ރާއްޖޭގެ ގައުމީ ޓީމަށް އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އިރުޝާދުދިން ނެދަލެންޑްސްގެ ރެނޭ ހިޑިންކު މަގާމުން ވަކި ކުރި ގޮތާއިމެދު ހިތްހަމަ ނުޖެހި، ދިވެހި ފުޓުބޯޅަ އެސޯސިއޭޝަނާއި ދެކޮޅަށް އޭނާ ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާއަށް ހުށަހެޅި މައްސަލަ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑްވްސް އާއި ދެކޮޅަށް ނިންމައިފިއެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމަށް ރެނޭ ހަމަޖެއްސީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ އޭރު ގައުމީ ޓީމުގެ ހެޑް ކޯޗަށް ހަމަޖެއްސި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އެހީތެރިއެއްގެ ގޮތުގައެވެ. އެންމެފުރަތަމަ ރެނޭ އާއިއެކު އެފްއޭއެމް އިން ހެދީ އެއް އަހަރުގެ އެއްބަސްވުމެކެވބެ. ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުގެ ކުރިން އެފްއޭއެމް އިން ވަނީ ރެނޭ އާއި ކޫޕްމަން އާއިއެކު އެއްބަސްވުން އައުކޮށް، ތިން އަހަރުގެ ކޮންޓްރެކްޓެއް ހަދާ، 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ރެނޭ ހަމަޖައްސައިފަ އެވެ.

އެ ޓީމުގެ ކޯޗު ކަމުގެ އިތުރަށް 16 އަހަރާއި 21 އަހަރާ ދެމެދު އުމުރުފުރާގެ ޑެވްލޮޕްމެންޓް މަސައްކަތް އޭނާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ވެސް އެފްއޭއެމުން އޭނާއާ ހާވަލު ކުރި އެވެ.

ފީފާގެ ޓްރައިބިއުނަލް އަށް ރެނޭ މައްސަލަ ހުށަހަޅާފައިވަނީ، އެކަށީގެންވާ މުއްދަތެއް ދިނުމެއްނެތި އެފްއޭއެމް އިން އޭނާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ރެނޭ ވަޒީފާ އިން ވަކިކުރިކަމަށް ފީފާ ޓްރިބިއުނަލްގެ ރިޕޯޓްގައި ބަޔާންކޮށްފައިވަނީ 23 ޖޫން 2021 ގައެވެ. މި މައްސަލަ ރެނޭ ފީފާގެ ޓްރައިބިއުނަލްގައި ޖެއްސި ނަމަވެސް، ރެނޭ މަގާމުން ވަކިކުރިކަން އިއުލާންކޮށް އެފްއޭއެމް އިން ބުނެފައިވަނީ އެއްބަސްވުން އުވާލީ އެފްއޭއެމާއި ރެނޭގެ މަޝްވަރާތަކަކަށްފަހު އެއްބަސްވެގެން ކަމަށެވެ.

ހެޑް ކޯޗް މާޓިން ކޫޕްމަންގެ އެއްބަސްވުން އެފްއޭއެމް އިން ނިމުމަކަށް ގެނައީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރެނޭ އާއިއެކު އެފްއޭއެމް އިން ހަދާފައިވާ އެއްބަސްވުން އުވާލީ އޭގެ ތިންމަސް ކުރިންނެވެ.

މިކަމާ ގުޅިގެން ރެނޭ ފީފާ އަށް ހުށަހެޅި މައްސަލަ ރެނޭ އާއި އެއްކޮޅަށް ނިމުނުއިރު، އެފްއޭއެމް އިން ރެނޭ އަށް ޖުމްލަ 2.9 މިލިއަން ރުފިޔާ ދޭން ޖެހޭނެއެވެ.

ފީފާގެ ޗީފް ލީގަލް އެންޑް ކޮމްލްޕަލަޔަންސް އޮފިސަރު ސޮއިކުރައްވައި އާންމުކުރި ރިޕޯޓްގައިވަނީ އެފްއޭއެމުން ރެނޭ އަށް ފައިސާ ދައްކަންޖެހޭ ގޮތުގެ ގައިޑްލައިނެއްވެސް ދީފައެވެ. މި ރިޕޯޓުގައިވާގތޮުން އެފްއއޭއެމް އިން މުސާރައިގެ ގޮތުގައި ރެނޭ އަށް 170،500 ޑޮލަރު ދޭން ޖެހޭނެއެވެ. އަދި ޕޮކެޓު މަނީގެ ގޮތުގައި ދޭންޖެހޭ ޖުމްލަ އަދަދެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ 15،500 ޑޮލަރެވެ. ރެނޭގެ މުސާރައިގެ ގޮތުގައި އެފްއޭއެމް އާއިއެކު ހަދާފައި އެއްބަސްވުމުގައި ވަނީ މަހަކު 5،500 ޑޮލަރެވެ. އަދި ޕޮކެޓު މަނީގެ ގޮތުގައި މަހަކު 500 ޑޮލަރު ދިނުމަށްވެސް ކޮންޓްރެކްޓުގައި ހިމަނާފައިވެއެވެ.

އެފްއޭއެމުން ރެނޭ އަށް ދޭން ޖެހޭ ފައިސާ އަދާކޮށްނުދޭނަމަ ފީފާ އިން ދޭ ޑިވެލޮޕްމަންޓް ފަންޑްގެ ވަކި ޕަސެންޓެއް މަދުވާނެ ކަމަށް ޓްރިބިއުނަލް ރިޕޯޓްގައިވަނީ ބަޔާންކޮށްފައެވެ.