އައްޑޫ ސިޓިގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފައިވަނީ ފްރޭމްކޮށްގެން ކަމަށް ބުނާ މައްސަލައިގެ ހަގީގަތް ހޯދުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި އެދިވަޑައިގެންފިއެވެ.

މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލާގައި އަންހެނަކު ހައްޔަރުކޮށްފައިވީ ނަމަވެސް އެކަމުގައި އިތުރު ކަންތައްތަކެއްވާ ކަމަށް ބުނެ އަޑުތައް ފެތުރިފައިވާ ކަމަށެވެ. އެހެންކަމުން އެކަމުގެ ހަގީގަތް ކަމާބެހޭ ފަރާތްތަކުން އޮޅުން ފިލުވުމަށް ޖެންޑާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް އޭނާ އެދިފައިވާ ކަމަށެވެ.

އަދި މި މައްސަލާގައި މާދަމާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދޭނެކަމުގެ ޔަގީންކަން ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ދެއްވާފައިވާ ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އެކަމުގެ ހައްސާސްކަމުން މަޖިލީހަށް ކަމާގުޅޭ ފަރާތްތަށް ވައްދައިގެން މައުލޫމާތުދެއްވާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ވަގުތުން ޖަވާބު ލިބުން މުހިންމު ކަމުގައި ދެކޭ ކަަމަށެވެ.

ކުށެއް ނެތް މީހަކަށް އެންމެ ހިނދުކޮޅަކުންވެސް ނުހައްގުން އަދަބެއް ލިބޭކަށް އަޅުގަނޑު ހަމަ ގައިމުވެސް ނޭދެން."
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

އެހެންކަމުން މިކަމުގެ ހަގީގަތް އޮޅުންފިލަން ޖެހޭކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މި ވަގުތު އެއްބަޔަކު މި މައްސަލަ ސިޔާސީކޮށް މިނިސްޓަރ ފައްޔާޒް އިސްމާޢީލްގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަމުންދާ ކަމަށެވެ. އަދި މިއީ ހިތާމަހުރި ކަމެއް ކަމަށާއި މިފަދަ ހައްސާސް މައްސަލަތައް ސިޔާސީ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ މިހެން ވިދާޅުވިއިރު މި މައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ 59 އަހަރުގެ އަންހެނެކެވެ. މި މައްސަލާގައި އިތުރު މީހެއްގެ ޝާމިލުވުމެއް އޮތްތޯ ބެލުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ފުލުހުންގެ މުއައްސަސާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

މައުލޫމާތުލިބޭ ގޮތުގައި މި މައްސަލާގަިއ ހައްޔަރުކޮށްފައިވަނީ ފްރެމްކޮށްގެން ކަމަށް ބުނެ އައްޑޫގެ ވަރަށް ގިނަ ބަޔަކު އެއްވެ ވަނީ އިހްތިޖާޖުވެސްކޮށްފައެވެ.