އަވަށްޓެރި ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާ ކުރިއަށް އޮތް މަދު ވަގުތުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވާނެ ކަމަށް ބުނާ، ނޫސް ރިޕޯޓްތައް ދޮގުކޮށްފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުރިހާ ޕާޓީތައް ހިމެނޭ ވަގުތީ ސަރުކާރެއް ގާއިމްކުރުމަށްޓަކައި ބޮޑުވަޒީރުގެ މަގާމުން މަހިންދަ އިސްތިއުފާ ދެއްވުމަށް ރައީސް ގޯޓާބޭ ރާޖަޕަކްސާއާ އެކު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެގާރަ ޕާޓީ ހިމެނޭ ކޯލިޝަނެއްގެ އޮފިޝަލުންނާ ބައްދަލު ކުރުމަށް ފަހު ވަނީ ވަގުތީ ސަރުކާރެއް ގާއިމްކުރުމަށް ހުށަހަޅައިފައެވެ.

އައު ބޮޑުވަޒީރަކާ އެކު ވަގުތީ ސަރުކާރެއް ގާއިމްކުރަނީ ރިޕޯޓުތައް ބުނާ ގޮތުގައި ލަންކާގައި މިހާރު އޮތް ސިޔާސީ ހަލަބޮލި ކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން، އެ ޕާޓީތަކުގެ ހުށަހެޅުމަށް ރައީސް ގޯޓާބޭ އާއި ބޮޑުވަޒީރު މަހިންދާ ވަނީ ފެހި ސިގްނަލް ދެއްވާފައިވާފައެވެ.

ނަމަވެސް، މިކަން ބޮޑު ވަޒީރުގެ މީޑިއާ ސެކްރެޓަރީ (އެމް.އެސް) ވަނީ ދޮގުކުރައްވާފައެވެ.

ސްރީލަންކާގައި މިހާރު ހިންގާފައިވާ ކާފިއުގެ މުއްދަތު މާދަމާ ހެނދުނު ހަމަވުމުން، މުޅި ސްރީލަންކާގައި ބޮޑެތި މުޒާހަރާތަކެއް ކުރުމަށް އިދިކޮޅުންވަނީ ނިންމާފައެވެ.

އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ވަރުގަދަ ވިޔަ ނުދިނުމަށް ސަރުކާރުން މިހާރުވަނީ، ފޭސްބުކް، ޔޫޓިއުބް، ޓްވިޓަރ އަދި ވަޓްސްއަޕް ފަދަ ސޯޝަލް މިޑިއާ ޕްލެޓްފޯމްތައް ސްރީލަންކާގައި ބްލޮކް ކޮށްފައެވެ. އެއްވުންތައް ބާއްވަން ގޮވާލަމުން ގެންދިޔައީ މި ޕްލެޓްފޯމްތަކުގައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯރމްތައް ބްލޮކްކުރީ ދިފާއީ ވުޒާރާއިން އަންގައިގެން ކަމަށް ވެއެވެ.

ސްރީލަންކާގެ އަމިއްލަ ނޫސްތަކުން ބުނެފައިވަނީ، ސޯޝާލް މީޑިއާ ބްލޮކްކުރަން އެންގި އެންގުމަށް އަމަލުކުރަން ފެށުމާއެކު، އިންޓަރނެޓުގެ ޚިދުމަތް ރެގިއުލޭޓްކުރާ އިދާރާގެ ވެރިޔާވަނީ އިސްތިއުފާ ދެއްވާފައެވެ.

ލަންކާގެ މަސްރަހް ގޯސްވެފައިވަނީ ރިޕޯޓުތައް ބުނާ ގޮތުގައި، ސްރީލަންކާގެ އާންމުން އެތައް ގަޑިއިރަކަށް ކަރަންޓުގެ ޚިދުމަތުން މަހްރޫމް ކުރަމުންދާތީ އާއި ޒަރޫރީ ތަކެތި ނުލިބި ބޭނުންތައް ނުފުދި، އާންމުން ދަތި ހާލުގައި އުޅޭއިރު، ސަރުކާރުގެ ވެރިންނާއި އެމީހުންގެ އާއިލާތަކުން ތަނަވަސްކަމާއި މުއްސަނދިކަމުގައި އުޅޭތީއެވެ.