ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތްކަމަށް ޕާލަމެންޓްގައި ފާސްކުރަން އުޅުނު މައްސަލައިން ސަލާމަތްވެވަޑައި ގެންފިއެވެ.
އިދިކޮޅު ކޯލިޝަނުން ހުށަހެޅި މައްސަލައަށް ވޯޓަށް އަހަން އޮތީ މިއަދުއެވެ.
ނަމަވެސް، ޕާލަމެންޓުގެ ނައިބް ވަނީ ފަހު ވަގުތު އިތުބާރު ނެތްކަމުގެ ވޯޓް ބްލޮކް ކުރައްވާފައެވެ. އޭނާ ވޯޓް ބްލޮކް ކުރެއްވީ، ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓަކީ ގާނޫނާ ޚިލާފް ވޯޓެއް ކަމަށް ވިދާޅުވެއެވެ.
ޕާކިސްތާނު ޕާލަމެންޓްގެ ދަށުގެ ނުވަތަ ނޭޝަނަލް އެސެމްބްލީގެ ނައިބަކީ އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީގެ ބޭފުޅެކެވެ.
އިތުބާރު ނެތްކަމުގެ ވޯޓުން ސަލާމަތްވެ ވަޑައިގެންނެވި ނަމަވެސް ޕާކިސްތާނު ސިޔާސީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށް ބެލެވިފައި ވެއެވެ.
ބޮޑުވަޒީރު އިމްރާން ޚާންގެ އެދިވަޑައިގަތުމަށް ޕާކިސްތާނުގެ ރައީސް ޑރ. އާރިފް އަލްވީ މިހާރުވަނީ ޕާކިސްތާނު ޕާލަމެންޓް ރޫޅާލައްވާފައެވެ. މާނައަކީ ކުރިއަށްއޮތް 90 ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި އާންމު އިންތިޚާބު ބާއްވާނެއެވެ.
އެކަމަކު، އިދިކޮޅު ފަރާތްތަކުން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ.
ޕާކިސްތާން ޕީޕަލްސް ޕާޓީގެ ވެރިޔާ ބިލާވަލް ބުއްޓޫ ޒަރްދާރީ ވިދާޅުވީ، ވޯޓް ނެގެންދެން ޕާލަމެންޓް އިމާރާތުން ނުނިކުންނާނެ ކަމަށާއި، އަދި މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ވައްދާނޭ ކަމަށެވެ.