ރާއްޖެއަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މިއަދު އިރުއޮއްސުނު ފަހުން ރާއްޖޭގެ ބައެއް ރަށްރަށާއި ބައެއް އިސްލާމީ ގައުމުތަކަށް ރަމަޟާން މަހުގެ ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވެފައިވާ ކަމަށެވެ.
ޖަލްސާއަށް ފަހު ބޭއްވި ހަނދާ ބެހޭ ގަރާރުގައި މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އޭޕްރިލް މަހުގެ ދެވަނަ ދުވަސް ކަމަށާއި ރޯދަ ހިފުމަށް ފަރުވާތެރިވެ މާތް ﷲ ގެ ރުއްސެވުމާއި މަގުފިރަތައް އެދި ހެޔޮކަންކަން ކުރުމަށް ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް މިނިސްޓަރ ޒާހިރު ވަނީ ނަސޭހަތްތެރިވެފައެވެ.
މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅައި އެކަން އިއުލާންކުރުމާއެކު ސިފައިން ވަނީ ބަޑި ޖަހާފައެވެ.
ރާއްޖެއަށް ހަނދުފެނިފައިވަނީ އައްޑޫ ސިޓީއަށެވެ.
ސައުދީ އަރަބިއްޔާއަށްވެސް މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާއެވެ. ސައުދީގެ އިތުރުން ވެސް ބައެއް އިސްލާމީ ގައުމުތަކުން ވަނީ މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައެވެ.