މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރަކީ، 2004 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ރ. ކަނދޮޅުދޫގެ ބޮޑު ބައެއް ހަލާކުވެދިއުމުން، އެރަށުގެ މީހުން އާބާދުވުމަށް ތަރައްޤީ ކޮށްފައިވާ ރަށެކެވެ. އައި.އެފް.އާރް.ސީ އާއި ދިވެހި ސަރުކާރުން ތަރައްޤީ ކުރެއްވި މިރަށަށް ރ. ކަނދޮޅުދޫ މީހުން ބަދަލުކުރީ، 2008 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ.

ސުނާމީގެ ބިޔަ ރާޅުތަކަށް "އަތުޖެހުނު" ކޮންމެ އެއްޗެއް ގެންދިޔަ ނަމަވެސް، އެ ރާޅުތަކަށް އަތު ނުވީ އެ ރަށު ރައްޔިތުންގެ ސަގާފަތާއި އާދަ އާއި ރަހަތަކެވެ. ރާޅަށް ނުގެންދެވުނީ މިއަދު ދުވާފަރު މީހުންގެ ގޮތުގައި ތިބި ކަނދޮޅުދޫ މީހުންގެ މަޖާ ގަނޑާއި ހުތްމަސްކާށީގެ މީރު ރަހައެވެ. މި ނޫނަސް އެރަށު މީހުންގެ ހޮބަލިހޮއްޔެ އާއި ތެޔޮމިރުސް ބަތް ލިސްޓަށް އިތުރު ނުކޮށްފި ނަމަ އަޅުގަނޑު ކުށްވެރި ވެދާނެއެވެ.

ކަން ދިމާކުރި ގޮތުން، ރ. އަތޮޅުގެ ރަށަކަށް ނިސްބަތްވުމާއެކު އަޅުގަނޑަށް ވަނީ އެކި ފަހަރުގެ މަތިން ދުވާފަރަށް ދަތުރުކުރެވި، މި ނަތްގަތް ކެއުންތަކުގެ ރަހަ ވެސް ބެލިފައެވެ. 2021 ވަނަ އަހަރުގެ ފަހުކޮޅު ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް ވީމީޑިއާގެ ފަރާތުން ދިޔަ ޓީމުގައި ވެސް އަޅުގަނޑު ހިމެނެއެވެ. އަޅުގަނޑުމެން ކުރި ދަތުރުގައި ވެސް ދުވާފަރުން މި ދެންނެވި ކެއުންތަކުގެ ތެރެއިން ބައެއް ކެއުންތަކަށް އިންސާފުކޮށްލީމެވެ.

ތެދަށް ދަންނަވާ ނަމަ ރަހައަށް ހަމަ އެއްވެސް ބަދަލެއް ނާދެއެވެ. އެ ރަހައިގެ ޖާދޫގައި ކުރިން އެތައް ފަހަރަކު ވެސް ޖެއްސި ގޮތަށް އެފަހަރުވެސް ޖެއްސިއެވެ. ފެނުނީމާ ކުޅުދިޔާވެސް ކުރުވިއެވެ. ދުވާފަރުގެ ވަރަށް ގިނަ މީހުން ބުނާ ގޮތުގައި އެ ރަށު މަޖާގެ ރަހަ ބަލައިފިނަމަ ދެވަނަ ފަހަރުވެސް އެ މަޖާގަނޑު ކާހިތްވާނެއެވެ. އެއީ ހަމަ ސަތޭކައިގެ ވާހަކައެކެވެ. ދުވާފަރު މީހުންނާ އަޅުގަނޑު އެކަމުގައި އެއްބަހެވެ. ގައިމުވެސް ދުވާފަރު މަޖާގަނޑެއް ކެވިއްޖެ ނަމަ، ޖެހިގެން އަންނަ ހައްސަ ދުވަހު ވެސް ސިކުނޑީ ތެރޭ އެނބުރެނީ އެ މަޖާގަނޑެއެވެ. އޭގެން ކުރި ރާހަތެވެ.

މަޖަލަކީ ސީދާ ދުވާފަރަށް ނޫނީ ކަނދޮޅުދުއަށް ހާއްސަ ކެއުމެކޭ ދަންނަވައިފި ނަމަ އެ ވެވެނީ ގައިމު ވެސް އެހެން ރަށްރަށަށް ވެވޭ ބޭއިންސާފެކެވެ. މަޖަލަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި ޒަމާނުންސުރެ ތައްޔާރުކުރާ ކެއުމެކެވެ. އެކަމަކު ތެދަށް ދަންނަވާ ނަމަ ދުވާފަރުގައި ރަހަ ތަފާތެވެ. މާ މީރެވެ. މި ކަމުގައި އަޅުގަނޑަށް ތާއީދުކުރާނެ އެެތައް ބަޔަކު ތިބޭނެކަން ގައިމެވެ.

ދުވާފަރު މަޖާ --- ފޮޓޯ: ވީނިއުސް

މަސްކާށްޓަކީ ލައިގެން ކާއެއްޗެކެވެ. މިހަދަނީ ކިހައް، ހިކިމަސް، ކާށި، ފިޔާ، ހުތް، މިރުސް، ލޮނު، މިތަކެތި ލައިގެންނެވެ. އާންމުކޮށް ރަށްރަށުގައި މަޖާ އަދި މަސްކާށި ހަދައި އުޅެނީ ކޮންމެ ވެސް މުނާސަބެއްގައެވެ. އެކަމަކު މަޖަލަކީ ދުވާފަރުގެ އާންމު ކެއުންތަކުގެ ތެރޭގައި ވެސް ހިމެނޭ ކެއުމެކެވެ. ވަކި މުނާސަބެއް ވަގުތެއް ސާއަތެއް ނުބަލައެވެ. އޮންނަނީ ކާން ހިތަަށް އެރުމެވެ.

މިއާ ޚިލާފަށް ދުވާފަރު މީހުން ބުނާ ގޮތުގައި އެ ރަށަށް ހާއްސަ ހުތްމަސްކާއްޓަކީ ރޯދަމަހަށް ހާއްސަކޮށް ދުވާފަރުގައި ތައްޔާރުކުރާ ބާވަތެކެވެ. ހުތްމަސްކާއްޓަކީ ލައިގެން ކާ އެއްޗަކަށް ވާއިރު، މިއާއެކު ކާލަން އެންމެ ކަމުދަނީ ފެންފޮޅިއާއި ބަތްޕެނެވެ. ރޮއްޓާއެކު ވެސް މި ކައި އުޅެއެވެ.

ދުވާފަރުގެ ތަފާތު ރަހަތަކުގެ ތެރެއިން ދެން އޮތީ ދުވާފަރުގެ ހޮބަލިހޮއްޔެއެވެ. ދުވާފަރު މީހުން މި ތައްޔާރުކުރަން ބޭނުންކުރަނީ، ވަޅޯ މަހާއި ކާށްޓާއި ކޮތަނބިރި އާއި ދަވިއްގަނދާއި ކުދި ދިރި އަދި ފިޔާގެ އިތުރުން، ހިކަނދިފަތާއި ރާނބާފަތް، ބޯކިރު، ރީނދޫ އަދި ތެލެވެ.

އެ މީހުން މި ތައްޔާރުކުރާ ގޮތަކީ، ފުރަތަމަ ހަވާދުކޮޅު ތައްޔާރު ކޮށްލުމަށް ކޮތަނބިރި އާއި ދަވިއްގަނދު އަދި ކުދިދިރި ކޮޅު ދަވާލަނީއެވެ. އެއަށްފަހު ހުނި، ހިކަނދިފަތް، ފިޔާ، އިނގުރު، ލޮނުމެދު އަދި ރީނދޫ ކޮޅާއެކު ކުރިން ދެވި ތަކެތި ފުނޑާލައި ހަވާދުގަނޑު ތައްޔާރުކުރެއެވެ. ދެން މަސްކޮޅު ތެރެއަށް ލޮނުކޮޅެއް ލުމަށްފަހު ބޯކިރުކޮޅު އަޅާފައި އެކުވެލާ ވަރަށް ކުޑަކޮށް މޮޑެލައެވެ. އެއަށްފަހު ފުނޑި ހަވާދުގަނޑާ އެއްކޮށްލައި ތެޔޮ ފޮދެއްގެ ތެރޭގައި ފިޔާ، ހިކަނދިފަތް އަދި ރާނބާފަތްކޮޅު ވަޅޯ ކޮށްލުމަށް ފަހު ކުރިން ހަވާދާއި ކިރުކޮޅާ އެއްކޮށްލި މަސްކޮޅު މީގެ ތެރެއަށް އަޅާ ލޮނު ހެޔޮވަރުކޮށް ކައްކާލުމުން އެހެރީ ނިމިފައެވެ.

އެންމެ ފަހު ކެއުމަކަށް މި ބަލާލަނީ ދުވާފަރުގެ ތެޔޮމިރުސްބަތަށެވެ. މި ތައްޔާރުކުރަން، އެންމެ ފުރަތަމަ ހަދާ ގޮތަކީ، ތެޔޮ ފޮދެއްގެ ތެރެއަށް ފިޔާކޮޅެއް އަޅައި ކުޑަކޮށް މިލުމުން، ގިތެޔޮ މިރުސް، ހިކި މިރުސް އަދި ހިކަނދިފަތްކޮޅެއް އަޅައި ވަޅޯ ކޮށްލަނީއެވެ. އެއަށް ފަހު ސޫޕް ޕެކެޓަކާއި ކޮށާފައި ހުރި މަސްކޮޅެއް އަޅައި މަސްކޮޅު ހަރުވަންދެން ހަލަނީއެވެ. މަސްކޮޅު ހަރުވުމުން އޭގެ ތެރެއަށް ރިހާކުރު، ޓޮމާޓޯ ޕޭސްޓު، އޮއިސްޓާ ސޯސް އާއެކު ފެންފޮދު އަޅައި ކައްކައެވެ. ދެން. ޕޭސްޓުގަނޑު ރޯފިލުމުން ބަތްކޮޅަކާ އެއްކޮށްލާނީއެވެ.

ދުވާފަރުގެ މި ކެއުންތައް އެންމެ ފުރިހަމަ ގޮތުގައި އަޖުމަ ބަލާލެވޭނީ އެ ރަށަށް ގޮސްގެންނެވެ. ރެސިޕީ ކިޔައި ދިނަސް، ފަހަރުގައި އެ މީހުން ކެއްކުމުގައި ބޭނުންކުރާ ސިއްރު އުކުޅުތަކެއް ވެސް ހުރެދާނެތީއެވެ.