ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ، ސަރުކާރުގެ ވަގުތީ ކެބިނެޓް އެކުލަވާލައިފިއެވެ.
ސްރީލަންކާއިން ލިބޭ ރިޕޯޓްތައް ބުނާގޮތުގައި، އަލަށް އެކުލަވާލީ 4 މެމްބަރުންގެ ކެބިނެޓެކެވެ.
ރައީސް އެކުލަވާލެއްވި ވަގުތީ ކެބިނެޓްގއި ހިމެނިވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރާއި، އެޑިއުކޭޝަން މިނިސްޓަރާއި، ފޮރިން މިނިސްޓަރާއި، ހައިވޭ މިނިސްޓަރެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އިއްޔެ ޖަސްޓިސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އަލީ ސަބްރީއެވެ.
ސަބްރީއަށް ފިނޭސް މިނިސްޓަރުކަން ދެއްވިއިރު، ފިނޭސް މިނިސްޓަރު ކަމުގައި ކުރިން ހުންނެވީ ރައީސް ގޮޓަބާޔަ ރާޖަޕަކްސަގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ބަސިލްއެވެ.
ކުރިންވެސް އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދިނޭޝް ގުނަވަރްދަނާ ވަގުތީ ކެބިނެޓުގައި އައްޔަން ކުރައްވާފައިވަނީ ހަމަ އެ މަގާމަށެވެ.
ޕްރޮފެސަރ ޖީއެލް ޕީރީސް އައްޔަން ކުރެއްވީ ކުރިންވެސް ހުންނެވި ފޮރިން މިނިސްޓަރުގެ މަގާމަށެވެ. އަދި މިނިސްޓަރ އޮފް ހައިވޭސްގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ޖޯންސްޓަން ފަރނާންޑޯއެވެ.
މި ހަތަރު ބޭފުޅުންވެސް މިއަދުވަނީ ރައީސް ގޮޓަބާޔަ ރާޖަޕަކްސަގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާ ކުރައްވާފައެވެ.
ކެބިނެޓަށް ހަތަރު ވަޒީރުން އައްޔަން ކުރެވުނީ، ދާއިމީ ކެބިނެޓެއް އެކުލަވލެވެންދެން ވަގުތީ ފިޔަވަޅެއްގެ ގޮތުން ކަމަށް ސަރުކާރުގެ މަސްދަރުތަކުން ބުނެއެވެ.
ހަތަރު މެމްބަރުންގެ ކެބިނެޓެއް އެކުލަވާލުލުން އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން އެބަގެންދެއެވެ.
އެމީހުން ބުނަމުންދަނީ، ސްރީލަންކާއަށް މިވަގުތު ބޭނުންވަނީ ހުރިހާ ޕާޓީތައް ބައިވެރިވާ ސަރުކާރެއް ކަމަށާއި، އެންމެ ހަތަރު މެމްބަރުންގެ ވަގުތީ ކެބިނެޓެއް ނޫންކަމަށެވެ.
ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ފިޔަވައި، ކެބިނެޓުގެ ހުރިހާ ވަޒީރުން ރޭގައި އިސްތިއުފާ ދެއްވީވެސް، ހުރިހާ ޕާޓީތައް ބައިވެރިވާ ވަގުތީ ސަރުކާރެއް އެކުލަވާލަން މަގުފަހި ކުރުމުގެ ގޮތުންނެވެ.
އަނެއްކޮޅުން، ސްރީލަންކާގެ އާންމުން މިއަދުވެސް ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުން އެބަގެންދެއެވެ. އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ގެކޮޅަށް ވަދެގަތުމަށް މިއަދުވެސް މަސައްކަތް ކުރަމުން އެބަގެންދެއެވެ.
ސަލާމަތީ ބާރުތަކަށް ބައެއް ހިސާބުތަކުން އާންމުން ކޮންޓްރޯލް ނުކުރެވޭ ކަމަށްވެސް މީޑިއާއިން ރިޕޯޓްކުރެއެވެ.