ކެންސަރު ބަލީގެ ޝިކާރައަކަށްވެ ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ދުވަސްތަކެއް ވެފައިވާކަން، ތަޖުރިބާކާރު ކޯޗު ލުއިސް ވެން ހާލް ހާމަކޮށްފިއެވެ.

ނެދަލެންޑްސްގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ އުފުލަމުން އަންނަ ވެން ހާލް މިކަން ހާމަކޮށްފައިވަނީ ނެދަލެންޑްސްގެ ޓީވީ ޗެނަލް އަކަށްދިން އިންޓަވިއު އެއްގައެވެ.

އެގޮތުން އޭނާ ބުނީ ކެންސަރު ބަލީގެ ވޭނުގައި އުޅެމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި، އެހެންނަމަވެސް މިއަދާއި ހަމައަށް އެކަން އޮތީ ގިނަ ބަޔަކަށް ސިއްރު ކޮށްފައި ކަމަށެވެ. އެގޮތުން އެއްވެސް ކުޅުންތެރިއަކަށްވެސް މިކަން ނޭނގޭނެ ކަމަށް ވެން ހާލް ބުނެފައިވެއެވެ.

އުމުރުން 70 އަހަރުގެ ވެން ހާލް ބުނީ، ނެދަލެންޑްސް ޓީމުގެ ކުޅުންތެރިންނަށް މިކަން ސިއްރުކުރީ، ފާއިތުވީ އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައި އެކަން ކުޅުންތެރިންނަށް އެނގިއްޖެނަމަ، އެ ކުޅުންތެރިންގެ ކުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފާނެތީ ކަމަށެވެ. އަދި ޓީމާއެކު ހޭދަކުރި ދުވަސްތަކުގައި ފަރުވާ ހޯދުމަށް ކޮންމެ ރެޔަކު ހޮސްޕިޓަލަށް ދަނީ ކުޅުންތެރިންނަށް ފިލައިގެން، އެ ކުޅުންތެރިންނަށް ވަގަށް ކަމަށްވެސް ވެން ހާލް ބުނެފައިވެއެވެ. އަދި އެގޮތަށް ކަންތައް ކުރި އަނެއް ސަބަބަކީ، ބަލީގައި ބޮޑުވަރު ނުވާކަމަށް ހީކުރެވުމުން ކަމަށާއި، އެހެންނަމަވެސް މިހާރު ބަލީގެ ސަބަބުން ބޮޑު ވޭނެއް ތަހައްމަލު ކުރަމުންދާކަން ވެން ހާލް ހާމަކުރިއެވެ.

ކެންސަރު ބަލީގެ ޝިކާރައަކަށްވިކަން ވެން ހާލް ހާމަކުރިއިރު މީގެ އަހަރެއްހާ ދުވަސްކުރިން އޭނާގެ ކުރީގެ އަންހެނުން ވަނީ ލިވަރ އަށް ކެންސަރު ޖެހި އެބަލީގައި ދުނިޔެ ދޫކޮށްފައެވެ.

އަމިއްލަ ދިރިއުޅުމުގެ މައްޗަށް ހަދާ ޑޮކިއުމެންޓްރީ ފިލްމެއް ޕްރޮމޯޓުކުރުމަށް ނެދަލެންޑްސްގެ ޓީވީ ޗެނަލަކަށްދިން އިންޓަވިއު އެއްގައި ވެން ހާޅް މި ވާހަކަތައް ހިއްސާކުރިއިރު، މިއީ އޭނާ ނެދަލެންޑްސްގެ ގައުމީ ޓީމަށް އިރުޝާދުދޭ ތިންވަނަ ފަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން ނެދަލެންޑްސް މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާއިރު 2014 ވަނަ އަހަރު ވަނީ ވޯލްޑް ކަޕުގެ ތިންވަނަ މަގާމުވެސް ހޯދާފައެވެ.

ދުނިޔޭގެ ބޮޑެތި ހުރިހާ ލީގެއްގައި ވެން ހާލް މަސައްކަތް ކޮށްފައިވާއިރު، އޭނާ ވަނީ ބޮޑެތި ގިނަ ކުލަބުތަކަކަށް ކޯޗުކަން ކޮށްދީފައެވެ.

އެގޮތުން އިނގިރޭސި ޕްރިމިއަރި ލީގުގައި މެންޗަސްޓަރ ޔުނައިޓެޑަށް ދެއަހަރު ދުވަހު ކޯޗުކަން ކޮށްދިންއިރު، ވެން ހާލްގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑުން ވަނީ 2016 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފައެވެ. މި ކާމިޔާބީ ހޯދިތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޔުނައިޓެޑުން ވަނީ ވެން ހާލް މަގާމުން ވަކިކޮށް، އެ މަގާމަށް މޮރީނިއޯ އައްޔަނުކޮށްފައެވެ.

ޔުނައިޓެޑުގެ އިތުރުން ވެން ހާލް ވަނީ ބާސެލޯނާ، ބަޔާން މިއުނިކް އަދި އަޔެކްސް އާއިއެކު އެކުލަބުތައް ކުޅޭ ޑޮމެސްޓިކް ލީގުތަކުގެ ޗެމްޕިއަންކަން ހޯދާފައެވެ.