އަވަށްޓެރި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިޢުފާގެ ސިޓީ ހުށަހެޅުއްވި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް އެކަން ލަންކާގެ ބޮޑުވަޒީރުގެ އޮފީހުން ދޮގުކޮށްފިއެވެ.

ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުރިހާ ޕާޓީތައް ހިމެނޭ ވަގުތީ ސަރުކާރެއް ގާއިމްކުރުމަށްޓަކައި ބޮޑުވަޒީރުގެ މަގާމުން މަހިންދަ އިސްތިއުފާ ދެއްވުމަށް ރައީސް ގޮޓަބާރ ރާޖަޕަކްސާއާ އެކު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެގާރަ ޕާޓީ ހިމެނޭ ކޯލިޝަނެއްގެ އޮފިޝަލުންނާ ބައްދަލު ކުރުމަށް ފަހު ވަނީ ވަގުތީ ސަރުކާރެއް ގާއިމްކުރުމަށް ހުށަހަޅައިފައެވެ.

އައު ބޮޑުވަޒީރަކާ އެކު ވަގުތީ ސަރުކާރެއް ގާއިމްކުރަނީ ރިޕޯޓުތައް ބުނާ ގޮތުގައި ލަންކާގައި މިހާރު އޮތް ސިޔާސީ ހަލަބޮލި ކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން، އެ ޕާޓީތަކުގެ ހުށަހެޅުމަށް ރައީސް ގޮޓަބާރ ރާޖަޕަކްސާ އާއި ބޮޑުވަޒީރު މަހިންދަ ވަނީ އެއްވަސްވެފައެވެ. އަދި ރިޕޯޓުތަކުގައި ވާ ގޮތުން މިރޭގެ ވަގުތެއްގައި ބޮޑުވަޒީރު ކަމުން މަހިންދަ ވަނީ އިސްތިއުފާ ދެއްވާފައެވެ.

ނަމަވެސް، ލަންކާގެ ނިޔުސް ކަޓަރ ނޫހުން ރިޕޯޓްކޮށފައިވާ ގޮތުގައި، މިކަން ބޮޑު ވަޒީރުގެ އޮފީހުން ވަނީ ދޮގުކޮށްފައެވެ.

ސްރީލަންކާގައި މިހާރު ހިންގާފައިވާ ކާފިއުގެ މުއްދަތު މާދަމާ ހެނދުނު ހަމަވުމުން، މުޅި ސްރީލަންކާގައި ބޮޑެތި މުޒާހަރާތަކެއް ކުރުމަށް އިދިކޮޅުންވަނީ ނިންމާފައެވެ.

އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ވަރުގަދަ ވިޔަ ނުދިނުމަށް ސަރުކާރުން މިހާރުވަނީ، ފޭސްބުކް، ޔޫޓިއުބް، ޓްވިޓަރ އަދި ވަޓްސްއަޕް ފަދަ ސޯޝަލް މިޑިއާ ޕްލެޓްފޯމްތައް ސްރީލަންކާގައި ބްލޮކް ކޮށްފައެވެ. އެއްވުންތައް ބާއްވަން ގޮވާލަމުން ގެންދިޔައީ މި ޕްލެޓްފޯމްތަކުގައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯރމްތައް ބްލޮކްކުރީ ދިފާއީ ވުޒާރާއިން އަންގައިގެން ކަމަށް ވެއެވެ.

ލަންކާގެ މަސްރަހް ގޯސްވެފައިވަނީ ރިޕޯޓުތައް ބުނާ ގޮތުގައި، ސްރީލަންކާގެ އާންމުން އެތައް ގަޑިއިރަކަށް ކަރަންޓުގެ ޚިދުމަތުން މަހްރޫމް ކުރަމުންދާތީ އާއި ޒަރޫރީ ތަކެތި ނުލިބި ބޭނުންތައް ނުފުދި، އާންމުން ދަތި ހާލުގައި އުޅޭއިރު، ސަރުކާރުގެ ވެރިންނާއި އެމީހުންގެ އާއިލާތަކުން ތަނަވަސްކަމާއި މުއްސަނދިކަމުގައި އުޅޭތީއެވެ.