ރަޝިޔާގެ ތެޔޮ ގުދަނަކަށް ޔޫކްރެއިން ސިފައިން ހަމަލާދިންކަން އެނގިފައި ނުވާކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ޕޯލެންޑްގައި މިވަގުތު ހުންނެވި ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލޭބާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތެޔޮ ގުދަނަށް ހަމަލާދިނީ ޔޫކްރެއިން ސިފައިންކަން ކަށަވަރު ކޮށްދެއްވަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޔޫކްރެއިން ސިފައިން ހިންގާ އޮޕަރޭޝަންތަކުގެ މައުލޫމާތު އޭނާއާ ހިއްސާ ނުކުރާތީ، އެކަމަކީ ޔޫކްރެއިން ސިފައިންގެ ކަމެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެހެންވެ، އޭނާ އެކަން ދޮގެއްވެސް ނުކުރައްވައެވެ.

މިއަދު ވައިގެ ހަމަލާދީ ގޮއްވާލާފައިވަނީ ރަޝިޔާގެ ބެލްގޮރޮޑްގައި ހުރި ތެޔޮ ރައްކާ ގުދަނެކެވެ.

ރަޝިޔާގެ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެފައިވަނީ، މި ގުދަނަށް ހަމަލާ ދީފައިވަނީ ޔޫކްރެއިންގެ ދެ ހެލިކޮޕްޓަރަކުން ކަމަށެވެ.

މިއީ، ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރއި ހަމަލާތައް ދޭންފެށިފަހުން ރަޝިޔާގެ ފަސްގަނޑުގައި ހުރި ތަނަކަށް ޔޫކްރެއިން ސިފައިން ހަމަލާދިން ކަމަށް ރަޝިޔައިން ތުހުމަތު ކުރި ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، މިކަމުގެ ސަބަބުން، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި ކުރިއަށްގެންދާ ވާހަކަތަކަށް ނުތަނަވަސްކަން މެދުވެރިވާނެ ކަމަށެވެ.

އެހެން ނަމަވެސް، ރަޝިޔާ – ޔޫކްރެއިން މަންދޫބުންގެ މެދުގައި އޮންލައިންކޮށް މިއަދުވެސް ވާހަކަތައް ފެށިގެން ކުރިއަށް އެބަދާ ކަމަށް ޔޫކްރެއިނުން ކަށަވަރު ކޮށްދީފައި ވެއެވެ.