ސަރުކާރުގެ ހަތަރު ކުންފުނީގައި އެއްފަހަރާ މަސައްކަތް ކުރާ މީހުން އުޅޭ ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މެމްބަރު އާޒިމް މި ފަދައިން ވިދާޅުވީ، މަޖިލިިސް ޖަލްސާގައި މިއަދު ކުރިއަށް ދިޔަ ކުންފުނިތަކާ ބެހޭ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މެމްބަރު އަލީ އާޒިމް ވިދާޅުވީ، އާދައިގެ މީހަކު ވަޒީފާއެއް ނުލިބިގެން އުޅޭއިރު، އެކަކު ހަތަރު ކުންފުނިން ދައުލަތުން އެކި ގޮތްގޮތަށް މުސާރަ ނަގަމުންދާ މަންޒަރު ފެންނަ ކަމަށެވެ.

"ބައެއް ކުންފުނިތަކުގައި އެބަ ތިބި އެކަކު ހަތަރު ކުންފުނީގައި މަސައްކަތް ކުރޭ. ކިހިނެއްތޯ ހަދާނީ؟ އަޅުގަނޑުމެންގެ އާދައިގެ މީހަކު އެބައުޅޭ ވަޒީފާ ގަނޑެއް ނުލިބިގެން. އެކަމެއް ނުކޮށްދެވޭ. އެކަމަކު އެކަކު ހަތަރު ކުންފުނިން ދައުލަތުން އެކި ގޮތްގޮތަށް މުސާރަ ނަގަމުންދޭ"
މެމްބަރު އަލީ އާޒިމް

މެމްބަރު އާޒިމް ވިދާޅުވީ އެއްވެސް މަސައްކަތެއް ނުކުރާ ސަރުކާރުގެ ދިހަ ކުންފުނި އެބަ އޮތް ކަމަށާއި އެ ކުންފުނިތައް އުވާލަން ޖެހޭ ކަމަށެވެ. އަދި ކުންފުނިތަކުގެ ބިލު ކޮމިޓީ މަރުހަލާގައި އެ ކުންފުނިތަކުގެ މަސައްކަތްތައް ބަލަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މި ސަރުކާރުން މިހާތަނަށް ބާރަ ކުންފުނި އުފައްދާފައިވާ ކަމަށާއި އޭގެ ތެރޭގައި ޖީބަށް ބޮޑުކުރަން ހިންގާ ކުންފުނިތައް ވެސް ހިމެނޭ ކަމަށް ފާހަގަކުރައްވައި، އާޒިމް ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އުފެއްދި ކުންފުނިން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

ސަރުކާރުން ބޯހިޔާވަހިިކަމާއި ގުޅުން ހުރި ކަންކަމަށް ހެދި ތިން ކުންފުންޏެއް އެބަ އޮތެވެ. އޭގެ ތެރެއިން އެއް ކުންފުންޏަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނެވެ.