އަވަށްޓެރި ސްރީލަންކާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޖިތު ނިވާރްދް ކެބްރާލް ރައީސް ގޮޓަބާޔަ ރާޖަޕަކްސައަށް އިސްތިޢުފާ ހުށަހަޅުއްވައިފިއެވެ.

ގަވަރުނަރު އިސްތިޢުފާ ދެއްވާފައި މިވަނީ، ލަންކާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 26 ވަޒީރުން އެއްފަހަރާ އިސްތިޢުފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

ލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ކާފިޔުއެއް ތަންފީޒުކުރި ނަމަވެސް އެ ގައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ނާޒުކު ހާލަތާމެދު ރުޅިގަދަވެފައިވާ ޢާއްމުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަން ފެށުމުން އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް އިއްޔެވަނީ ބާއްވައިފައެވެ.

ގަޑިއިރުތަކަކަށް ކުރިޔަށްދިޔަ މިބައްދަލުވުމަށްފަހު ވަޒީރުންގެ މަޖިލީހުގެ ހުރިހާ ވަޒީރުން އިސްތިޢުފާދެއްވުމަށް ނިންމެވިއެވެ.

އޭގެ ތެރޭގައި ސްރީލަންކާގައި ވެރިކަންކުރާ ރާޖަޕަކްސަ ޢާއިލާއަށް ނިޞްބަތްވެވަޑައިގަންނަވާ ނަމާލް ރާޖަޕަކްސައާއި ޗަމާލް ރާޖަޕަކްސަވެސް ހިމެނިވަޑައިގަންނަވައެވެ.

ލަންކާގެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އިސްތިޢުފާދެއްވި ނަމަވެސް ޤާނޫނީގޮތުން އެ ނިންމުން ބަލައިގަނެވޭނީ އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިޢުފާ ދެއްވުމުންނެވެ.

ނަމަވެސް އެމަނިކުފާނު އިސްތިޢުފާދެއްވާފައެއް ނުވެއެވެ. އަދި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަވެސް އިސްތިޢުފާދެއްވަން އުޅުއްވާކަމުގެ އެއްވެސް އިޝާރާތެއް ދެއްވާފައެއް ނުވެއެވެ.

ލަންކާގެ މަސްރަހް ގޯސްވެފައިވަނީ، ސްރީލަންކާގެ އާންމުން އެތައް ގަޑިއިރަކަށް ކަރަންޓުގެ ޚިދުމަތުން މަހްރޫމް ކުރަމުންދާތީ އާއި ޒަރޫރީ ތަކެތި ނުލިބި ބޭނުންތައް ނުފުދި، އާންމުން ދަތި ހާލުގައި އުޅޭއިރު، ސަރުކާރުގެ ވެރިންނާއި އެމީހުންގެ އާއިލާތަކުން ތަނަވަސްކަމާއި މުއްސަނދިކަމުގައި އުޅޭތީއެވެ.