ކޮންމެ ކުއްޖަކީވެސް ގައުމަށް ޚިދުމަތް ކުރުމުގެ އަޒުމުގައި ކުރިއަށްދާ ކުއްޖަކަށް ވާން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅިވެއްޖެއެވެ.

ނައިބުރައީސް މިހެން ވިދާޅުވީ، 2019-2020 ވަނަ އަހަރުގެ ކަލަރސް އެވޯޑް ދިނުމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވަނީ ކޮންމެ ކުއްޖަކީ ޤައުމަށްޓަކައި ޚިދުމަތް ކުރެވޭ، ދިރިއުޅުމަކަށް އަހުލުވެރިވެފައިވާ، މަސައްކަތެއް ދަސްކުރެވިފައިވާ ކުއްޖަކަށް ވުމަށް އަޒުމުކަނޑައެޅުމަށް އެދިވަޑައިގެންފައެވެ.

ފޮޓޯޯ: ރައީސް އޮފީސް

އެމަނިކުފާނުގެ ވާހަކަފުޅުގައި ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި ދަރިވަރުން ބޭތިއްބުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަރުކާރު ވެރިކަމަށް އައުމާއެކު މުޅިން އަލަށް ސްކޫލްތަކުގައި ނާސްތާ ޕްރޮގްރާމެއް ފަށައި އޭގެ ސަބަބުން ދަރިވަރުންނަށް އެތައް ފައިދާތަކެއް ކޮށްފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ނައިބުރައީސް ފައިސަލް ނަސީމް ވަނީ އެމަނިކުފާނުގެ ސްކޫލުދައުރުގެ ބައެއް ހަނދާންތައް އައު ކުރައްވަމުން ސްކޫލު ދައުރުގައި އެމަނިކުފާނަށް ކުޅިވަރުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ދަސްވެ، އެތައް ފައިދާތަކެއް ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވާފައެވެ.

ސްކޫލް ކުދިންނަކީ ހެލިފެލިވެ އުޅޭ އަދި ކަސްރަތު ކުރާ ބަޔަކަށް ވާންޖޭކަން ފާހަގަކުރައްވައި އެކަމުގެ ހުރި ފައިދާތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލައްވާފައެވެ.

ފޮޓޯޯ: ރައީސް އޮފީސް

މި ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ 2019-2020 ވަނަ އަހަރުގެ ކަލަރސް އެވޯޑް ވިނަރ ލިބުނު ދަރިވަރުންނަށް ޓްރޮފީއާއި ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

ކަލަރސް އެވޯޑަކީ ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުން ކުޅިވަރުގެ ދާއިރާއިން ހޯދާ ކާމިޔާބީގެއަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެމުން އަންނަ އެވޯޑެކެވެ.