ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލުގެނެސްގެން ވިޔަސް، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ހޯދަން މަސައްކަތްކުރާނެ ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް ނައިބް ރައީސް އަބްދުއްސަލާމް ވިދާޅުވިއެވެ.

ނައިބު ރައީސް އަބްދުއްސަލާމް މިފަދައިން ވިދާޅުވީ އޭސީސީން މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއި ކޮމިޝަންގައި މިހާރު ހުރި މައްސަލަތުގެ ތަފްސީލް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އޭސީސީގެ ނައިބް ރައީސް އަބްދުއްސަލާމް ވިދާޅުވީ މިމައްސަލައަކީ ކޮމިޝަނުން އެންމެ އިސްކަންދީގެ ބަލާނެ އެއް މައްސަލަ ކަމަށެވެ. މިމައްސަލަ ތަހުގީގް ކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ތަހުގީގް މަރުހަލާއިން ފެށިގެންވެސް ދައުލަތަށް ގެއްލިފައިވާ ފައިސާ އަބުރާ ހޯދުމަށްކަމަށެވެ. ކޮމިޝަނުން މިތަހުގީގަށް މިހާރު 12 އިންވެސްޓިގޭޓަރުން ކަނޑައަޅައި، ފުލުހުންނާއި، ޕީޖީ އޮފީހާއި ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

"އެމްއެމްޕީއާރުސީ މައްސަލަގައި އެންމެ ބޮޑަށް ފޯކަސް ކުރާނީ ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް. އަޅުގަނޑުމެން ޤާނޫނުތަކައި ގަވާއިދު ތަކަށް ބަދަލު ގެނެސްގެންވެސް، ޖިނައީ އަދުލުގެ ނިޒާމުގައި ބުނެފައިވާ ފައިސާ ހޯދުުގެ ބަޔަށް ޚައްސަ އިސްކަންދޭނަން"
އޭސީސީގެ ނައިބް ރައީސް އަބްދުއްސަލާމް

އޭސީސީން މިތަހުގީގް ކުރިއަށް ގެންދާއިރު އިސްކަންދޭނެ ކަންކަމާއި ގުޅޭގޮތުން ކޮމިޝަންގެ މެމްބަރު އަލްއުސްތާޛާ ޝިޔާމާ މުހައްމަދު، ވިދާޅުވީ، އެންމެ އިސްކަމެއް ދޭނީ ތަހުގީގް ކުރުމުގައި ރިކަވާ ކުރެވޭ ނިޒާމު ހަރުދަނާ ކުރަން ކަމުގައެވެ. ކޮންމެ މައްސަލައެއްގެ ތަހުގީގް ފަށާއިރުވެސް އެމައްސަލައަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ހިމެނޭ މައްސަލައެއްތޯ ބަލައި ތަހުގީގް މަރުހަލާ ތެރެއިންވެސް މިކަމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުލަތަސް ލިބެންޖެހޭ ފައިސާ ނުލިބި ހުރިކަމީ އާންމު ރައްޔިތުންނާއި، ދައުލަތުގެވެސް އެންމެ ބޮޑު ކަންބޮޑުވުން. މިހާރު ދަނީ ދިރާސާ ކުރަމުން އެސެޓް ރިކަވާ ކުރުމަށް ކުރަންޖެހޭ ކަންކަން. ޤާނޫނު އިސްލަހު ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ. މިހާތަނަށް އެސެޓް ރިކަވާ ކުރެވޭނެ ނިޒާމެއް ނެތް".
މެމްބަރު ޝިޔާމާ

ޝިޔާމާ ވިދާޅުވީ އޮޑިޓް އޮފީހާއި، އޭސީސީން މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގައިވެސް އެސެޓް ރިކަވާ ކުރުމުގެ ބައި އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށް ގޮސްފައި ނުވާކަމަށެވެ. ނަމަވެސް ރައްޔިތުންނާއި ގުޅުންހުރި، ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ ބޮޑެތި މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި މިހާރަށް ވުރެ ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރެވިގެންދާނެ ކަމަށް ޝިޔާމާ ފާހަގަ ކުރެއްވިއެވެ.

މިހާތަނަށް މިމައްސަލަ ބަލަމުން ދިޔައީ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި އުފައްދަވާފައިވާ ކޮމިޝަނުންނެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު އެކޮމިޝަން އުވާލުވުމާއި ގުޅިގެން އެމްއެންޕީއާރުސީގެ މައްސަލަ ތަހުގީގު ކުރުމުގެ ޒިންމާ ވަނީ އޭސީސީއައި ހަވާލު ކުރެވިފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.