އަވަށްޓެރި ސްރިީލަންކާގައި ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރ ބްލޮކްކޮށް އެ ޕްލެޓްފޯމަތަކަށް ވަނުމުގައި ހުރަސްތަކާއި ދަތިތައް ކުރިމަތިކުރުވާފައިވާތީ އެ ގައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ ނުރުހުން ފާޅުކުރައްވައިފިއެވެ.
ލަންކާގައި ސޯޝަލްމީޑިއާ ބްލޮކްކުރީ އެ ގައުމުގެ ދިިފާއީ ވުޒާރާގެ އެންގެވުމަކަށެވެ.
ލަންކާގެ މަސްރަހް ގޯސްވެފައިވަނީ ރިޕޯޓުތައް ބުނާ ގޮތުގައި، ސްރީލަންކާގެ އާންމުން އެތައް ގަޑިއިރަކަށް ކަރަންޓުގެ ޚިދުމަތުން މަހްރޫމް ކުރަމުންދާތީ އާއި ޒަރޫރީ ތަކެތި ނުލިބި ބޭނުންތައް ނުފުދި، އާންމުން ދަތި ހާލުގައި އުޅޭއިރު، ސަރުކާރުގެ ވެރިންނާއި އެމީހުންގެ އާއިލާތަކުން ތަނަވަސްކަމާއި މުއްސަނދިކަމުގައި އުޅޭތީއެވެ.
މަޝްރަހް ގޯސްވަމުން ދާތީ ސޯޝަލް މީޑިއާ ބްލޮކްކުރުމާއި ގުޅިގެން، އެގައުމުގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ވިދާޅުވީ، ސޯޝަލްމީޑިއާ ބްލޮކްކުރުމަކީ ހައްލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އެ ކަމަށް ތަރުހީބު ނުދެވޭނެކަން ހާމަކޮށް އޭނާ ވިދާޅުވީ، އެހެން ގައުމުތަކުގެ ވީޕީއެން ބޭނުންކޮށްގެން ސޯޝަލް މީޑިއާއަށް މިހާރުވެސް ވަދެވޭ ކަމަށާއި އެހެންވެ އެއީ ބޭކާރު ނިންމުމެއް ކަމަށެވެ.
ނަމާލް ވިދާޅުވީ، ސޯޝަލް މީޑިއާ ބްލޮކްކުރުން ފިޔަވައި ރަނގަޅު އޮށްޓަރު ހުރި ހައްލެއް މިކަމުގައި ބޭނުުންވާ ކަމަށެވެ.
ލަންކާގައި ސޯޝަލް މީޑިއާ ބްލޮކްކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެގައުމުގެ ސަރުކާރަށް އަމާޒުވެފައެވެ.
ކާބޯތަކެއްޗާއި، ތެލާއި، ގޭސް އަދި ޒަރޫރީ އެހެންވެސް ތަކެތި ނުލިބި ސްރީލަންކާގެ އާންމުން ރުޅިގަދަ ވެފައިވާއިރު، ކޮންމެ ދުވަހަކު 13 ގަޑިއިރު ކަރަންޓުގެ ޚިދުމަތް މެދުކެނޑެއެވެ.
ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅެމުން އަންނަ ގައުމެކެވެ.