ދިވެހިރާއްޖޭގެ ހައި ކޯޓުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޝަރީއަތްތަކުގެ އޯޑިއޯ އަދި ވީޑިއޯ އާންމުކުރަން ފަށައިފިއެވެ.

ހައިކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކޯޓުން އާންމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީއަތުގެ މަޖިލިސްތަކުގެ އޯޑިއޯ އަދި ވީޑިއޯ އާންމު ކުރަމުން ގެންދިއުމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، ލައިވްކޮށް ފޮނުވަމުންދާ ޝަރީއަތްތަކުގެ އިތުރުން، އާންމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީއަތްތައް އެ ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އާންމުކުރަމުން ދާނެ ކަމަށް ހައިކޯޓުނެ ބުނެއެވެ.

ކޯޓުން ލައިވްކުރަނީ ޕަބްލިކް އިންޓްރެސްޓް ބޮޑެތި މައްސަލަތައް އެކަންޏެވެ. ނަމަވެސް، އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުންތަކުގައި ބައިވެރިވުމަށް އެދުމުން އާންމުންނާއި ނޫސްވެރިން އެ އަޑުއެހުންތަކުގައި ބައިވެރިކޮށްދެއެވެ.

ހައި ކޯޓުން ވަނީ އެކޯޓުގެ ޝަރީއަތްތަކަށް ފޯނާއި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ސާމާނު ވެއްދުމުގެ ހުއްދަވެސް ދޭން ފަށާފައެވެ.

ހައި ކޯޓުގެ އިތުރުން، ސުޕްރީމް ކޯޓުންވެސް، އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހުރިހާ ޝަރީއަތުގެ މަޖިލީހެއް އެކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރެއެވެ.