ތޫނު އެއްޗަކުން ހަމަލާދީ، ގ. ވޭރު، އަބްދުލް މުހީތު (ބޮބީ) މަރާލުމުގެ ކުށް ސާބިތުވެ، މެރުމަށް ހުކުމްކޮށްފައިވާ ދެމީހުންނަށް ވަކީލަކު ހަމަޖައްސަން ހައިކޯޓުން މިއަދު 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

މުހީތަށް ހަމާލާދީ މަރާލާފައިވަނީ 2012ވަނަ އަހަރުގައެެވެ. ގްރޫޕަކުން ވަޅިން ދިން އެ ހަމަލާތަކުގައި މުހީތުގެ ހަށިގަނޑުގެ 20 ތަނެއް ޒަަހަމުވެފައި ވެއެވެ.

މުހީތުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ އޭރު 18 އަހަރު ނުވާ ކުޑަ ތިން ކުދިންގެ މައްޗަށެވެ. މިމައްސަލާގައި ދައުލަތުން ދައުވާ ކުރި ތިން މީހުންނަކީ ގދ. ގައްދޫ، އަބްލަޣީގޭ މުހުޖަތު އަހްމަދު ނާސިހު އާއި، ޅ. ނައިފަރު، ޒައިތޫނިގެ މުހައްމަދު މައިމޫނާއި، ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފައުއެވެ.

މިމައްސަލާގައި ކުށް ސާބިތުވެ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މުހުޖަތާއި މުހައްމަދު މައިމޫންގެ މައްޗަށެވެ. އެ ހުކުމް އެ ދެ މީހުންގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް މިއަދު ބޭއްވި އަޑުއެހުމަށް އެދެމީހުންގެ ވަކީލުން ހާޒިރެއް ނުވެއެވެ. ވަކީލު ހާޒިރުނުވީ ކީއްވެކަން ނޭނގޭކަމަށް އެދެމީހުން މިއަދުގެ އަޑުއެހުމުގައި ވަނީ ބުނެފައެވެ.

އެހެންކަމުން ވަކީލަކު ހަމަޖައްސަން އިތުރު 10 ދުވަހުގެ މުއްދަތެއް ދޭން މިއަދުގެ އަޑުއެހުމުގައި ގާޟީ ވަނީ ނިންމަވާފައެވެ. ނަމަވެސް އެއީ ވަކީލުން އައްޔަން ކުރުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތުކަމުގައި ގާޟީ ވިދާޅުވިއެވެ. ދެން އޮންނަ އަޑުއެހުމަށް ވަކީލަކު ހަމަނުޖެއްސުނު ނަމަވެސް، އަޑުއެހުން ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެ، މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފައެެވެ.

މުހީތުއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ރޭ 01:50 ހާއިރުއެވެ.