މިއަހަރުގެ މިހާތަނަށް އައިއިރު އަދިވެސް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަނީ ރަޝިޔާއިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރު ފެށިގެން ހުސްވި މާޗު މަހުގެ 31 ވަަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 427،677 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އޭގެތެރެއިން ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާ އިންނެވެ.

އެގޮތުން މާޗު މަހުގައި އެކަނިވެސް ރަޝިޔާއިން ރާއްޖެއަށް 52،081 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު 49،555 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތުންއެވެ.

ތިންވަނަ ލިބެނީ އިންޑިޔާ އަށެވެ. އެގައުމުން 46،154 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޖަރުމަނާއި އިޓަލީ އަދި ފްރާންސުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ފަތުރުވެރިންނަށް ހިދުމަތްދޭ 1،172 ތަނެއް މިހާރު ވަނީ އަލުން ހިދުމަތަށް ގެނެސްފައެވެ. މީގެތެރޭގައި ހިމެނެނީ، 169 ރިސޯޓާއި، 851 ގެސްޓްހައުސްގެ އިތުރުން 152 ސަފާރީއެވެ. މިއީ 54،618 ބެޑް ކެޕޭސިޓީއެވެ.

އަދި ހޯމްސްޓޭ ޓުއަރިޒަމްގެ ނަމުގައި ރަށްރަށުގައި މުޅިން ތަފާތު ވައްތަރެއްގެ ފަތުރުވެރިކަމެއް ވަނީ ތައާރަފުކޮށްފައެވެ.

ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމުގެގޮތުން، ޓުއަރިޒަމް މިނިސްޓްރީން ފެށި ވެކްސިން ޕްރޮގްރާމުގެ ދަށުން އިންސައްތަ ރިޒޯޓް މުވައްޒަފުންގެ ތެރެއިން މިހާތަނަށް 97.7 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

ސަރުކާރުގެ މިއަހަރުގެ އަމާޒައަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމެވެ.