ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސައަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ގެއްލިވަޑައިގެންފިއެވެ.
ރައީސަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ގެއްލިވަޑައި ގެންނެވީ، މިހާރު ކުރިއަށްދާ ޕާލަމެންޓުގެ ޖަލްސާގެކުރިން، ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ އެތައް މެމްބަރުންގެ ތާއީދު އަނބުރާ ގެންދެވުމުންނެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެތައް ޕާޓީއަކުންވަނީ، އެޕާޓީތަކުގެ މެމްބަރުން މިއަދުން ފެށިގެން ޕާލަމެންޓުގައި މަސައްކަތް ކުރައްވާނީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައިކަން އިއުލާން ކޮށްފައެވެ.
ޕާލަމެންޓް ޖަލްސާގައި ވާހަކަ ދައްކަވަމުން، ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަގެ ޕާޓީއަށް ނިސްބަތްވާ ބައެއް މެމްބަރުންނާއި، ސްރީލަންކާ ފްރީޑަމް ޕާޓީ، ސިލޯން ވޯރކަރސް ކޮންގްރެސް، އޯލް ސިލޯން މައްކަލް ކޮންގްރެސް، އަދި ސަރުކާރަށް ނިސްބަތްވާ 11 ކުދި ޕާޓީތަކުންވެސް ވަނީ ތާއީދު އަނުރާ ގެންދިޔަކަން ހާމަކޮށްފައެވެ.
އެގޮތުން، ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕާޓީގެ 9 މެމްބަރުން، ސަރުކާރަށް ނިސްބަތްވާ ކުދި ޕާޓީތަކުގެ 16 މެމްބަރުން، ސްރީލަންކާ ފްރީޑަމް ޕާޓީގެ 14 މެމްބަރުން، ސިލޯން ވޯރކަރސް ކޮންގްރެސްގެ 2 މެމްބަރުން އަދި އޯލް ސިލޯން މައްކަލް ކޮންގްރެސްގެ 1 މެމްބަރަކު ސަރުކާރާ ވަކިވެ، މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި މަސައްކަތް ކުރަން ނިންމަވާފައި ވެއެވެ.
މިކަމާހެދި، ކުރިން ޕާލަމެންޓުގައި އޮތް ރައީސް ގޮޓަބާޔަ ރާޖަޕަކްސަގެ ބާރުގަދަ ކޯލިޝަން ރޫޅިގެންދިޔައީއެވެ.
225 މެމްބަރުން ހިމެނޭ ޕާލަމެންޓުގެ އަޣުލަބިއްޔަތަކީ 113 ގޮނޑިއެވެ. ސަރުކާރު މިހާރުއޮތީ އަޣުލަބިއްޔަތަށްވުރެ 5 މެމްބަރުން މަދުކޮށެވެ.
އެހެން ނަމަވެސް، ސަރުކާރުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން މެމްބަރުން އުޅުއްވާކަމެއް ސާފެއް ނުވެއެވެ.
އެކަމަކު، ރައީސް ގޮޓަބާޔަ މިހާރު މުޅި ގައުމުގައި ހިންގަވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ވޯޓަކަށް ދިއުމަށްޓަކައި ޕާޓީތަކުގެ ލީޑަރުންނަށް ފުރުސަތު ދިނުމަށް ޕާލަމެންޓުގެ ޖަލްސާ މިހާރުވަނީ މެދުކަނޑާލާފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތާމެދު ޕާލަމެންޓުގައި މިރޭ ވޯޓު ނަގާނެކަމަށް ވެއެވެ.
އަނެއްކޮޅުން، ރައްޔިތުން ކުރަމުންދާ މުޒާހަރާތަކުގެ އަޑު ނާއްސަވައި އަދި އިދިކޮޅުގެ ގޮވާލުންތަކަށްވެސް ބީރު ކަންފަތެއް ދެއްވައި، ސްރީލަންކާގެ ރައީސް ގޮޓަބާޔަ އިއްޔެ އެކުލަވާލެއްވި 4 މެމްބަރުންގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ފިނޭސް މިނިސްޓަރ އަލީ ސަބްރީ މިއަދުވަނީ އިސްތިއުފާ ދެއްވާފައެވެ.
އަލީ ސަބްރީ ވިދާޅުވީ، ސްރީލަންކާގެ ފައިނޭންސް މިނިސްޓަރަކަށް މިވަގުތު ބޭނުންވަނީ، ގައުމަށް ދިމާވެފައިވާ ހާލަތުން ސަލާމަތް ކޮށްދެވޭނެ ގާބިލް ބޭފުޅެއް ކަމަށެވެ. އަލީ ސަބްރީ ކުރިން ހުންނެވީ މިނިސްޓަރ އޮފް ޖަސްޓިސްގެ މަގާމުގައެވެ.
ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި މިއަދުވެސް އާންމުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން އެބަ ގެންދެއެވެ. ވެރިރަށް ކޮޅުނބުގެ އެކި ހިސާބުތަކާއި ޕާލަމެންޓް އިމާރާތުގެ ކައިރީގައިވެސް މުޒާހަރާ ކުރަމުން ގެންދެއެވެ.
މަގޭ ހިތަށް ހަމައަރަނީ ރާއްޖޭގައިވެސް ލަސްތަކެއްނުވެ މިފަދަ ގޮތަކަށް ކަން ނުހިނގާނެބާއޭ