ރޯދަ މަހަށް ޚާއްސަކޮށް މާލެ އަދި ވިލިމާލޭގައި ގާއިމްކުރުމަށް ނިންމި ވަގުތީ މާރުކޭޓުތައް ރައްޔިތުންގެ ޚިޔާލާއި އެއްގޮތަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ ރޯދަމަހު މާލޭގައި ހަދަން ނިންމާފައިވާ ވަގުތީ ދެ މާރުކޭޓުގެ ތެރެއިން ރަސްފަންނު ޕާކިން ޒޯންގައި ހަދާ މާރުކޭޓު އެތަނުގައި ނުހަދާގޮތަށް ވަނީ ހަމަޖެހިފައި ކަމަށާއި މިބަދަލު ގެންނަން ނިންމި މައިގަނޑު ސަބަބަކީ އެ ސަރަޙައްދުގައި ޕާކް ކުރުމަށް ދަތިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބުމާއި ގުޅިގެން ކަމަށެވެ.

މި ބަދަލާއި އެކު ސިޓީ ކައުންސިލުން މި ވަގުތީ މާރުކޭޓު ހެދުމަށް އިތުރު ސަރަޙައްދެއް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

އަދި މިވަގުތަށް އެކަށީގެންވާ ރަނގަޅު ސަރަޙައްދެއް ހަމަ ނުޖެހިއްޖެނަމަ މާލޭގައި ރޯދައަށް ހަދަން ނިންމި ވަގުތީ ދެ މާރުކޭޓުގެ ބަދަލުގައި ހަދާނީ އެއް މާރުކޭޓު ކަމަށާއި މިއާއިއެކު ވިލިމާލޭގައިވެސް ވަގުތީ މާރުކޭޓެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ރޯދައަށް ޚާއްސަކޮށް މާލޭގައި ވަގުތީ މާރުކޭޓު ހަދަން ކުރިން ނިންމީ ދަރުބާރުގެ ސަރަޙައްދުގައި އަދި ރަސްފަންނު ޕާކިން ޒޯން ހިމެނޭ ސަރަޙައްދުގައެވެ. މީގެ އިތުރުން ވިލިމާލޭގައި އެއް މާރުކޭޓު ރޯދައަށް ޚާއްސަކޮށް ހަދަންވަނީ ނިންމާފައެވެ.

މާލެ ސިޓީ ކައުންސިލުން ރޯދައަށް ވަގުތީ މާރުކޭޓް އަޅަން ނިންމާފައިވަނީ ރޯދަމަހު ބާޒާރުމަތީގައި ތޮއްޖެހުން އިތުރުވެ ކާބޯތަކެތި ގަތުމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސް ދިނުމަށްޓަކައެވެ.

އެގޮތުން ވިލިމާލޭގެ ވަގުތީ މާރުކޭޓުގެ ސަބަބުން އެރައްޔިތުން މާލެ ނައިސް ވިލިމާލޭގައި ތިބެގެން ރޯދައަށް ބޭނުންވާ ކާބޯތަކެތި ގަތުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.