އިންޑިއާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓާ އިތުރުކުރުމު ގެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން "ޕިކްޔޯޓްރެއިލް" އާއެކު ކެންޕެއިނެއް ފަށައިފިއެވެ.

ތިން މަހުގެ މި ހާއްސަ ކެމްޕެއިން ކުރިއަށް ގެންދާނީ އޭޕްރިލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އިންޑިއާ މާކެޓުގައި ހަރަކާތްތެރިވާ ފަތުރުވެރިކަމާ ބެހޭ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށެވެ.

ޕިކްޔޯޓްރެއިލް އަކީ އިންޑިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ އެއް ޓްރެވަލް ކުންފުންޏެވެ. މިއީ ޒުވާން ފަތުރުވެރިންނަށް، އަމިއްލައަށް ބޭނުން ގޮތަކުން ދަތުރުތައް ކަސްޓަމައިޒްކޮށް، އޮންލައިންކޮށް ޓްރިޕް ބުކްކުރުމުގެ ފުރުސަތު ފަހިކޮށްދޭ ކުންފުންޏެކެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް ޓިކެޓް، ޑޮކިއުމަންޓު، އަދި މަންޒިލްގައި ހިދުމަތްދޭ ރެސްޓޯރެންޓުތަކާއި، ޓުއަރިސްޓް ސްޕޮޓްތަކުގެ ފުރިހަމަ މައުލޫމާތު ލިބެން ހުންނާނެއެވެ. އިންޑިއާގެ އެންމެ ރަގަނޅު ރޭޓިން ލިބިފައިވާ ޓްރެވަލް ކުންފުނި، ޕިކްޔޯޓްރެއިލްއިން ވަނީ ދުނިޔޭގެ 14 ޤައުމަކުން 50،000 ފަތުރުވެރިންނަށް ޓްރިޕްތައް ފަރުމާކޮށްދީފައެވެ.

ޕިކްޔޯޓްރެއިލް އާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތައް އިޝްތިހާރުކޮށް، ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އަދި ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރެވޭނެއެވެ. މި ކެމްޕެއިން ގެސަބަބުން އިންޑިއާ މާކެޓުގާ ރާއްޖޭގެ ބްރޭންޑު އިތުރަށް އިޝްތިހާރުވެ، މި މާކެޓުން ރާއްޖެއަށް އޮންނަ ސޭލްސް އަދި އިންކުއަރީ އިތުރުވެ، ރާއްޖޭއަށް އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދާއި، މި މާކެޓްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވާނެކަމަށް ބެލެވެއެވެ.

މިއީ އިންޑިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގޭ ކެމްޕެއިނެކެވެ. މި ސްޓްރެޓަޖީގެ ޓާގެޓަކީ ރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޤައުމެއްކަމުން މިއީ ގައިދުރުކަން ދަމަހައްޓަން ފަސޭހަ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓް ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތައް އިންޑިއާ މާކެޓުގައި އިޝްތިހާރުކުރުމެވެ. މީގެއިތުރުން މި މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފަތުރުވެރިންނަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތަކާއި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރުމެވެ.

އިންޑިއާއަކީ 2021 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި އެއް މާކެޓެވެ. މިއަހަރުގެ މާރިޗް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 289,864 ފަތުރުވެރިން ޒިޔާރަތްކޮށްފާވާއިރު، އިންޑިއާ މި މުއްދަތުގައި ހިމެނިފައިވަނީ 3 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައި ޤައުމުގެ ގޮތުގައެވެ. އެގޮތުން މި މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް 26،094 ފަތުރުވެރިން އައިސްފައިވެއެވެ.

އެމްއެމްޕީއާރުސީއިން އިންޑިއާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް މިދިޔަ އަހަރު 27 މާކެޓިން ހަރަކާތެއް ވަނީ ހިންގާފައެވެ. އެގޮތުން ޓްރެވަލް ޓްރޭޑްޖާނަލްއާއި، ވެޑިންސުތްރާއާއި، ޓީ3 ޕަބްލިކޭޝަން، އަދި މޭކްމައިޓްރިޕް އާއެކު ޖޮއިޓް ކެމްޕެއިންތައް ހިންގާފައިވެއެވެ. މީގެ އިތުރުން، ތޯމަސް ކުކްއާއި އެމޭޒަން އިންޑިއާއާއެކު ހިންގި ޖޮއިންޓް ކެމްޕެއިންތައް ފާހަގަކޮށްލެވެއެވެ. މި މާކެޓަށް ހާއްސަކޮށް ފެމިލިއަރައިޒޭޝަން ދަތުރުތަކާއި، އިންޑިއާގައި ބޭއްވި ބޮޑެތި ފެއަރތަކުގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ރޯޑްޝޯ އަދި ޕްރެސް ކޮންފަރެންސްތައްވެސް ވަނީ ބާއްވާފައެވެ.

މި އަހަރުވެސް މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއްހިންގުމަށް ވަނީ ރާވާފައެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށްބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، ވޯލްޑް ޓްރެވަލް އެވޯރޑްސް" (ޑަބްލިއުޓީއޭ) 2021ގައި ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބުކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.