ސްރީލަންކާގެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރުން މަގުތަކަށް ނުކުމެވަޑައިގެން މުޒާހަރާ ކުރައްވައި ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައްވައިފިއެވެ.
އިދިކޮޅު ޕާޓީތަކުގެ ޕާލަމެންޓް މެމްބަރުން މަގުތަކަށް ނުކުމެވަޑައިގެންނެވީ، ކުއްލި ނުރައްކަލުގެ ހާލަތާއި، ކާފިއު ހިންގާފައި އޮތުމާއެކުވެސް މިއަދުއެވެ.
އިދިކޮޅުގެ މުޒާހަރާއަށް ސްރީލަންކާގެ ސަލާމަތީ ބާރުތަކުން ހުރަސް އަޅާފައި ވެއެވެ. އިދިކޮޅު ލީޑަރު ސާޖިތުގެ ގެކޮޅު ކައިރީގައި ބެރިކޭޑް ޖަހައި މުޒާހަރާއަށް ވަޑައިގަތުމަށް ހުރަސް އަޅާފައިވެސް ވެއެވެ.
އެއާއެކުވެސް، ޕާލަމެންޓުގެ އިދިކޮޅު މެމްބަރުންނާއި، އިދިކޮޅު ސަޕޯޓަރުންވަނީ ކޮޅުނބުގެ އިންޑިޕެންޑެންސް މައިދާނަށް ޖަމާވެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ.
އަދި ރައީސް ގޮޓަބާޔަ ރާޖަޕަކްސައާއި، ބޮޑުވަޒީރާއި އޭނާގެ ސަރުކާރުގެ އިސްތިއުފާއަށްވެސް ގޮވާލާފައި ވެއެވެ.
ރައީސް ގޮޓަބާޔަގެ ވެރިކަމަށް، ރައްޔިތުންގެ ދެކޮޅުވެރި ރާޅުބާލި މިހާރު އަމާޒުވެފައިވާކަން ރައީސް ދަންނަން ޖެހޭނެ ކަމަށާއި، އެކަން ދެން ނުހުއްޓޭނެ ކަމަށްވެސް އިދިކޮޅު މެމްބަރުން ވިދާޅުވިއެވެ.
ސްރީލަންކާގައި މިހާރު ހިންގާފައިވާ ކާފިއުގެ މުއްދަތު މާދަމާ ހެނދުނު ހަމަވުމުން، މުޅި ސްރީލަންކާގައި ބޮޑެތި މުޒާހަރާތަކެއް ކުރުމަށް އިދިކޮޅުންވަނީ ނިންމާފައެވެ.
އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ވަރުގަދަ ވިޔަ ނުދިނުމަށް ސަރުކާރުން މިހާރުވަނީ، ފޭސްބުކް، ޔޫޓިއުބް، ޓްވިޓަރ އަދި ވަޓްސްއަޕް ފަދަ ސޯޝަލް މިޑިއާ ޕްލެޓްފޯމްތައް ސްރީލަންކާގައި ބްލޮކް ކޮށްފައެވެ. އެއްވުންތައް ބާއްވަން ގޮވާލަމުން ގެންދިޔައީ މި ޕްލެޓްފޯމްތަކުގައެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯރމްތައް ބްލޮކްކުރީ ދިފާއީ ވުޒާރާއިން އަންގައިގެން ކަމަށް ވެއެވެ.
ސްރީލަންކާގެ އަމިއްލަ ނޫސްތަކުން ބުނެފައިވަނީ، ސޯޝާލް މީޑިއާ ބްލޮކްކުރަން އެންގި އެންގުމަށް އަމަލުކުރަން ފެށުމާއެކު، އިންޓަރނެޓުގެ ޚިދުމަތް ރެގިއުލޭޓްކުރާ އިދާރާގެ ވެރިޔާވަނީ އިސްތިއުފާ ދެއްވާފައެވެ.
އިދިކޮޅު ފަރާތްތަކުންވަނީ، ސަރުކާރުން ސޯޝަލް މީޑިއާ ބްލޮކްކުރި ކުރުން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.
ކޮޅުނބުގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ ބޭނުންކޮށް، ޑިމޮކްރަސީގެ ހަމަތަކުން ލިބިދޭ ޚިޔާލުފާޅުކުރުމަށް ހުރަސްއަޅާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ސްރީލަންކާގައި ކަންކަން ހިނގަމުންދާގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.