ސަރުކާރުގެ ފެން ކުންފުނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް 27 އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.

އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މި ރަސްމިއްޔާތުގައި ވަނީ އަހަރީ ދުވަހަށް ހާއްސަ ކޭކެއް ފަޅާފައެވެ. އަހަރީ ކޭކު ފަޅުއްވައި ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ކުންފުނީގެ ބޯޑު މެމްބަރުންނާއި އަދި އިސްވެރިންނެވެ.

މި ރަސްމިއްޔާތުގައި ވާކަދައްކަވަމުން އެމްޑީ ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ކާމިޔާބު ދިގު ދަތުރާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އެމްޑަބްލިއުއެސްސީ އުފައްދަން މަސައްކަތް ކުރިއިރު ހާލަތު އޮތް ގޮތް ކައިރިން ދެކިވަޑައިގެންނެވި ކަަމަށެވެ.

އެމްޑީ އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މުހިންމު އެއް ވައުދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުން ކަަމަށްވާ އިރު އެކަމުގައި އެމްޑަބްލިއުއެސްސީގެ ބޮޑު ރޯލެއްް އެބައޮތް ކަަމަށެވެ.

ދިވެހި ފެން ކުންފުނި އުފެދުނީ 1995 އަހަރުގައެވެ.

މީގެ 27 އަހަރު ކުރިން އެ ކުންފުނި ވުޖޫދުކުރީ އޭރު މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށެވެ.

އެ ކުންފުނި އުފެދުނުތާ އެއް އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ހުރިހާ ގެއަކަށް ފެން ހޮޅި އަޅައި، އިސްކުރުން ފެން ދޫކުރަން ފެށި އަދި ޒަމާނީ ނަރުދަމާ ނިޒާމެއްގެ ހިދުމަތް ދޭން ފެށިއެވެ.