މިރެއަކީ ބަރަކާތްތެރި ރަމަޟާން މަހަށް ހަނދު ބަލާރެއެވެ. މިއަހަރުވެސް އަހަރެމެން ރަމަޟާން މަހާ ކުރިމަތިލާއިރު މާލޭ ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.
މާދަމާއަކީ ކަލަންޑަރުން ދައްކާ ގޮތުގައި މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. މިއަދު އަޅުގަނޑުމެން ލޯކަލް މާރުކޭޓަށް ދިޔައިރު މާރުކޭޓުގެ ގިނަ ގޮޅިތައް ވަނީ ތަރުކާރީއާއި މޭވާގެ އިތުރުން ފަތްޕިލާވެލީގެ ގިނަ ބާވަތްތަކުން ފުރި ބާރުވެފައެވެ.
އެހެންނަމަވެސް މާލޭ ލޯކަލް މާރުކޭޓް ސަރަހައްދަށް ދިޔައިރު އެތަނުގެތެރެއިން ގިނަ ބަޔަކު ފާހަގަކުރީ އާންމުކޮށް ބޭނުންކުރާނެ އަދި ބޭނުންވާނެ ގިނަ ބާވަތްތަކެއްގެ އަގު ބޮޑުކަމެވެ. މިއީކީ އަޅުގަނޑުމެންނަށް އައު ވާހަކައެއްވެސް ނޫންތާއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށްވެސް ތަކެތީގެ އަގުތައް ޚާއްސަކޮށް ދިވެހި އުފެއްދުންތަކަށް އޮންނަ ޑިމާންޑު އިތުރުވުމާ އެކު އަގުތައް އުފުލެއެވެ.
ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނި ގޮތުގައި ތަކެތީގެ އަގުތައް އުފުލިފައި ވަނީ ދަނޑުވެރިންގެ އަތުން ގަނެ، މާލެ ގެނެސް މާރުކޭޓުގައި ވިއްކަން ލިބޭ ތަކެތި މަދުވީމައެވެ. އެހެން ނަމަވެސް ރަމަޟާން މަސް ފެށުމުން ތަކެތީގެ ޑިމާންޑު އޮންނަ މިންވަރަށް ބަލާފައި މި އަގުތައް ތިރިވުމުގެ ފުރުސަތު އޮންނާނެކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ބާޒާރުގައި އުފުލިފައިވާ ތަކެތީގެ އަގުތަކަށް ބަލާއިރު މިރުސް އުޅެނީ 100 ގްރާމް، 65 ރުފިޔާއާއި 70 ރުފިޔާއާ ދެމެދުގައެވެ. މިރުހުގެ އަގު ކުރިން ހުރީ 100 ގްރާމް، 15 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައެވެ. މިކަމާއި ގުޅިގެން ވިޔަފާރިވެރިން ބުނި ގޮތުގައި މިހާރު މިރުސް ކިލޯއެއް ދަނޑުވެރިން އަތުން ގަންނަން ލިބެނީ 650 ރުފިޔާ އަދި ބައެއް މީހުން މިއަށްވުރެވެސް އަގު ބޮޑުކޮށްވެސް ވިއްކާމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެންމެ ބޮޑަށް އަގު އުފުލޭނެކަމަށް ބެލެވެނީ މިރުހުގެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
އެހެން ނަމަވެސް ހަމަ ފަހަރުގައި އަގު ދަށްވެސް ވެދާނެ ކަމަށް ލޯކަލް މާރުކޭޓު ގޮޅީގައި މިރުހުގެ ވިޔަފާރީ ކުރަން އިން ސޭޓެއް ބުންޏެވެ.
މިރުހަކީ ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށްވެސް އަގު އުފުލޭ ބާވަތެކެވެ. އެގޮތުން މިދިޔަ 2020 ވަނަ އަހަރު މިރުސް ކިލޯއެއްގެ އަގު 1،000 ރުފިޔާއަށްވެސް އަރައިގެން ދިޔައެވެ. ކަނޑޫދޫ މިރުހުގެ އަގު އެއަހަރު ކިލޯއެއް 2،500 އަށްވެސް އުފުލުނެވެ.
ރަމަޟާން މަހަކީ ކަރައާއި ނުލައި ފުރިހަމަ ނުވާނެ މައްސަރަކެވެ. އެހެން ކަމުން ބާޒާރުގައި ކަރާގެ އަގުތައް ހުރި ގޮތަށްވެސް ބަލައިލީމެވެ. ކަރާ ކިލޯއެއް ލިބެން ހުރީ 25 ރުފިޔާއާއި 30 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ކުރިން ކަރާ ކިލޯއެއް ވިއްކަމުން ދިޔައީ 20 ރުފިޔާއަށެވެ. ކޮންމެ ރަމަޟާން މަހަކުވެސް ފުރަތަމަ ދެ ހަފްތާއެއްހާ ދުވަހު އަގުތައް އުފުލެއެވެ. އެހެންނަމަވެސް އަގުތައް އަތްފޯރާ ފަށައް އަންނަކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މިއަހަރުވެސް ބާޒާރަށް ކަރާ ލިބޭވަރަކުން އަގުތައް ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިއްސުރެން މާލެ ސަރަހައްދުން ލުނބޮލުގެ އަގުތައް އުފުލެމުން އަންނަ ވާހަކަ އަޅުގަނޑުމެން އައީ އަޑުއަހަމުންނެވެ. އެހެންކަމުން ލުނބޯގެ އަގުތައް މާރުކޭޓުން ބަލާލިއިރު ކިލޯއެއްގެ އަގު މިހާރު ހުރީ 120 ރުފިޔާގައެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ލުނބޯ ކިލޯއެއް 195 ރުފިޔާއަށްވެސް ވިއްކާފައިވެއެވެ. މިއީ ކުޑަކުޑަ ތަންކޮޅެއް ދަށްވުމެވެ. އެހެންނަމަވެސް ލުނބޯ ލިބުން ދަތިކަން ފާހަގަކޮށް މާރުކޭޓު ގޮޅީގަ އިން ބޭބެ ބުނީ ލުނބޯގެ އަގު ދަށް ނުވާނެ ކަމަށެވެ. އެއީ ލުނބޯ ލިބުން ދަތިކަމުން ކަންވެސް ފާހަގަކުރިއެވެ.
މާރުކޭޓުން ލިބެން ހުރި ކާށީގެ އަގަށް ބަލާއިރު ބައެއް ގޮޅިތަކުން ކާއްޓެއް 6 ރުފިޔާއާއި 15 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި ހުރިއިރު ގަބުޅި ވިއްކަނީ 15 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. ރަަމަޟާން މަހަކީ ކާށި އަދި ގަބުޅިއަށްވެސް އޮންނަ ޑިމާންޑް ބޮޑު މައްސަރެކެވެ.
މާރުކޭޓުގައި އަގުތަކަށް ބަދަލު ނާންނަ ބައެއް ތަކެތި ވެސް އެބަ ހުއްޓެވެ. އަނެއްބައި ތަކެތީގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ޓޮމާޓޯ ކިލޯއެއް ކުރިން 40 ރުފިޔާއަށް ވިއްކި ނަމަވެސް މިހާރު އޭގެ އަގު ވަނީ 25 ރުފިޔާއަށް ތިރިވެފައެވެ. ފިޔާގެ އަގަށް ބަދަލެއް ނާދެއެވެ. މިހާރު ވެސް 18 ރުފިޔާއާއި 20 ރުފިޔާއަށް ފިޔާ ކިލޯއެއް ލިބެން އެބަހުއްޓެވެ. އަލުވިކިލޯއެއް 15 ރުފިޔައާއި 25 ރުފިޔާއި ދޭތެރޭގެ އަގުތަކެއްގައި ލިބެއެވެ.
ރޯދަ މަހާ ދިމާކޮށް ތަކެތީގެ އަގު އުފުލުމަކީ ކޮންމެ އަހަރަކު ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރާ ކަމެކެވެ. ކޮންމެ އަހަރަކު ވެސް ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުތައް ތަފާތެވެ. ވިޔަފާރި ބަނދަރުގައި މުދާ ތާށި ވުމުގެ ސަބަބުން ބައެއް އަހަރުތަކުގައި މުދަލުގެ އަގު އުފުލޭއިރު މުދާ ގެނައުމުގައި ހުރި ދަތިތަކުގެ ސަބަބުން ވެސް މުދަލުގެ އަގު އުފުލެއެވެ.
ރޯދަ މަހު މާރުކޭޓުގައި އަގު އުފުލޭނެ ކަމަށް ލަފާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ކަރާ، އަނބު، ކުރުނބާ، މިރުސް ހިމެނެއެވެ. އެތަނުގައި ގޮޅިއެއް ހިންގާ މީހަކު ވީނިއުސްއަށް މައުލޫމާތުދެމުން ބުނީ ތަކެތީގެ އަގު އުފުލޭނީ އެއަށް އޮންނަ ޑިމާންޑް ރޯދަ މަހު ބޮޑުވާތީ ކަމަށެވެ.
މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު އުފުލޭނެ ކަމަށް ގޮޅިތަކުން ލަފާ ކުރި ނަމަވެސް އަގުތައް މާބޮޑު ވެގެން ނުދާނެ ކަމަށްވެސް އެމީހުން ބުނެއެވެ.
ވިޔަފާރިވެރިން ބުނާ ގޮތުގައި ވިޔަފާރީގެ އެއް ބަޔަކީ ޑިމާންޑާއި ސަޕްލައި ދިމާ ނުވާ ނަމަ، އޭގެ ފައިދާ ނެގުމެވެ. އެތައް ބަޔަކު އެކައްޗެއް ބޭނުންވެގެން ތިބޭ ވަގުތެއްގައި ބާޒާރުން އެ ހުސްވާނަމަ، އެ މުދަލެއްގެ އަގު ބޮޑުވާނެ އެވެ.
ވިޔަފާރިވެރިން ބުނާގޮތުގައި ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު ބޮޑުވުމަކީ ރާއްޖެއިން ލިބޭ ތަކެތީގެ އަގުބޮޑުވުމުގެ މައިގަނޑު ސަބަބެވެ. އަދި ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި އެހެން ހަދާ ދެ ސަބަބެއް އޮވެއެވެ. އެއް ކަމަކީ، ފައިސާ ހުރި މީހާ އެ މުދާ އެއްކޮށް ނަގައިގެން އޭނާ މާ އަގުބޮޑުކޮށް ވިއްކުމުގެ ބިރު އޮތުމެވެ. އަނެއް ކަމަކީ، އަގުބޮޑުކޮށް ވިޔަސް އެންމެންނަށް އެ މުދަލެއް ފޯރުކޮށްދިނުމެވެ.
އެކަމަކު އޭގެ އަނެއްކޮޅު ވެސް ރާއްޖޭގައި އޮވެއެވެ. އޭގެ އެއް މިސާލަކީ މިރުހެވެ. ކިތަންމެ ބައިވަރު މިރުސް ބާޒާރުގައި ހުއްޓަސް މިރުހުގެ އަގު ބާޒާރުގައި ބޮޑުވެއެވެ. މިދިޔަ ރޯދަ މަހު ވެސް ވިޔަފާރިވެރިން ކީ އަގުތަކުގައި ނުވިކިގެން ވަރަށް ގިނަ އަދަދެއްގެ މިރުސް އުކާލަން ވެސް ޖެހުނެވެ. އެހެންވެ، ވިޔަފާރިވެރިން އެ ދައްކާ އުޒުރުތައް މުޅިން ރަނގަޅެއް ވެސް ނޫނެވެ.
ކޮންމެ އަހަރަކުވެސް ރޯދަމަސް އަންނަ އިރު އާންމު ގޮތެއްގައި ބާޒާރުގެ ތަކެތީގެ އަގުތައް 200 - 300 ގުނަ އަށް އުފުލޭކަން ފާހަގަކުރެވެއެވެ. ރޯދަ މަހަކީ ވިޔަފާރިވެރިންނަށް އަންނަ އީދެކެވެ.
ކުރިން 55 ރުފިޔާ އަށް ދޭ ބޮޑު ޓިޝޫރޯލެއް ކުއްލިއަކަށް 80 ރުފިޔާ އަށް މައްޗަށް ޖެހުނީމާ މީދެން ބޮޑުވަރެއް ދޯ…!