ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ފިޔަވައި، ކެބިނެޓްގެ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން، ސްރީލަންކާ ސަރުކާރުގެ ކެބިނެޓް މިނިސްޓަރ އަދި ޕާލަމެންޓް މެމްބަރ ދިނޭޝް ގުނަވަރްދަނާވަނީ މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ.
ކެބިނެޓް އިސްތިއުފާ ދެއްވި ނަމަވެސް، ބޮޑުވަޒީރު މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށް ދިނޭޝް ވިދާޅުވިއެވެ.
ބޮޑުވަޒީރުކަމުގެ މަގާމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފިކަމަށް ސްރީލަންކާގެ ގިނަ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި އެވާހަކަވަނީ ދޮގުކޮށްފައެވެ.
ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވިކަން ދިނޭޝް ހާމަކުރެއްވިއިރު، ވަކިވަކި ވަޒީރުންވެސް ގެންދަވަނީ، އެބޭފުޅުން އިސްތިއުފާ ދެއްވާފައިވާކަން މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ.
އެގޮތުން، ޖަސްޓިސް މިނިސްޓަރ އަލީ ސަބްރީވަނީ، އިސްތިއުފާ ހުށަހަޅުއްވިކަން ކަށަވަރު ކޮށްދެއްވާފައެވެ.
އަދި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމަލް ރާޖަޕަކްސަވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފައިވާކަން ހާމަކުރައްވާފައެވެ.
ޔޫތު އެންޑް ސްޕޯޓްސްގެ އިތުރުން، އޭނާއަކީ މިނިސްޓްރީ އޮފް ޑިޖިޓަލް ޓެކްނޯލޮޖީ އެންޑް އެންޓަރޕްރައިސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރވެސް މެއެވެ. އެ ހުރިހާ މަގާމުތަކުން އޭނާވަނީ އިސްތިއުފާ ދެއްވާފައެވެ.
ކެބިނެޓުގެ ބައެއް ވަޒީރުންގެ އިތުރުން، ސްޓޭޓް މިނިސްޓަރުންވެސް އިސްތިއުފާ ދެއްވަމުން އެބަ ގެންދަވައެވެ.
ސްރީލަންކާގެ ސަރުކާރު އިސްތިއުފާ މި ހުށަހެޅީ، އެގައުމުގެ އިގްތިސާދު ފޫވެއްޓި، ކާބޯތަކެއްޗާއި، ތެލާއި ބޭސްފަދަ ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތިވެސް ލިބޭގޮތްނުވެ، ލިބެން ހުރި އެއްޗެއްގެ އަގުވެސް އަތްނުފޯރާ ފަށަށް މައްޗަށް ދިއުމާ ގުޅިގެން ރައްޔިތުން ރުޅިއައިސް މަގުތަކަށް ނުކުތުމާ ގުޅިގެންނެވެ.
މުޅި ސްރީލަންކާގައި ހުކުރު ދުވަހުން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތު ހިންގައި، ހޯމަދުވަހުގެ ހެނދުނާ ހަމައަށް ކާފިއު ހިންގާފައި އޮތް ނަމަވެސް، ރުޅިއައިސް ރަތްވެފައިވާ އާންމުން ގެންދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ.
ސްރީލަންކާގެ މީޑިއާއިން ބުނެފައިވަނީ، ކެބިނެޓް އިސްތިއުފާ ހުށަހެޅީ، ހުރިހާ ޕާޓީތައް ބައިވެރިވާ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު ދިނުމަށް ހުށަހެޅުނު ހުށަހެޅުންތަކާ ގުޅިގެންނެވެ.