ވ. އާރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެ ފައިސާ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން 18 ދިފާއީ ހެއްކެއް ހުށަހަޅައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އެމައްސަލައިގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވަނީ ހަތް ޝަފަހީ ހެކިންނާއި 11 ކިތާބީ ހެކިންނެވެ. ހެކިތަކުގެ ތަފްސީލު ކުރިން ކޯޓަށް ހުށަހަޅާފައިވާތީއާއި ވަގުތު ސަލާމަތްކުރުމަށްޓަކައި ހެކިތަކުގެ ތަފްސީލެއް މިއަދު ނުދެއެވެ.

ޑޮލަރު ވިއްކިކަމުގެ ލިޔުމެއް ހެކީގެ ގޮތުގައި ހުށަހަޅާފައިވާއިރު، އެ މުއާމަލާތް ހިނގާފައިވާ ވަކި ތާރީހެއް ނެތް ކަމަށް ބުނެ ދައުލަތުން ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ކިތާބީ ހެއްކަކާ ގުޅޭ ގޮތުން ސުވާލު އުފައްދާފައެވެ.

އެކަމާއި ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ވިދާޅުވީ އެއީ މިމައްސަލައާއި ގުޅުންހުރި މުއާމަލާތެއް ކަމަށާއި، އޭގައި ތާރީހެއް ނެތިގެން ސައްހަ ނުވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މައްސަލާގައި ދެން އޮތީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭނެތޯ ގޮތެއް ކަނޑައެޅުން ކަމަށްވާއިރު، ހެކިތަކާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ވަކިން އަޑުއެހުމެއް ބާއްވައިދިނުމަށްވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފައެވެ.

މީގެއިތުރުން، މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދިއުން ރައްކާތެރީ ޝަރީއަތް ލައިވްކޮށްގެންކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. މައްސަލައިގެ އަޑުއެހުންތައް ފެށުނީއްސުރެ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެކިފަހަރުމަތީން ޝަރީއަތް ލައިވްކުރުމަށް އެދިވަޑައިގެންފައެވެ.

އެކަމާއި ގުޅިގެން އިސް ގާޟީ އަހުމަދު ޝަކީލް ވަނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ނިމި ޝަރީއަތުގެ މަރުހަލާ ފެށޭއިރު ލައިވްކުރުމުގެ އިންތިޒާމްތައް ހަމަޖެއްސޭތޯ ބައްލަވާނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ.

ނަމަވެސް، އެއިންތިޒާމް އަދިވެސް ހަމަނުޖެއްސޭ ކަމަށާއި، މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭ ނަމަ، ޝަރީއަތުގެ އަޑުއެހުންތައް ފެށޭއިރު ލައިވް ކުރެވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ގާޟީ ވިދާޅުވިއެވެ.

މި މައްސަލައިގެ އިތުރު އަޑުއެހުމެއް އޭޕްރިލް މަހުގެ 11 ވަނަ ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.