މިއަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ގެ ނިޔަލަށް މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ބާވަތެއްގެ އަދި ހުރިހާ ގިންތިއެއްގެ މުދާ، މުދާ އުފުލާ އުޅަނދުގައި އުފުލެނެކަމަށެވެ.

އަދި ހަވީރު 16:30 އިން ފެށިގެން 20:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް، އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާކަމެއްކަމަށް ބުނެފައިވެއެވެ.

ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގައި މުދާ އުފުލާ އުޅަނދުގައި މުދާ އުފުލުމާއި އަދި މިވަގުތުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުންކަމަށްވެސް އަންގާފައިވެއެވެ.

މީގެއިތުރުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ފެނާއި ކައްކާ ގޭސް ބުރިޖު ހުރަސްކޮށް ގެންދެވޭނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މިއެންގުމާއި ހިލާފުވާ ފަރާތްތަކަށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށާއި، އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ރަމަޟާން މަހުގައި މިގޮތަށް ޢަމަލުކުރުމަށް ވަނީ އަންގާފައެވެ.