ރަޝިޔާ މާކެޓް މިހާރު ވަނީ 70 އިންސައްތަ ދަށަށް ގޮސްފައިކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބުދުލް މުޣުނީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓރ ވިދާޅުވީ މީގެކުރިން ރަޝިޔާ މާކެޓް ރާއްޖޭގެ އެއްވަނައިގައި އޮތްއިރު، މިހާރު އެއްވަނައިގައި އޮތީ ޔޫކޭ މާކެޓް ކަމަށާއި، ގަދަ 10 އެއްގެ ތެރޭގައި މީގެކުރިން ޔޫކްރެއިން އޮތްއިރު، ގަދަ 10 އަކުން ޔޫކްރެއިން މާކެޓް ގެއްލިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކައިރި މާކެޓްތަކަށް ބަލަންޖެހޭ ކަމަށާއި، އިންޑިއާ މާކެޓަށް އަނެއްކާވެސް ބަލަންޖެހޭ ކަމަށެވެ.

ރާއްޖޭގެ ޕްރޮޑަކްޓް މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެންމެ ބޮޑަށް ވިސްނަންވީ ހުރިހާ މާކެޓަކުންވެސް މީހުން އަންނާނެ ގޮތެއް ހޯދުން ކަމަށެވެ.

އަދި އުންމީދަކީ ކުރިން އެއްވަނައިގައި އޮތް ޗައިނާ މާކެޓް މުސްތަގުބަލުގައި ކުރިއަރައިގެން ދިއުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާލުވީ އިތުރު މާކެޓްތަކަށް، ހުރިހާ ދިމާލަކަށްވެސް މަސައްކަތް ކުރަމުން ދާކަމަށެވެ.

މާޗު މަހުގައި ރަޝިޔާއިން ރާއްޖެއަށް 52،081 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިވެއެވެ.

މިނިސްޓަރ ވިދާޅުވީ ރަޝިއާއަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި ނަމަވެސް ރަޝިއާގެ މާކެޓު ދަށަށް ގޮސްފައިވަނީ ރަޝިޔާ އާއި ޔުކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމަށެވެ.