ތިރީގައި މިވަނީ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.
******
ވެހެމުންދިޔަ ބޯވާރެއާއެކު މަގުތަކުގައިވަނީ ފެންހެދިފައެވެ. ވައިގަދަކަމުން ރުއްގަސް ހީވަނީ މުލުންލުހި އުކާލަން އުޅޭހެންނެވެ. ވިދާ ވިދުވަރުން ލޯތަކުގެ އަލިކަން ޖަހައިގަނެދާނެހެން ހީވާއިރު ގުގުރީގެ އަޑުން ކަންފަތް ހިނދުކޮޅަކަށް ދަނީ ބައްވެލާފައެވެ. މުޅި ރަށުތެރޭގައި ވަނީ އާދަޔާއި ހިލާފު ބިރުވެރިކަމެއް ވެރިވެގެންފައެވެ. މަގުތައްމަތިން މީހެއްގެ ހިލަމެއްނުވާތާގައި ގެއެއްގެ ތެރެއިންވެސް މީހެއްގެ ހިލަމެއްނެތެވެ. މިތޫފާނީރޭގެ ބިރުވެރިކަމުން ކޮންމެސްވަރެއްގެ ތަސައްލީއެއް ހިތަށްގެނައުމަށް އިޝާނަމާދުން ފޭބިގޮތަށް މީސްތަކުން ނިދީކަންނޭނގެއެވެ. ކުއްލިޔަކަށް ޖެހި ގުގުރިއަކާއިއެކު ހޮނުއެޅީ ސީދާ އާދަނުމެންގެ ގޭގައިހުރި ބިޔަ ބޮޑު ބަނބުކެޔޮގަހުގެ މެދަށެވެ. ބަނބުކެޔޮގަހުގެ މެދަށް އެޅި ހޮނާއިއެކު ގަހުގެ މައި ދެގޮފި ދޭތެރެއިން އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ފާޅުވާންހުރިއިރު އަލިފާންގަނޑުން ޒާތަކަށް ދުންއަރަމުން ދިޔައެވެ. އަލިފާންގަނޑުގެ މެދުން ރޮނގަކަށް މަށްޗަށް އަރަމުންދިޔަ ދުންގަނޑު އޮލަވެ ބޯވަމުންދިޔައެވެ. ހުޅަގުން ޖެހެމުންދިޔަ ގަދަ ވަޔާއިދެކޮޅަށް ދުންގަނޑު އާދަނުމެންގޭގެ އަސްކަނިދަށުން، އެތެރެޔަށް ވަދެގޮސް ހުސްވެއްޖެއެވެ.
އެނދުމަތީގައި ހަތަރެސްފައި ‘ހަރުދަނޑި’ އަރުވައިގެން ނުބައި ވައްތަރަކަށް ހެވިފައިއޮތް ފަރީޝާއާއި ދިމާލަށް ކޮނޑުމަތީގައިއޮތް ހުދު ފޮތިގަނޑު ފޮޅާލުމަށްފަހު ހަރުކަށި ރާގެއްގައި ހަކީމުބޭ ސުވާލުކޮށްލިއެވެ. ‘ކޮބާމިހާރު އޭނާ؟ އަތުވެއްޖެތަ؟ ހަކީމުބޭގެ އަޑަށް ދެއަތަށް ބޯހޫރުވައިގަތުމަށްފަހު ފަރީޝާ ތެޅިގަތެވެ. އަނެއްކާވެސް މުޅި ހަށިގަނޑަށް ވާންއަރުވާލައި މީހާ ހިއްލި އަރި އަރިއަށް ތެޅިގަތެވެ. ފަރީޝާގެ ހަތަރެސްފައިގައި ހިފަހައްޓައިގެންތިބި ހަތަރު ފިރިހެނުންނަށް އޭނާ އެނދުމަތީ މައިތިކޮށް ބޭއްވެނީ ހަމަ ކިރިޔާއެވެ. “ކަލޭމެންގެދުވަސް މިރޭދުއްވާލާނަން!” ނުބައި ރާގެއްގައި ބަރު އަދި ބިރުވެރި އަޑަކުން ފަރީޝާ ވާހަކަ ދައްކަންފެށިއެވެ. ހަކީމުބޭގެ އަތުގެ އިޝާރާތަކަށް މުޖުމަރާދޮށުގައި އިން ކުއްޖަކު ގޮމައެއް ފަޅާލުމަށްފަހު މުޖުމަރާއަށް ވައްޓާލިއެވެ. އަރައިގަތް ދުންތަކުން ހުދުފޮތިގަނޑަކަށް ދުންބުރުވާފައި ތުންތަޅުވަންހުރި ހަކީމުބޭގެއަތަށް ފޮތިގަނޑު ދިއްކޮށްލިއެވެ. ދެވަނަ ފަހަރަށް ފަރީޝާއާއި ދިމާލަށް ފޮތިގަނޑު ފޮޅާލުމަށްފަހު ހަކީމުބޭ ހަރުކަށިކަމާއިއެކު ފަރީޝާއާއި އަވަލަވައިގެން އުޅެނީ ކީއްވެތޯއާއި ކާކު ހެދި ސިހުރެއްތޯ ސުވާލު ކޮށްލިއެވެ. މިފަހަރުވެސް ޖަވާބުދިނުމުގެ ބަދަލުގައި ފަރީޝާ ޖަހާލީ ނުބައި ހިނިގަނޑެކެވެ. އަދި އަނގައިން ވައްތަރުޖައްސަމުން ފަރީޝާ ހަތަރެސްފައިގައި ހިފަހައްޓައިގެންތިބި ހަތަރު ފިރިހެނުން ފޮޅާލުމަށްފަހު ތެދުވަން މަސައްކަތްކުރިއެވެ. ވަގުތުން ހަކީމުބޭގެ ޝަހާދަތް އިނގިލިން ފަރީޝާގެ ފަޔާއި ދިމާލަށް ތުން ތަޅުވާލުމަށްފަހު ހަރަކާތެއްކޮށްލުމުން ދެފައި ބަނދެވި ފަރީޝާއަށް ކޮޅަށް ތެދުވެވޭގޮތެއްނުވިއެވެ.
ރޭގެ ބާރަޖަހަން ކައިރިވަނީއެވެ. ބާރަ ޖެހުމުގެ ކުރިން ފަރީޝާގެ ހަށިގަނޑުގައި ވަދެ ފިލައިއޮތް ނުބައި ރޫހު ނުނެރެވިއްޖެނަމަ ކަންތައް ވަރަށް ގޯސްވާނެކަން ހަކީމުބޭއަށް ކުރިންވެސް އެނގެއެވެ. އެހެންކަމުން އިތުރަށް ދިގު ދެއްމުމުގެ ބޭނުމެއް ހަކީމުބޭއަށް ނުފެނުނެވެ. ބަގީޗާގެޔަށް އަންނަމުން ހަކީމުބޭގެނައި ކުޑަ ފޮށި ހުޅުވާލުމަށަފަހު ހުދު ފޮތިން ބަނދެފައިހުރި ގުޅަވަރުތަކެއް ނިއުޅަން ފެށިއެވެ. ވަރަށް ސަމާލުކަމާއިއެކު ފަހަރަކު ފޮތިފަނޑެއް ނިއުޅަމުންގޮސް “އުމަ ސާޅިއަކާއި“ ‘ކާގޯޓެއް“ ނަގާ މުޖުމަރާ ގެނެސް އެއަށް އެތަކެތި އަޅައި އަންދަންފެށިއެވެ. އަޑުވީއްލާ އަދި އެހާމެ އަވަސް ކިޔެވުމެއްގައި ކިޔެވެއްޔެއް ކިޔަވަން ފެށިއެވެ. ކިޔަވަމުންގޮސް ކުރިމަތީއޮތް ފޮތުން ގަނޑެއް ކަނޑާލައި އޭގައި ނުބައި ސިފަޔަކަށްހުރި ރޫހެއް ކުރެހިއެވެ. އަރަބި އަކުރުން ފަރީޝާގެ ނަމާއެކު އިތުރު ލިޔުންތަކެއްލިޔެ ޒާތެއްގެ އަކައެއް ކުރަހާ ތަރިއެއްގެ ބައްޓަމަށް ކަރުދާސްގަނޑު ފައްޖަހާލިއެވެ. އަދި ކަރުދާހުންހެދި ތަރީގެ އެއްކަން މުޖުމަރާގެ ތެރޭގައި އަދަމުންދިޔަ އަލިފާންގަނޑަށް ދިއްކޮށްލިއެވެ. އެއާއިއެކު މުޅި ތަން އެއްއަޑުކޮށްލީ ފަރީޝާ ކަރުބުޑުން، މާ އެތެރެއިން ލަވައިގަތް ހަޅޭކުގެ އަޑަށެވެ.
ވެހެމުންދިޔަ ބޯވާރޭ ހުއްޓުނުފަދައެވެ. ޖަހާލި ގުގުރިއެއްފަދައިން ފަރީޝާ ލަވއިގަތް ހަޅޭކުގެ އަޑާއިއެކު ގޭތެރޭގައި ތިބި މީހުން ބިރުން ފިތްކަނޑައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ފަރީޝާގެ މަންމަ މުހުސިނާ ބާރަށް ފަރީދު ގައިގައި ބައްދައިގެން ހުރިއިރު މުހުސިނާގެ އެއްއަތުގައި ހިފައި އޮޅުލައިގަނެގެން އަރީޝާ ހުއްޓެވެ. ކިޔަވަން ގެނައި ތިން ފިރިހެނުން ކަޅިޖަހާނުލައި ފަރީޝާޔާއި ދިމާލަށް ބަލަހައްޓައިގެން ތިބިއިރު އިތުރު 4 ފިރިހެނުން ފަރީޝާގެ އެނދުކައިރީ ހުއްޓުން އަރާފައި ތިއްބެވެ. ފަސޭހައިން މިކަންތަށްގަނޑު މައިތިރި ނުވާނެކަން ދެނަހުރެ ވަގުތުގެ ބޭނުންހިފައި ހަކީމުބޭ ޖެހި އެތިފަހަރުގެ އަސަރު ޔަގީންނުންވެސް ކޮށްފިއެވެ. "ނޫން ނޫން! އަންދާނުލާ! ކިޔާދޭނަން!
ކިޔާދޭނަން!" ވޭނީ ރާގެއްގައި ފަރީޝާގެ އަރުން ފިރިހެނެއްގެ އަޑު ނިކުންނަންފެށިއެވެ. "އަހަރެން އަންދާނުލާ!" ހަކީމުބޭގެ އެތިފަހަރު ޔަގީނުންވެސް ކާމިޔާބުވީއެވެ. އަލިފާންގަނޑަށް ތިރިކުރި އެ ނުބައި ރޫހު ކުރަހާއި ތަރީގެ ބައްޓަމަށް ފައްޖެހި ކަރުދާސް ތަރި މައްޗަށް ހިއްލާލާ އަލިފާންގަނޑާއި ދުރަށް ޖައްސާލިއެވެ.
"ބުނޭއެހެންވީއިރު! ތިޔައީ ކާކު؟ ކަލޭއަށް ކޮންގޯނާއެއް ކޮށްގެން އަޅައިގަނެގެން ތިއުޅެނީ؟" ހަކީމުބޭގެ ރާގުގައިވަނީ ހަރުކަށިކަމެވެ. އަމުރުވެރި ރާގެކެވެ. ފަރީޝާ ދެލޯ ބޮޑުކޮށް ވަށައިގެންތިބި މީހުންނާއިދިމާލަށް ކަޅި ބޮޑުކޮށްގެން އޮވެ ބަލައިލިއެވެ. ފަރީޝާގެ ހަރަކާތްތަށް ހުންނަގޮތުން ބައެއްފަހަރު ހަތަރުމޮށްގަނޑު ޖެހި ޖަނަވާރެކޭ ހީވާއިރު އަނެއްބައިފަހަރު ހަރުފައެކޭ ހީވާފަހަރުވެސް އާދެއެވެ. ތުންފަތް ހަރަކާތްކުރުމަކާއި ނުމެލާ ފަރީޝާގެ ކަރުގެ އަޑިން ނުކުތް ބަރު ހުތުރު އަޑުން އަނެއްކާވެސް ޖަވާބުދޭންފެށިއެވެ. އެސޮރަށްވެސް މިފަހަރު ހަކީމުބޭގެ މައިތިރިން ކަމުގެ ސީރިއަސް މިންވަރު ވަޒަންކުރެވުނީ ކަންނޭގެއެވެ. ލަސް ރާގެއްގައި ވާހަކަފެށިއެވެ. ވަރަށް ލަސްލަހުން އަޅައަޅައިގަންނަ ގޮތަކަށެވެ. ޖަވާބުދެނީ ފަހަރަކު ސުވާލަކަށެވެ. "ގޯނާއެއް ނުކުރެ! އަހަންނަށް އޭނާދެކެލޯބި ވެވުނީ! އަހަރެން އައީ ފަރީދު މަރާލަށް!"
ފަރީދަކީ ރަށުގައި ކުރިއަރަމުން އަންނަ ވިޔަފާރި ވެރިއެކެވެ. އިހުލާސްތެރި މީހުންނަށް ހެޔޮ މީހެކެވެ. އެންމެނާވެސް ގުޅޭ ހިތްހެޔޮ މީހެކެވެ. މީގެ 12 އަހަރުކުރިން އޭނާއަކީ ފާރޮށި ވިއްކި މީހެކެވެ. ނަމަވެސް އެއްލާރި ދެލާރިއަށް ހަދަން ދަންނަ މީހެއްކަމުން މަޑުމަޑުން ވިޔަފާރި ފުޅާކުރަމުންގޮސް މިހާރު ފަރީދުގެ ފިހާރައަކާއި މަސްދޯންޖެއް އޮވެއެވެ.
ވިއްސާރަވެސް ކޮންމެސް ވަރަކަށް މައިތިރި ވެއްޖެއެވެ. ވައިވެސް އިހުނަށްވުރެ މަޑެވެވެ. ހަމަހިމޭންކަން ވެރިވެފައިވާ ކޮޓަރިތެރޭގައި އެންމެންވެސް ތިބީ ފަރީދު ކަހަލަ އެންމެނާ ގުޅޭ ހިތްހެޔޮ މީހެއްގެ ދުވަސް ދުއްވާލަން ބޭނުންވަނީ ކާކުކަން ނޭނގި ވާނުވާ ނޭގިފައެވެ. "ދެންކީއްވެ ފަރީދަށް ކަލޭ ގޯނާ ނުކުރީ؟" ހަކީމުބޭގެ ސުވާލަށް ފަރީޝާ ޖަވާބުދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ކިޔާނުކިޔާއެއްޗެއް ސާފުވާވަރެއް ނުވެއެވެ.
ހަކީމުބޭއަކީ މި މަސަތްކަތުގައި އުޅޭތާ އުމުރު ހުސްވާން ކައިރިވެފައިހުރި މީހެކެވެ. ފަރީޝާގެ ހަށިގަނޑުގައިއޮތް ނުބައި ރޫހަށް ވާހަކަ ނުދެއްކިގެން އުޅެނީ ކީއްވެގެންކަން އޭނާއަށް ރޭކާލަން މާގިނައިރުތަކެއް ނުނެގިއެވެ. މިރޭގެ ބާރަ ޖަހަންދެއް ފަރީޝާގެ ހަށިގަނޑުގައި އެރޫހު ބާއްވައިގެން ނޫނީ އެ ބައެއްގެ މަސައްކަތް ކާމިޔާބު ނުވާނެކަން އެނގޭތީ ފަރީދަށް ސިހުރު ހެދިބަޔަކު ސިހުރު ވަރުގަދަކުރަން ސިހުރު ހަދަނީކަން ހަކީމުބޭ ދެނެގަތެވެ. އެސޮރުގެ ދޫބަންދުކޮށް ވަގުތު ބޭކާރުކުރަން އެބަޔަކު ބޭނުންވަނީއެވެ. "ކަލޭ އިސްލާމުވޭ! ނޫނީ ކަލޭއަށް ސަލާމަތެއް ނުވެވޭނެކަން އެނގެއެއްނު! " ހަކީމުބޭ މިފަހަރު ބޭނުންކުރި ހަތިޔާރަކީ އެސޮރުގެ ފުރާނައެވެ. މިކަމުގެ ހަގީގަތަށް ވާސިލްވެވޭނެ އެންމެ ފަހު އުކުޅަކީ އެއީކަން ހަކީމުބެއަށް ޔަގީންވާތީއެވެ. ރޭދެބައިވަން ބައިގަޑިއިރަށް ވީއެވެ. އަނެއްކާވެސް އެއްޗެހިތަކެއް ކިޔަވާފައި ހަކީމުބޭ ފަރީޝާގެ އަނގަޔަށް ފުމެލުމަށްފަހު އެސޮރަށް ކިޔަނީ ކޮންނަމެއްތޯ ސުވާލު ކުރިއެވެ. "ޒުމްރީ..!" ކިރިޔާ ކިޔާ ނުކިޔާއެއްޗެއް އެނގޭނެހެން ފަރީޝާ ޖަވާބުދިނެވެ. "ކާކު ކަލޭ މިތަނަށް ފޮނުވީ؟" ހަކީމުބޭ އަނެއްކާވެސް ސުވާލުކުރިއެވެ. "އޮޅި...ވަޅުލީ...މީނަ އެއަށް އެރީ!"
ވާނުވާ އެނގެންފެށީ އަދި ކިރިއާއެވެ. ފަރީދުއަށް ހަދާފައި ވަޅުލި ސިހުރަށް ފަރީޝާއަށް ފައިން އެރުނީއެވެ. ފަރިދުގެ ބަދަލުގައި އެސޮރު ފަރީޝާއާއި ދިމާކޮށްލީއެވެ. ނަމަވެސް އެސޮރަށް ފަރީޝާދެކެ ލޯބި ވެވުނީއެވެ. ފަރީޝާގެ ކަރުން އަޑު ނިކުތުމާއިއެކު ލޭއަންނަން ފެށިއެވެ. އަދި ކަޅި އަރަންފެށިއެވެ. ނޭވާ ނުލެވިގެން އުޅޭހެންވެސް ބައެއްފަހަރު އުޅެއެވެ. ހަކީމުބޭ އަތުކުރީ ހަލުވާލާފައި އަތުގައިއޮތް ގަޑިއަށް ބަލާލިއެވެ. ބާރަޖަހަން ފަނަރަ މިނެޓަށް ކުޑަތަންވީއެވެ. އަވަސްއަރުވާލާފައި އަނެއްކާވެސް ފަރީދުއަށް ސިހުރުހެދީ ކޮންބައެއްތޯ ސުވާލުކުރިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ފަރީޝާގެ ހެޔެއް ނެތެވެ. އަމުދަކުން އޭނާ ނޭވާލާހެންވެސް ހީނުވެއެވެ. އަތްގޮއްޓަށް ފެންފޮދެއް އެޅުމަށްފަހު ހަކީމުބޭ ފަރީޝާގެ މޫނުގައި ހާކާލިއެވެ. އެއާއިއެކު ވައި އަޑަކުން 'އާދަނު!' އޭ ބުނެލިއެވެ. މޫނުމަތީގައިހުރި ދާތަށް ފޮހެލުމަށްފަހު ހަކީމުބޭ އަވަސްވެގަތީ އިތުރު ވަގުތެއް މިކަމުގައި ނެތްކަން ދެނަހުރެއެވެ. އަނެއްކާވެސް އެއްކަލަ ކުޑަ ފޮށިން "ރަންވަން ކަނދިރި" ކޮޅަކާއި ކާފޫރުކޮޅެއް ނަގައި ކަލާންގެއާއި ވަކީލުކޮށް މުޖުމަރާއަށް އެ ވައްޓާލިއެވެ. އަދި ކުރިން ކަރުދާހުންހެދި ރަތި ނަގާ މުޖުމަރާއަށް ވައްޓާލިއެވެ.
އަރައިގަތް ކަޅު ދުންގަނޑައިއެކު ފަރީޝާ ތެޅިގަތެވެ. ނަމަވެސް ހަޅޭލަވައިގަންނަން ހުޅުވާލި އަނގައިން ލެއާއި އެކުވެގެން ހޮޑު ދުއްވާލިއެވެ. އެއާއިއެކު ފާރުގައި ހަރުކޮށްފައިއިން ބޮޑު ގަޑިން "ޑިން"ޑިން" ލައްވާފައި މެންދަންވީކަން އިއުލާނުކޮށްލިއެވެ. މުހުސިނާއާއި އަރީޝާގެ ބަޑި ފަޅައިގެން ދިޔައެވެ. ފަރީދުވެސް ލޯމަރައި ތަގުޅިކޮށް ހިފަހައްޓާލިއެވެ.
ފަރީދުގެ މުރާލިކަމާ ހީވާގިކަމުގެ އިތުރުން ދުރުވިސްނޭކަމުން ކުރިޔަށް އޮތް ފަސްވަރަކަށް އަހަރުތެރޭގައި ފަރީދަކީ ރަށުގައިހުރި އެންމެ މުއްސަނދި މީހާއަށް ވާނެއެވެ. މިކަމާ ރަށުގެ ވިޔަފާރިވެރިން ހަސަދަވެރިވެއެވެ. ހާއްސަކޮށް ފަރީދުގެ ބަފައިބެ އޭނާއަށް ނަފުރަތު ކުރެއެވެ. ހަމައެކަނި ވިޔަފާރީގެ ކުރިއެރުން އޭނާއަށް ލިބޭތީ އެކަންޏެއް ނޫނެވެ. އޭނާގެ ނުގަބޫލުގައި މުހުސިނާ ފަރީދުކަހަލަ އާދައިގެ މީހަކާ ކައިވެނިކުރިޔަތީއެވެ. މުހުސިނާގެ ބައްޕަ އާދަނަކީ ރަށުގައި ނުފޫޒުގަދަ މީހެކެވެ. އަތުގައި މާލެ ދަތުރުކުރާ ދޯންޏެއް އޮވެއެވެ. ފިހާރައަކާއި މަސްދޯންޏެއް އޮވެއެވެ. އާދަނު ގަބޫލުކުރާގޮތުގައި މުހުސިނާ އިންނަންވާނީ އާދަނުމެންނާ އެއްފެންވަރުގެ ބަޔަކާއެވެ.
އަސްކަނިދަށުން ބޭރަށް ބޯދިއްކޮށްލުމަށްފަހު ހަކީމުބޭ ފަރީދުގެ ފެންކަޅިވެފައިވާ މޫނަށް ބަލައިލިއެވެ. ހުރިހާކަމެއްވެސް ކަލާނގެ ރަހުމަތްފުޅުން ވާނީ ރަނގަޅަށް ކަމަށްބުނެ ނަސޭހަތްދިނެވެ. ގޭތެރެއިން ރޯންތިބި މުހުސިނާއާއި އަރީޝާއަށް ނަސޭހަތްދީ ހިތްވަރު ގަދަކުރުމަށް ނަސޭހަތްދިނުމަށް އެދުނެވެ. ހަކީމުބޭގެ އެހީތެރިން ބަގީޗާގެއިން ނިކުމެގެން ދިޔައިރުވެސް ހަކީމުބޭ ހުރީ ފަރީދަށް ހިތްވަރުދީ ދެން ކަންތައް ކުރަންވީގޮތް ބުނެދިނުމާއިގެންނެވެ. އެންމެފަހުން ދަނީއޭ އެމަންޖެއަށް ކުރުނބާފެން ޖައްސސައި ހަށިގަނޑުގައި ވަރުޖެހޭތޯ ހޭހަން ކުރަން ބުނެފައި ހަކީމުބޭ ބަގީޗާގެއިން ނިކުތެވެ.
ވާހަކަ ވަރަށް ތަފާތު. މިކަހަލަ ގިނަ ވާހަކަ ތަކެއް ގެނެސްދޭނެ ކަމަށް އުންމީދު ކުރަން.
ޒަމާން ގަނޑަކަށްފަހު ވީ ގަ ވާހަކައެއް ކިޔާލަން ލިބުނުކަމީ ވަރަށް އުފާކުރާ ކަމެއް. ތިމީހުން މިގޮތަށް ވާހަކަ އަބަދު ގެނެސްދޭން ވީނު. އައްސު ވާހަކަ މީ މީހުން ވަރަށް ކިޔާއެއްޗެއްނު އަމުދުން ރޯދަމަހު ކިހާ ސަޅިވާނެ މިގޮތަށް ވާހަކަ ކިޔާލަން ލިބެންޔާ
ވާހަކަ ވަރަށް ކަމުދޭ އެކަމު ނިމުނު ގޮތުން އަދި ހީވަނީ މީގެ ދެވަނަ ބައެއް އަތުވެދާނެހެން. ދެވަނަ ބައެއް އެބައޮތްތޯ
ވަރަށް ތަފާތު ވާހަކައެއް. ހޫދުގެ ނަން އަލަށް މިފެނުނީ ކާމިޔާބަށް އެދެން