މި ރަމަޟާން މަހު ތަރުކާރީ އާއި މޭވާ ލިބުމުގައި ދަތިތަކެއް ނެތް ކަމަށް ވިޔަފާރިވެރިން ބުނެފިއެވެ. ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލޭ މަހަކަށްވާއިރު، މިއަހަރުގެ ރޯދަ މަސް ފެށުނު އިރު، އަގު އެންމެ މަތީގައި ހުރީ ލުނބޮލުގެއެވެ.
ލުނބޯ ކިލޯއެއް 150 އަށް އަރާފައިވާއިރު، ވިޔަފާރިވެރިން ބުނީ ލުނބޮލަކީ ވައިގެ މަގުން ރާއްޖެ އެތެރެކުރާ އެއްޗަކަށްވާތީ ލިބުން ދަތިވެފައިވާ ކަމަށެވެ. އަދި މާލޭގެ ބާޒާރުގައި މިވަގުތު ލުނބޯ ލިބެންހުރީ ވަރަށް މަދު ފިހާރައެއްގައި ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
ވީނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން މާލޭގެ ލޯކަލް މާރުކޭޓުގައި ގޮޅިއެއް ހިންގާ މިހާކު ބުނީ، އާންމު ގޮތެށްގައި ލުނބޯ ގެންނަނީ ވިއެޓްނާމުން ކަމަށާއި ލަފާ ކުރެވޭ ގޮތުގައި އަންނަ ހަފުތާފައި ލުނބޮލުގެ އިތުރު ޝިޕްމަންޓެއް ލިބޭނެކަމަށެވެ. އެހެންކަމުން މި ޝިޕްމަންޓާއެކު، އުފުލިފައިވާ ލުނބޮލުގެ އަގުތައް ކުޑަކުރެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ވީނިއުސް އާއި ވާހަކަދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.
ވިޔަފާރިވެރިން ބުނީ ލުނބޮލުގެ އަގު ރަމަޟާން މަސް ފެށުނުއިރު މަތީގައި ހުރިނަމަވެސް، އާންމުގޮތެއްގައި ބޭނުންކުރާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކުގެ އަގު މައްޗަށް ދާނެކަމަށް ނުބެލެވޭ ކަމަށެވެ. އެއީ އެތަކެތީގެ ރަނގަޅު ސްޓޮކެއް ލިބިފައިވާތީ ކަމަށްވެސް ބުންޏެވެ. މާރުކޭޓުގައި ދެން އެންމެ އަގު ބޮޑު ބާވަތަކަށް ހުރީ މިރުހެވެ. މިރުސް އުޅެނީ 100 ގްރާމް، 65 ރުފިޔާއާއި 70 ރުފިޔާއާ ދެމެދުގައެވެ. މިރުހުގެ އަގު ކުރިން ހުރީ 100 ގްރާމް، 15 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގައެވެ.
ގިނަ ގޮޅިތައް ހިންގާ ވިޔަފާރިވެރިން ވީނިއުސް އަށް މައުލޫމާތު ދިން ގޮތުގައި ދަޑުވެރިން އަތުން މިރުސް ގަންނަން ލިބެނީ 650 ރުފިޔާ އަށް ކަމަށާއި، ބައެއް ދަނޑުވެރިން މިއަށްވުރެވެސް އަގު ބޮޑުކޮށް ވިއްކާ ކަމަށެވެ. މާރުކޭޓުން މިރުސް ކިލޯއެއްގެ އަގަކީ 700 ރުފިޔާއެވެ.
މި ރަމަޟާންމަހު، އާންމުގޮތެއްގައި ބޭނުންކުރާނެ ތަކެތީގެ އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް ސަރުކާރުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ފިޔާ، ބިސް އަދި އަލުވި އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން މިތަކެތި ހުސްނުވެ ލިބޭނޭ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މުދާ ހިފައިގެން ރާއްޖެއަށް އަންނަ ބޯޓުފަހަރުތައް ކްލިއަރ ކުރުމަށް ފަސޭހަ އިންތިޒާމްތަކެއް އެމްޕީއެލުން ވެސް ވަނީ ހަމަޖައްސާފައެވެ.
ދުރާލާ ރޭވިގެން، ކަމާބެހޭ އިދާރާތަކުންނާއި އެ އިދާރާތަކުގެ ވެރިންނާއި ސަރުކާރުން އަދި ވިޔަފާރިވެރިން ގެންގުޅުއްވި ހިކުމަތްތެރި ވިސްނުމާއެކު މި ރަމަޟާން މަހުގައި ތަކެތީގެ އަގު ހިފެހެއްޓި، އެތަކެތި މަދު ނުވެ ލިބޭނެ ގޮތްވިކަން، އާންމުން އަންނަނީ އުފަލާއެކު ބަލައިގަނެ ފާހަގަކުރަމުންނެވެ.