޔާ ސިފައިން މަދުކޮށް ދުރަށް ޖައްސަން ފެށުމަކީވެސް އެ ފިޔަވަޅުތަކުގެ ބައެއް ކަމަށް މެޑިންސްކީ ވިދާޅުވިއެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި އެއްގަމާއި، ވައިގެމަގުން ޔޫކްރެއިނަށް ދޭންފެށި އަސްކަރީ ހަމަލާތަކުގައި ރަޝިޔާ ސިފައިންނަށް މަދަދު ދިނުމުގެ ގޮތުން ޗެޗްނިއާގެ ފައުޖުތަކުންވެސް ބައިވެރިވެއެވެ.
ރަމަޒާން ގަދީރޯވް ކުރިން ހާމަކުރައްވާފައިވާ ވާހަކަތަކަށް ބަލާއިރު، ޗެޗްނިއާގެ ފައުޖުތައް ޔޫކްރެއިންގެ ވެރިރަށް ކިޔޭވާގެ އެތެރެގައާއި، ކިޔޭވްގެ ވަށައިގެންވެސް ހަރަކާތްތެރިވަމުން ގެންދެއެވެ.
ޓެލެގްރާމް މެސެޖެއްގައި ގަދީރޯވް ވިދާޅުވީ، ޔޫކްރެއިންގައި ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ރަޝިޔާ ސަރުކާރުގެ އިސް މަންދޫބު ވްލަޑިމީރް މެޑިންސްކީ ދެއްކެވީ "ކުށް ވާހަކަތަކެއް" ކަމަށެވެ.
އޭނާ ވިދާޅުވީ، ރަޝިޔާގެ ރައީސް ޕޫޓިން ފެށްޓެވި ހަނގުރާމައެއް، ޔޫކްރެއިންތެރެ މިހާރު އެއޮތް ހާލަތުގައި އޮއްވައި ރަޝިޔާއިން ހުއްޓާލާނެ ކަމަށް ހީކުރުމަކީ ކުށް ހީއެއް ކަމަށެވެ. އެއީ، ހަގީގަތެއް ނޫން ކަމަށެވެ.
ކިޔޭވްގެ ވަށައިގެންވާ ސަރަހައްދުތަކުގައި ތިބި ސިފައިންގެ ފައުޖުތައް ފަހަތަށް ޖައްސަން ނިންމައި ރަޝިޔާއިން ބުނެފައިވަނީ، މިއީ ޔޫކްރެއިނާއެކު ބާއްވާ ސުލްހައިގެ ވާހަކަތަކުގައި "އިތުބާރު" އުފެއްދުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
ނަމަވެސް، ޔޫކްރެއިނާއި، އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުން މިކަން ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ.
ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ، އެގައުމަށް ހަމަލާދީ ސުންނާފަތި ކުރަމުންދާ ގައުމަކުން އެގޮތަށް ދައްކާ ވާހަކައަކަށް އިތުބާރު ކުރަންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާއިންވެސް ބުނެފައިވަނީ، ކިޔޭވާއި، ޗެރްނިހީވުން ސިފައިން ފަހަތަށް ޖައްސަން ރަޝިޔާއިން ބުނި ބުނުމަށް އިތުބާރު ނުކުރާ ކަމަށެވެ. ރަޝިޔާގެ މަގްސަދަކީ ޔޫކްރެއިން ސިފައިންގެ ފައުޖުތަކަށް އޮޅުވާލުން ކަމަށެވެ.
އެންމެ ފަހުން ލިބެމުންދާ ރިޕޯޓްތައް ބުނާގޮތުގައި، ރަޝިޔާއިން މިހާރުވަނީ ބައެއް ދިމަދިމާއިން ފައުޖުތައް ފަހަތަށް ޖައްސަން ފަށާފައެވެ.
ތުރުކީގައި ބޭއްވި ވާހަކަތަކުން، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އެއްބަސްވުމެއް ނުވެވުނު ނަމަވެސް، ސުލްހަވުމާ ގުޅޭގޮތުން ދެގައުމަށްވެސް މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ދެފަރާތުގެ މަންދޫބުން ހާމަކުރައްވާފައި ވެއެވެ.
ރަޝިޔާގެ ބޮޑެތި ހުށަހެޅުންތަކަށް އެއްބަސްވާން ތައްޔާރުވެ ޔޫކްރެއިނުންވެސް ގޮތްދޫކުރަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.