ސްރީލަންކާ ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ، މަސްރަހް އިތުރަށް ހޫނުވާން ފެށުމާ ގުޅިގެން މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އިންޑިއާ ސިފައިން ސްރީލަންކާއަށް ފޮނުވަން އުޅޭކަމަށް ފެތުރެމުންދާ ރިޕޯޓްތައް އިންޑިއާއިން ދޮގު ކޮށްފިއެވެ.

ކޮޅުނބުގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި، އިންޑިއާއިން ސްރީލަންކާއަށް ސިފައިން ފޮނުވަން އުޅޭކަމަށް ސްރީލަންކާގެ ބައެއް މީޑިއާތަކުން ކޮށްފައިވާ ރިޕޯޓްތައް ވަރަށް ބޮޑަށް ދޮގުކޮށްފައި ވެއެވެ.

އަދި ބުނެފައިވަނީ، އެ ވާހަކަތަކީ އެއްވެސް ހަގީގަތެއްނެތް، ރޯބުހުތާނު ދޮގު ކަމަށެވެ. އަދި ސިފައިން ފޮނުވާކަމަށް ފަތުރާ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައިވެސް ވެއެވެ.

ސްރީލަންކާގެ މަސްރަހް ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެފައިވަނީ، އިންޑިއާ ސިފައިން އަންނަ ވާހަކަތައް ފެތުރުމުގެ އަޑީގައި އޮތީ ޗައިނާ ކަމަށެވެ.

ކާބޯތަކެއްޗާއި، ތެލާއި، ގޭސް އަދި ޝަރޫރީ އެހެންވެސް ތަކެތި ނުލިބި ސްރީލަންކާގެ އާންމުން ރުޅިގަދަ ވެފައިވާއިރު، ކޮންމެ ދުވަހަކު 13 ގަޑިއިރު ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. މިކަމާހެދި ރައްޔިތުންގެ ރުޅި އިންތިހާއަށް މައްޗަށް ގޮސްފައި ވެއެވެ.

ރައްޔިތުން ރުޅިއައިސްގެން މުޅި ސްރީލަންކާގައި މުޒާހަރާތައް ކުރަމުންދާއިރު، ކޮޅުނބުގައި ހުންނަ ސްރީލަންކާގެ ރައީސްގެ ގެކޮޅު ކައިރިއަށް ހުކުރު ދުވަހު އެއްވި ބަޔަކު ރައީސްގެ ގެކޮޅަށް ހަމަލާދީ ވަދެގަންނަން މަސައްކަތް ކޮށްފައި ވާއިރު، ބުރާސްފަތި ދުވަހުގެރޭވެސް ބޮޑެތި ހަމަނުޖެހުން ހިންގާފައި ވެއެވެ.

މިކަންކަމާ ގުޅިގެން ސްރީލަންކާގެ ރައީސް މިހާރުވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު ހިންގަވާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ހިންގި ނަމަވެސް ބޮޑެތި މުޒާހަރާތައް ރާވާތީ، ރައީސް ގޮޓަބާޔަ ފަހުން ނެރުއްވި ގަރާރެއްގައި، ކާފިއު ގަޑީގައި އާންމު މައިދާނަކަށް ހުއްދަނެތި އެއްވެސް މީހަކު ނުކުތުން މަނާ ކުރައްވާފައި ވެއެވެ.

ރޭގަނޑަށް ކާފިއު ހިންގާފައި އޮތްނަމަވެސް، މިރޭވެސް ކޮޅުނބުގެ އެކި ހިސާބުތަކުގައި މުޒާހަރާތައް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އާންމުންގެ ރުޅި އިންތިހާއަށް މައްޗަށް ގޮސްފައިވާ އެއް ސަބަބަކީ، ސްރީލަންކާގެ އާންމުން އެތައް ގަޑިއިރަކަށް ކަރަންޓުގެ ޚިދުމަތުން މަހްރޫމް ކުރަމުންދާއިރު، ރައީސާއި، ކެބިނެޓުގެ ވަޒީރުންނާއި އެމީހުންގެ އާއިލާތަކަށް ކަރަންޓުގެ ޚިދުމަތް ލިބޭތީ ކަމަށް މީޑިއާއިން ބުނެއެވެ.

ތަކެތި ނުލިބި އާންމުން ދަތި ހާލުގައި އުޅޭއިރު، ސަރުކާރުގެ ވެރިންނާއި އެމީހުންގެ އާއިލާތަކުން ތަނަވަސްކަމާއި މުއްސަނދިކަމުގައި އުޅޭތީ ރައްޔިތުން މިހާރު ތިބީ ރަތަށް އަރާފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މަސްރަހް އިތުރަށް ގޯސްވަމުންދާތީ، ސްރީލަންކާ ސަރުކާރުން މިހާރުވަނީ ސޯޝަލް މީޑިއާ ވިއުގަތައް ކަމަށްވާ ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރއަށް ވަނުމުގައި ހުރަސްތަކާއި ދަތިތައް ކުރިމަތި ކޮށްފައެވެ.