ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކުރަން ކުރެވޭ މަސައްކަތުގެ ފަހަތުގައި އޮތީ އެމެރިކާ ކަމަށް ބުނެ ޕާކިސްތާނު ސަރުކާރުން އެމެރިކާ ސަރުކާރަށް ނުރުހުމާއި ޝަކުވާ ހުށަހަޅައިފިއެވެ.

ޕާކިސްތާނު ސަރުކާރުގެ ޝަކުވާގެ ސިޔާސީ ނޯޓު ހުށަހަޅާފައިވަނީ ޕާކިސްތާނުގައި ހުންނަ އެމެރިކާ އެމްބަސީއަށެވެ.

ޕާކިސްތާނުގެ ޓީވީއެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ޚާން ވިދާޅުވީ، އޭނާ މަގާމުން ދުރުކުރުމަށް ކުރެވޭ މަސައްކަތުގެ ފަހަތުގައި އޮތީ ބޭރުގެ ބާރެއް ކަމަށާއި، އެހެންކަމުން، ޕާކިސްތާނުގެ ދާޚިލީ ކަންކަމާ ބެހޭތީ އެކަމުގެ ޝަކުވާ ހުށަހެޅުއްވީ ކަމަށެވެ.

އިމްރާން ޚާން ވިދާޅުވީ، އޭނާ މަގާމުން ދުރުކުރަން މަސައްކަތް ކުރަމުންދަނީ، ފެބްރުއަރީމަހު އޭނާ ރަޝިޔާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ކަމަށެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި އަސްކަރީ ހަމަލާތައް ދޭން ފެށީ، އިމްރާން ޚާން ރަޝިޔާއަށް ވަޑައިގެން ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންއާ ބައްދަލު ކުރެއްވި ދުވަހުއެވެ.

އިމްރާން ޚާން ވިދާޅުވީ، އޭނާ ރަޝިޔާއަށް ވަޑައިގެން ޕޫޓިންއާ ބައްދަލު ކުރެއްވުމުން އެމެރިކާ ހިތްހަމަނުޖެހުނީ ކަމަށެވެ.

އިމްރާން ޚާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕާލަމެންޓަށް ވައްދައި، މާދަމާ ވޯޓަށް އެހުމަށް ވަނީ ތައްޔާރުވެފައެވެ.

އިމްރާން ޚާން މަގާމުން ދުރުކުރެވޭ ވަރަށް އިދިކޮޅުން ވޯޓު ހަމަކޮށްފައިވާއިރު، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތައްވެސް ވަނީ އިދިކޮޅާ ގުޅިފައެވެ.

އިމްރާން ޚާން މަގާމުން ދުރުކުރަން އުޅެނީ އެމެރިކާއިން ކަމަށް ވިދާޅުވުމުން، ވައިޓް ހައުސްއިންވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ވައިޓްހައުސްއިން ބުނެފައިވަނީ، އިމްރާން ޚާން މަގާމުން ދުރުކުރަން އެމެރިކާއިން މަސައްކަތް ނުކުރާ ކަމަށެވެ.

އިމްރާން ޚާންގެ ތަހްރީކޭ އިންސާފު ޕާޓީގެ މެމްބަރުން ޕާކިސްތާނުގެ އެކި ރަށްތަކުގައި އެމެރިކާއަށް ނުރުހުން ފާޅުކޮށް މުޒާހަރާތައް ފަށާފައި ވާއިރު، އިމްރާން ޚާން މަގާމުން ދުރުކުރުމުގެ މަސައްކަތާ ދެކޮޅަށް ޕެޓިޝަންތައްވެސް ހަދަމުން އެބަގެންދެއެވެ.