ރާއްޖޭގެ އެއްވަނަ ކުޅިވަރުގެ ގޮތުގައި އަބަދުވެސް ބެލެވޭ ފުޓުބޯޅައިގެ މައި ދަނޑެއްގެ ގޮތުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑު ތަޅާލުމަށްފަހު، އެތަނުގައި އަޅަން ނިންމާފައިވާ އައު ދަނޑުގެ ކުރެހުން ދަށްކާލައިފިއެވެ.

އިންޑިއާ ސަރުކާރުގެ އެލްއޯސީގެ ދަށުން އަޅާ އައު ދަނޑުގެ ޗާލު ކުރެހުންތައް ދައްކާލީ މިއަދު މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައެވެ.

އާންމުކޮށްފައިވާ ގަލޮޅު ދަނޑުގެ ކުރެހުމުގެ ފޮޓޯއެއް

މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި، އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯން އެހީގެ ތެރެއިން 2022 ވަނަ އަހަރު ގަލޮޅު ދަނޑުގެ ތަރައްގީކުރުމަށް ހިމަނާފައިވަނީ ސާޅިސް ފަސްމިލިއަން، ހަތަރުސަތޭކަ ނުވަދިހަ ހަތަރުހާސް ފައްސަތޭކަ ފަސް ރުފިޔާއެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓުގައި 10 މިލިއަން ރުފިޔާ ވަނީ ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ހިމަނާފައެވެ. އެހެންކަމުން ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ޖުމްލަ 55 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރާނެއެވެ.

މީގެކުރިން "ވީޓީވީ"ގެ "ވީސްޕޯޓްސް ޓޯކް" ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވި، ދަނޑުގެ މަރާމާތަށް ކަނޑައަޅާފައިވާ ބަޖެޓުގައި އެފެންނަ 55 މިލިއަން ރުފިޔާ އެއީ އަދި އެކަމުގެ ކުޑަކުޑަ މިންވަރެއް ކަމަށެވެ. މިހާރު ބެލިބެލުމުން ގަލޮޅު ދަނޑުގެ ތަރައްގީއަށް ގާތްގަނޑަކަށް 25 ނުވަތަ 26 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށާއި އެކަމަށް ބޭނުންވާ ލާރިވެސް މިހާރު ހަމަޖެހިފައިވާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

އާންމުކޮށްފައިވާ ގަލޮޅު ދަނޑުގެ ކުރެހުމުގެ ފޮޓޯއެއް

މިދަނޑުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އުންމީދު ކުރައްވާއިރު، ވީޓީވީގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަހްލޫފް ވިދާޅުވީ، ދަނޑުގެ މަސައްކަތް ކުރިއަށްދާއިރު ރާއްޖޭގެ ފުޓުބޯޅައިގެ ބޮޑެތު މުބާރާތްތަކާއި ދިވެހި ލީގުގެ މެޗުތައް ކުޅޭނީ ހުޅުމާލޭ ސްޓޭޑިއަމްގައި ނުވަތަ ޓާފް ދަނޑުގައި ކަމަށެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަލޮޅު ދަނޑު ތަރައްގީކުރުމުގެ ޕްލޭނެއް އޮތް ކަމަށް ވިދާޅުވެފައެވެ.

ގަލޮޅު ދަނޑަށް މެޗުބަލަން އާންމުގޮތެއްގައި ވަންނަ މީހުންގެ އަދަދު މަދުވި ނަމަވެސް، ގައުމީ ޓީމު މެޗެއް ކުޅޭނަމަ ދަނޑުގެ ޖާގަ ކުޑަކަމުގެ ޝަކުވާ އާންމުގޮތެއްގައި ދިވެހިން ކުރެއެވެ. މި ދަނޑާއެކު މިފަދަ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމުގެ އުންމީދު ކުޅިވަރާ ބެހޭ ވަޒީރު ކުރައްވައެވެ.

އާންމުކޮށްފައިވާ ގަލޮޅު ދަނޑުގެ ކުރެހުމުގެ ފޮޓޯއެއް

ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޮޑު މަރާމާތެއް އެންމެ ފަހުން ކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕަށެވެ. އެފަހަރު 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ދަނޑުގެ ރޮސްޓްރަމް މަތީގައި މީޑިއާ އާއި ވީއައިޕީ އަށް ހާއްސަކޮށް އިމާރާތެއް ހެދިއެވެ. އޭގެ ފަހުން މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ކުދިކުދި މަރާމާތުތަކެއް ދަނޑުގައި ވަނީ ކޮށްފައެވެ.