ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމުއިއްޔާ ފީފާ އިން މަހަކު އެއްފަހަރު ނެރޭ، ފުޓުބޯޅައިގެ ދުނިޔޭގެ ރޭންކިންގައި ދިވެހިރާއްޖެއަށް ކުރިއެރުން ލިބިއްޖެއެވެ.

ފެބްރުއަރީ މަހު ފީފާއިން އާންމުކުރި ރޭންކިންގައި ރާއްޖެއަށް ލިބިފައިވަނީ 157 ވަނައެވެ.

ރާއްޖޭގެ ސީނިއަރ ގައުމީ ޓީމުން މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ކުޅެފައިވަނީ އެންމެ މެޗެކެވެ. އެއީ މިމަހު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެވެ. މިމެޗަކީ ފީފާގެ ކަލަންޑަރުގެ ތާރީހެއްގައި ކުޅެފައިވާ އެކުވެރިކަމުގެ މެޗެކެވެ. މިމެޗުން ރާއްޖެއިން ވަނީ 0-2 އިން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދާފައެވެ.

މާޗު މަހަށް ފީފާ އިން އިއުލާންކުރި ރޭންކިންގައި ރާއްޖެއަށް ވަނީ 156 ވަނަ ލިބިފައެވެ. މިއީ ފެބްރުއަރީ މަހާއި އަޅާ ބަލާއިރު އެއް ދަރަޖައިގެ ކުރިއެރުމެކެވެ. މިއާއެކު ރާއްޖެ އޮތީ ސައުތު އޭޝިއާ ސަރަހައްދުގައި ރޭންކިންގެ ތިންވަނައިގައެވެ. އަދި އޭޝިއާ ސަރަހައްދަށް ބަލާނަމަ މިއީ 31 ވަނައެވެ.

ރާއްޖެއަށް ރޭންކިންގައި ކުރިއެރުން ލިބުނުއިރު، ސައުތު އޭޝިއާ ސަރަހައްދުގެ އެއްވަނައިގައި އޮތް އިންޑިއާ ވަނީ ދެ ދަރަޖަ ފަހަތަށް ޖެހިފައެވެ. ފެބްރުއަރީ މަހު ފީފާއިން އިއުލާންކުރި ރޭންކިންގައި އިންޑިއާ އަށް 104 ވަނަ ލިބުނު ނަމަވެސް މިހާރު އިންޑިއާ އޮތީ 106 ވަނައިގައެވެ. ސައުތު އޭޝިއާ ސަރަހައްދުގައި އިންޑިއާ އަށް އެއްވަނަ ލިބޭއިރު އޭޝިއާ ސަރަހައްދުގައި އިންޑިއާ އަށް ލިބެނީ 19 ވަނައެވެ.

މި ސަރަހައްދުގެ ދެވަނައިގައި އަފްޤާނިސްޠާން އޮތީ ދުނިޔޭގެ ރޭންކިންގެ 150 ވަނަ އާއިއެކުއެވެ. އަފްޤާނިސްޠާނަކީ އޭޝިއާ ސަރަހައްދުގެ 27 ވަނައެވެ.

ސައުތު އޭޝިއާ ސަރަހައްދުގެ ހަތަރުވަނައިގައި އޮތީ ރޭންކިންގެ 168 ވަނައިގައި އޮތް ނޭޕާލް އެވެ. ނޭޕާލް އަކީ އޭޝިއާ ސަރަހައްދުގެ 35 ވަނައެވެ. ފަސްވަނައިގައި އޮތް ބޫޓާނަށް ވޯލްޑް ރޭންކިންގައި 187 ވަނަ ލިބޭއިރު މިމަހު ކުޅުނު އެކުވެރިކަމުގެ މެޗުގައި ރާއްޖެ އަތުން ބަލިވި ބަންގްލަދޭޝް އަށް ވޯލްޑް ރޭންކިންގައި ލިބެނީ 188 ވަނައެވެ. މިއީ ސައުތު އޭޝިއާ ސަރަހައްދުގެ ހަވަނައެވެ. އަދި ބަންގްލަދޭޝްގެ ފަހަތުން މި ސަރަހައްދުގެ ހަތްވަނަ ލިބެނީ ފީފާގެ ސަސްޕެންޝަނެއްގައި އޮތް ޕާކިސްތާނަށެވެ. ޕާކިސްތާނަށް ވޯލްޑް ރޭންކިންގައި ލިބެނީ 197 ވަނައެވެ. މި ސަރަހައްދުގެ 8 ވަނައިގައި އޮތީ ސްރީ ލަންކާއެވެ. ސްރީ ލަންކާއަށް ލިބެނީ ވޯލްޑް ރޭންކިންގެ 205 ވަނައެވެ. މިއީ އޭޝިއާ ސަރަހައްދަށް ބަލާނަމަ ފުލުން ދެވަނައެވެ.

އޭޝިއާ ބައްރުގައި ރޭންކިންގެ ފުލުގައި އޮތީ ގުއާމް އެވެ.