އިންޑިއާއިން ސްރީލަންކާއަށް އިމަޖެންސީކޮށް ހަނޑޫ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އިންޑިއާއިން ސްރީލަންކާއަށް ހަނޑޫ ފޮނުވައިދޭން މި ފަށަނީ، އިންޑިއާ ސަރުކާރުން ސްރީލަންކާއަށް ދިން އެއްބިލިއަން އެމެރިކާ ޑޮލަރުގެ ކްރެޑިޓްލައިންގެ ތެރެއިންނެވެ.

އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓްލައިންގެ ތެރެއިން އިންޑިއާއިން ފޯރުކޮށްދޭން ހަމަޖެހުނީ އެންމެ އަސާސީ ތަކެއްޗެވެ. އޭގެ ތެރޭގައި ތެލާއި، ކާބޯތަކެއްޗާއި ބޭސްވެސް ހިމެނެއެވެ.

އިންޑިއާއިން ސްރީލަންކާއަށް ފޮނުވަން މިއަދު ލޯޑްކުރަން ފެށި ޝިޕްމަންޓްގައި ހިމެނެނީ 40،000 ޓަނުގެ ހަނޑުލެވެ.

މިޝިޕްމަންޓް ކޮންޓެއިނަރތަކަށް އަޅައި ނިމުމާއެކު ވަރަށް އަވަހަށް ބޯޓަށް އަރުވައި ސްރީލަންކާއަށް ފޮނުވާނެ ކަމަށް، ސްރީލަންކާއަށް ހަނޑޫ ފޮވުމުގެ މަސައްކަތާ ހަވާލުވެފައިވާ އިންޑިއާގެ ޕައްތަބީ އެގްރޯ ފޫޑްސްއިން ބުނެފައި ވެއެވެ.

އިންޑިއާގައި ދުނިޔޭގައި އެންމެ ގިނައިން ހަނޑޫ އެކްސްޕޯޓްކުރާ ގައުމެވެ.

އިންޑިއާއިން ފޮނުވާ ފުރަތަމަ ޝިޕްމަންޓްގެ ސަބަބުން ސްރީލަންކާގައި މިހާރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ހަނޑުލުގެ އަގު ތިރިކުރުމަށް ސްރީލަންކާ ސަރުކާރަށް އެހީއަކަށް ވާނެއެވެ.

ފޮރިން އެކްސްޗޭންޖް ރިޒާވް 70 އިންސައްތައަށް ވެއްޓި، ސްރީލަންކާއަށްވަނީ ބޭރުން އަސާސީ މުދާ އެތެރެކުރުމަށް ބޮޑެތި ހުރަސްތަކާ ކުރިމަތިވެފައެވެ. އެހެންވެ، ސްރީލަންކާއިން މަސައްކަތް ކުރަމުންދަނީ ދަރަންޏަށް ފައިސާއާއި މުދާދޭނޭ ފަރާތްތަކުގެ އެހީ ހޯދުމަށެވެ.

އިގްސާދު ހީނަރުވެ، ތެލާއި ބޭހާއި، ކާބޯތަކެތީގެ އަގު އިންތިހާއަށް މައްޗަށްގޮސް، ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރާން ފެށުމުން، ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ރޭގައިވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ހިންގަވާފައެވެ.

ސްރީލަންކާގެ ރައީސް މުޅި ގައުމުގައި އިމަޖެންސީ ހިންގަވައި، ސަލާމަތީ ބާރުތަކަށް ބޮޑެތި ބާރުތަކެއް މިދެއްވީ، ރުޅިއައިސްފައިވާ އެތައްސަތޭކަ އާންމުން އިއްޔެ ކޮޅުނބުގައި ހުންނަ ރައީސްގެ ގެކޮޅަށް ހަމަލާދީ، ގެކޮޅަށް ވަދެގަތުމަށް މަސައްކަތް ކޮށްފައި ވަނިކޮށެވެ.

ސްރީލަންކާގެ އާންމުން ގެންދަނީ، ރައީސް ގޮޓަބާޔައާއި، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.