ސްރީލަންކާގެ ޕާލަމެންޓްގައި ސަރުކާރަށް އޮތް އަޣުލަބިއްޔަތު އަންގާރަ ދުވަހު ގެއްލޭނެ ކަމަށް، އެގައުމުން ލިބެމުންދާ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ސްރީލަންކާގެ ކުރީގެ މިނިސްޓަރެއް ކަމަށްވާ އުދާޔާ ގައްމަންޕިލާ ވިދާޅުވީ، ސަރުކާރު ހިންގާ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީއަށް ޕާލަމެންޓްގައި އޮތް އަޣުލަބިއްޔަތު އަންގާރަ ދުވަހު ގެއްލޭނެ ކަމަށާއި، މިއީ، ސްރީލަންކާގައި އެޕާޓީން މިހާރު ކުރަމުންދާ ވެރިކަމުގެ ނިމުމުގެ ފެށުން ކަމަށެވެ.
ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީއަކީ ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕާޓީއެވެ. އެ ޕާޓީގެ ޗެއަރޕަސަންއަކީ ޚާރިޖީ ވަޒީރު ޖީއެލް ޕީރީސްއެވެ.
ބޮޑުވަޒީރުގެ ޕާޓީއަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު މާދަމާ ގެއްލޭނެ ކަމަށް ބުނާއިރު، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ސްރީލަންކާ ފްރީޑަމް ޕާޓީން މިއަދުވަނީ، ކޯލިޝަނުން ވަކިވާން ނިންމާފައެވެ. ސްރީލަންކާ ފްރީޑަމް ޕާޓީގެ ލީޑަރަކީ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާއެވެ.
އެ ޕާޓީން މިއަދު ބުނެފައިވަނީ، ސަރުކާރު ކޯލިޝަނުން ވަކިވެ އެ ޕާޓީން ދެން ޕާލަމެންޓްގައި ހަރަކާތްތެރިވާނީ މިނިވަން ގްރޫޕެއްގެ ގޮތުގައި ކަމަށެވެ. އެޕާޓީގެ 14 މެމްބަރުން ޕާލަމެންޓްގައި ތިއްބަވައެވެ.
ހުރިހާ ޕާޓީއެއް ބައިވެރިވާ ވަގުތީ ސަރުކާރެއް އެކުލަވާލަން ރައީސް ގޮޓަބާޔަ ރާޖަޕަކްސަ އެއްބަސްވެވަށައި ނުގަންނަވާނަމަ ސަރުކާރު ކޯލިޝަނުން ވަކިވާން ޖެހިދާނޭކަމުގެ އިންޒާރު ސްރީލަންކާ ފްރީޑަމް ޕާޓީން ކުރިން ދީފައި ވެއެވެ.
ނަމަވެސް، ރައީސް ގޮޓަބާޔަ ރާޖަޕަކްސަ ފުރަތަމަ ކުރެއްވި ކަމަކީ، ހަތަރު މެމްބަރުން ހިމެނޭ ވަގުތީ ކެބިނެޓެއް އެކުލަވާލެއްވީއެވެ. އަދި އޭގެފަހުން ވަނީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ބައިވެރިވުމަށް ހުރިހާ ޕާޓީތަކަށް ދައުވަތު ދެއްވާފައެވެ.
ރައީސްގެ ދައުވަތަށް އިދިކޮޅު ހުރިހާ ޕާޓީތަކުންވެސް ވަނީ ދެކޮޅު ހަދާފައެވެ.
ސްރީލަންކާގެ ކުރީގެ ސްޓޭޓް މިނިސްޓަރ ނިމާލް ލަންޒާ މިއަދު ވިދާޅުވެފައިވަނީ، ރައްޔިތުންގެ އަޑުތައް އަހަން ސަރުކާރުން ދެކޮޅު ހަދާނަމަ ޕާލަމެންޓުގައި ހިމެނޭ ސަރުކާރަށް ނިސްބަތްވާ 50 މެމްބަރުން ދެން މަސައްކަތް ކުރައްވަނީ މިނިވަން މެމްބަރުންގެ ގޮތުގައި ކަމަށެވެ.
ސްރީލަންކާގެ ޕާލަމެންޓުގައި ޖުމްލަ 225 ގޮނޑި ހިމެނޭއިރު، އަޣުލަބިއްޔަތަކީ 113 ގޮނޑިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ސަރުކާރުން ކަންތައްކުރާ ގޮތުން ހިތްހަމަ ނުޖެހިގެން ސްރީލަންކާގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާ މީހުންވަނީ، ސަރުކާރަށް ނިސްބަތްވާ ޕާލަމެންޓް ހުރިހާ މެމްބަރުންގެ ގެތަށް ވަށާލާފައެވެ. އަދި ބައެއް ގެތަކަށް އެކި ކަހަލަ ހަމަލާތައްވެސް ގެންދަނީ ދެމުންނެވެ.
ސަރުކާރަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރުގެ އިތުރުން، ބޮޑުވަޒީރުގެ ގެކޮޅާއި، ބޮޑުވަޒީރުގެ އޮފީހާއި ރައީސްގެ ގެކޮޅަށްވެސް އާންމުންގެ ހަމަލާތައް ދަނީ އަމާޒުވަމުންނެވެ. ސަލާމަތީ ބާރުތަކުން ގެންދަނީ އާންމުން ދުރަށް ޖައްސަން ކަރުނަގޭސް ޖަހައި، ޕްރެޝަރުގައި ފެންވެސް ޖަހަމުންނެވެ.