ރަމަޟާންމަހުގެ ރޯދަޔަކީ އިމްސާކް ވަގުތުން ފެށިގެން އިރު އޮއްސުމާ ދެމެދުގެ ވަގުތުގައި ކެއިން ބުއިމާއި އެނޫންވެސް، ރޯދަ ގެއްލިދާނެކަމަށް އިސްލާމީ ހުކުމްތަކުގައި ކަނޑައަޅާފައިވާ ކަންކަމާ ދުރުހެލިވެ ތިބޭ ތިބުމެވެ. ފަތިސް ނަމާދުން ފެށިގެން މަޣްރިބް ނަމާދާ ހަމައަށް އެއްވެސް އެއްޗެއް ނުކައި ނުބޮއި ހޭދަކުރާ ވަގުތެކެވެ.
ވަރަށް މަދު ހާލަތެއް މެދުވެރިވެގެންނޫނީ، ހުރިހާ މުސްލިމުން ރަމަޟާންމަހުގައި ރޯދަ ހިފުމަކީ ވާޖިބު ކަމެކެވެ. ރޯދަ ނުހިފައި ދޫކޮށްލެވިދާނެ މަދު ހާލަތްތަކުގެ ތެރޭގައި ހިމެނެނީ، ބައްޔެއްގެ ސަބަބުން، މައްސަރު ކަންތައް ލައިގަތުން، ދަތުރުފަތުރު، އުމުރުން ދުވަސްވުން އަދި ކުޑަކުދިންކަމުގައި ވުމެވެ.
މުޅި ދުނިޔޭގެ ހުރިހާ ބިތެއްގައިވެސް މުސްލިމުން ދިރިއުޅެމުން ގެންދެއެވެ. އެހެންކަމުން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ރޯދަ ހިފުމުގައި، އެމީހަކު ހުރި ހިސާބެއްގެ ސަބަބުން ރޯދަ ހިފާންޖެހޭ ވަގުތުގެ ދިގު މިނަށާއި، ކުރުމިނަށް ބަދަލުއާދެއެވެ. އެކަން ބިނާވަނީ އެ ގައުމަކަށް އިރު އަރައި އޮއްސޭ ވަގުތެއްގެ މައްޗަށެވެ.
މިއަހަރުގެ ރަމަޟާންމަހުގައި ބައެއް ގައުމުތަކުގެ ރައްޔިތުން މަދު ގަޑިއިރުތަކެއްގައި ރޯދަ ހިފަން ޖެހޭއިރު، ބައެއް ގައުމުތަކުގެ މުސްލިމުން 20 ގަޑިއިރު ރޯދަ ހިފަންޖެހެއެވެ.
ވަގުތު ދިމާވާގޮތުން، މިފެށުނު ރަމަޟާންމަހު އެންމެ ކުރު ވަގުތުކޮޅަކަށް ރޯދަ ހިފަންޖެހެނީ ދެކުނު އެފްރިކާގެ ޖޮހަނަސްބާރގްގެ މުސްލިމުންނަށެވެ. އެއީ، އެންމެ 11 ގަޑިއިރެވެ.
11 ގަޑިއިރާއި 12 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ރޯދަ ހިފަންޖެހޭ އެހެން ރަށްތަކުގެ ތެރޭގައި އާޖެންޓީނާގެ ވެރިރަށް ބުއެނޮސް އައިރިސް، ދެކުނު އެފްރިކާގެ ކޭޕް ޓައުން، ނިއުޒީލެންޑްގެ ކްރިސްޗާރޗް ހިމެނެއެވެ.
މިއަހަރު އެންމެ ގިނަ ވަގުތު ރޯދަ ހިފަންޖެހޭ ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތައް ހިމެނެއެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުގެ މުސްލިމުން ގާތްގަނޑަކަށް 20 ގަޑިއިރު ރޯދަ ހިފަންޖެހެއެވެ. އެގައުމުތަކުގެ ތެރޭގައި، ނޯރވޭ، ފިންލެންޑް ހިމެނެއެވެ.
އުތުރު އެމެރިކާއިން ގްރީންލޭންޑްގެ ނޫކް 20 ގަޑިއިރު ރޯދަ ހިފަންޖެހެއެވެ.
ޖަރުމަނުގެ މުސްލިމުން 18 ގަޑިއިރު ރޯދަ ހިފަން ޖެހޭއިރު، ޑެންމާކް، ޔޫކޭ، ޕޯލެންޑްގެ ރައްޔިތުން ގާތްގަނޑަކަށް 18.5 ގަޑިއިރު ރޯދަ ހިފަން ޖެހެއެވެ. ބެލްޖިއަމް، ސްވިޓްޒަރލޭންޑްގައި 18 ގަޑިއިރު ރޯދަ ހިފަން ޖެހޭއިރު، ރުމޭނިއާގައި ރޯދަ ހިފަން ޖެހެނީ 17.5 ގަޑިއިރުއެވެ.
17 ގަޑިއިރު ރޯދަ ހިފަންޖެހޭ ރަށްތަކުގެ ތެރޭގައި، ބަލްގޭރިއާގެ ސޯފިއާ، ފްރާންސްގެ ޕެރިސް، ރަޝިޔާގެ މޮސްކޯ، އިޓަލީގެ ރޯމް ހިމެނެއެވެ. ސްޕެއިންގެ މެޑްރިޑާއި، ޕޯޗްގަލްގެ ލިޒްބަން އަދި ގްރީސްގެ އެތެންސްގައި ރޯދަ ހިފަން ޖެހެނީ 16.5 ގަޑިއިރުއެވެ.
އޭޝިޔާއަށް ބަލާއިރު، ކަޒަކްސްތާނުގެ ނޫރު ސުލްތާންގައި 18.5 ގަޑިއިރު، އަފްޣާނިސްތާނުގެ ކާބުލްގައި 17 ގަޑިއިރު، ޗައިނާގެ ބެއިޖިންގައި 16.5 ގަޑިއިރު، ޖަޕާނުގެ ޓޯކިޔޯ، ޕާކިސްތާނުގެ އިސްލާމްއާބާދޫގައި 16 ގަޑިއިރު، އަދި އިންޑިއާގެ ނިއުދިއްލީގައި 15 ގަޑިއިރު ރޯދަ ހިފަން ޖެހެއެވެ.
އެފްރިކާ ބައްރުން މޮރޮކޯގެ ރަތާބުގައި ރޯދަ ހިފަންޖެހެނީ 16 ގަޑިއިރުއެވެ.
ދިވެހިރާއްޖޭގެ ވެރިރަށް މާލެ ސަރަހައްދުގައި ރަމަޟާންމަހުގެ ކުރީކޮޅު 13.17 ގަޑިއިރު ރޯދަ ހިފަން ޖެހޭއިރު، ރޯދަމަހުގެ ފަހުކޮޅު ވަގުތަށް ބަދަލު އާދެއެވެ.
ދުނިޔޭގެ އެހެން ހިސާބުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް، މާލެ ސަރަހައްދާއި، އަތޮޅު ތެރޭގައި ރޯދަ ހިފައި، ރޯދަ ވީއްލާ ވަގުތަށް ބަދަލުއާދެއެވެ.
ރަމަޟާންމަހަކީ އަޅުކަމާއި، ހެޔޮ އަމަލުތަކުގެ މައްސަރެވެ. ދީލަތިކަން އިސްކޮށް ތިމާގެ އަމިއްލަ ނަފްސު ޠާހިރުކުރަން ލިބޭ ފުރުސަތެކެވެ.