މެލޭޝިއާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ހާއްސަ ބްރޭންޑް ވިޒިބިލިޓީ ކެމްޕެއިނެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އެމްއެމްޕީއާރުސީ ވިޒިޓް މޯލްޑިވްސްއިން އެޕަލް ވެކޭޝަންސްއާއެކު ފަށައިފިއެވެ.

މެލޭޝިއާގެ އެޕަލް ވެކޭޝަންސް އަކީ 1996 ވަނަ އަހަރު ގާއިމުކޮށްފައިވާ ޓްރެވަލް އެޖެންސީއެކެވެ. މިއީ ނެޓްވޯކްތަކާއި، ޕާޓްނަރުންގެ އެހީގައި މެލޭޝިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކޭޝަންސް ޕެކޭޖުތައް ވިއްކުމުގައި ހަރަކާތްތެރިވާ ޓްރެވަލް އެޖެންސީއެކެވެ. މިއީ މަތީ ފަންތީގެ ތަފާތު ޓްރެވަލް އެކްސްޕީރިއަންސްތަކާއި، ގިނަ ބާވަތުގެ ޕްރޮޑަކްޓްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭ، އިތުބާރު ލިބިފައިވާ ޓްރެވަލް އެޖެންސީއެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އެޕަލް ވެކޭޝަންސްއިން ކުރިއަށް މި ގެންދާ ކެމްޕެއިންގެ ދަށުން ރާއްޖެއަކީ މެލޭޝިއާ ފަތުރުވެރިން ޒިޔާރަތްކުރުމަށް ރައްކާތެރި އަދި އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ. މި ކެންޕެއިނަކީ ދެކުނުއިރުމަތީ އޭޝިއާގައި ރާއްޖެ ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެންޕެއިންނެވެ.

ދެކުނުއިރުމަތީ އޭޝިއާގެ މާކެޓުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ ސްޓްރެޓަޖީ ބިނާވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ކެޓަގަރީތައް މާކެޓް ކުރުމަށް އެމްއެމްޕީއާރްސީން ބުނެއެވެ. އަދި ދުނިޔޭގެ ލީޑިންގް ޑެސްޓިނޭޝަނެއްގެ ގޮތުން ރާއްޖެއިން ލިބެން ހުރި ތަފާތު ތަޖުރިބާތައް މި ކެމްޕޭންގައި އިޝްތިހާރުކުރެވޭނެކަމަށް ވެސް އެމްއެމްޕީއާރްސީން ބުނެއެވެ.

އަދި އާއިލާތަކާއި މުސްލިމް ފަތުރުވެރިންނަށް ހުރި ފުރުސަތުތައް ހިމެނިގެންދާނެ ކަމަށާއި ކަނޑުއަޑި އާއި، ލޯކަލް އަދި ހަނީމޫން ޓޫރިޒަމް ސެގްމެންޓުގައި ރާއްޖެއިން ލިބެން ހުރި ފުރުސަތުތައް މި ސްޓްރެޓަޖީގެ ދަށުން އިޝްތިހާރުކުރުމަށް އިސްކަންދޭނެ ކަމަށްވެސް މައުލޫމާތުދެއެވެ.

މި ކެމްޕެއިންގެ ދަށުން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މައުލޫމާތާއި، އެންމެ ފަހުގެ ޓްރެވަލް ގައިޑްލައިންތަކާއި، އެހެނިހެން މުހިއްމު ތަފްސީލް ހިމެނޭ އާޓިކަލްތައް މެލޭޝިއާގެ ފަތުރުވެރިކަމާބެހޭ މައުލޫމާތު ފަތުރާ މައި އޮންލައިން ޕްލެޓްފޯމްތައް ކަމަށްވާ "ކަމް އޮން ލެޓްސް ޓްރެވަލް" އަދި، ރާއްޖޭގެ ވީޑިއޯ އިޝްތިހާރުތައް އެޕަލް ޓީވީ އެފްބީ ލައިވްގައި ދެއްކުމުގެ އިތުރުން، އެޕަލް ވެކޭޝަންސްގެކްލައިޓުންނަށް އީމެއިލްގެ ޒަރިއްޔާއިން ރާއްޖޭގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އިޝްތިހާރު އެޕަލް ވެކޭޝަންސްގެ ވެބްސައިޓުގައި ޖެހުމާއި، ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމް ތަކުގައި ރާއްޖޭގެ ޕޯސްޓްތައް ޝާއިޢުކުރާނެއެވެ.