ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދޭން ޖެހޭ އެލަވަންސް ނުލިބޭ މީހުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ލޭބަރ ރިލޭޝަންސް އޮތޯރިޓީން ހުޅުވާލައިފިއެވެ.

ވަޒީފާއާ ބެހޭ ގާނުނަށް ގެނައި 4 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭންޖެހެއެވެ.

ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިއަދު ވަނީ ގާނޫނާ އެއްގޮތަށް ރަމަޟާން މަހުގެ އިނާޔަތް ލިބިފައިނުވާނަމަ އެ އޮތޯރިޓީއަށް މައްސަލަ ހުށަހެޅުމަށް އެދިފައެވެ.

މައްސަލަ ހުށަހަޅަން ބޭނުންވާ ނަމަ އެ އޮތޯރިޓީގެ ވެބްސައިޓް https://lra.gov.mv/dv/complaint-form/ މެދުވެރިކޮށް އަދި އޮތޯރިޓީއަށް ޒިޔާރަތްކޮށްވެސް މައްސަލަ ހުށަހެޅޭނެއެވެ. ނިމިދިޔަ މާރޗް މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ މާރޗް މަހުގެ 23 ވަނަ ދުވަހު އަންގާފައެވެ. ނަމަވެސް ބައެއް އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނަށް އަދިވެސް އިނާޔަތް ލިބިފައިނުވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ވަޒީފާ އާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ރޯދަ އިނާޔަތް ނުދީފި ނަމަ ފުރަތަމަ ކަމަކަށް އޮންނަނީ އިނާޔަތް ދިނުމަށް ނަސޭހަތްތެރިވުމެވެ. އަދި އޭގެ ފަހުން ވެސް އެކަން ތަކުރާރުކުރާ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް ވަޒީފާ ދޭ ފަރާތްތަކަށް ސަރުކާރުން ދޭ ހުއްދަތައް ބާތިލްކުރުން ފަދަ ފިޔަވަޅުތައް ވެސް އެޅިދާނެއެވެ.

ވޭތުވެ ދިޔަ އަހަރު ރަމަޟާން މަހުގެ އިނާޔަތް ނުދީގެން 65 ޝަކުވާއެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފައިވާއިރު، 41 މީހަކަށް އިނާޔަތް ހޯދައިދީފައިވާ ކަމަށް ލޭބަރ ރިލެޝަންސް އޮތޯރިޓީން ބުނެއެވެ.